މޫދަކީ އަޖާއިބުކުރުވަނިމި ޖާދުލުން ފުރިފައިވާ ތަނެކެވެ. ހަމައެކަނި ލޮލުން މޫދު ފެނިލިއަސް ހިތަށް ހަމަޖެހުން ލިބެއެވެ. އަށާރަ ވަނަ ގަރުނުގެ އަހަރުތަކުގައި މޫދުފެން ނުވަތަ ލޮނުފެން ދެކެނީ ހުރިހާ ބައްޔަކަށް ހުރި ފަރުވާއެއްގެ ގޮތުގައެވެ. މިގޮތުން އޭރުގެ ބައެއް މާހިރުން، ހިތަށް ސްޓްރޯކް ޖެހުމުން ފެށިގެން ޑިޕްރެޝަން އަށް ދޭ ބޭހަކީ ލޮނުފެން ފޮދެކެވެ. 

ޒަމާނީ ބޭސްވެރިކަމުން މިހާރު ވަނީ ގިނަ އަދެދެއްގެ ބައްޔަށް ބޭސްތައް ހޯދައިފައެވެ. ނަމަވެސް މޫދުފެން ނުވަތަ ލޮނުފެނުގެ ފައިދާތައް އަދިވެސް އުވިގެނެއް ނުދެއެވެ. ގިނަ މީހުން ދެކޭ ގޮތުގައި މޫދު ކައިރީ ދިރިއުޅެން ފުރުސަތު ލިބުމަކީ ވަރަށް ނަސީބުވެރިންނަށް ލިބޭ ނިޢުމަތެކެވެ. ދިވެހިންނަކީ އެ ނިޢުމަތް ލިބިފައިވާ ބައެކެވެ.

މޫދުކައިރިން ނުވަތަ މޫދުން އަންނަ ވަޔަކީ ފުއްޕާމެޔަށް ނުހަނު ގިނަ ފައިދާތަކެއް ލިއްބައިދޭ ވައެކެވެ. ސިއްހީ ފައިދާތަކެވެ. ކުރެވުނު ގިނަ އަދަދެއްގެ ދިރާސާތަކުން ދެއްކި ގޮތުން ސިސްޓިކް ފިބްރޯސިސް (ފުއްޕާމޭ، ކިޑްނީ، ގޮހޮރުތައް އަދި މައިދާއަށް ލިބޭ ނުކުޅެދުންތެރިކަމެއް) ހުންނަ މީހުން މޫދު ކައިރިއަށް ދިޔުމުން ނުވަތަ މޫދު ކައިރީގެ ވައި ހަށިގަނޑަށް އެތެރެ ކުރުމުން ނޭވާ ހާސްވާ މިންްވަރު މަދުވެއެވެ. އޮސްޓްރޭލިއަން ޑޮކްޓަރުން ލަފާދެއްވާ ގޮތުން، ސިސްޓިކް ފިބްރޯސް ހުންނަ މީހުން މޫދަށް އެރި، ރާޅާ އެޅުވުން ފަދަ ކަންކަން ކުރުމަކީ އެމީހުންގެ ބައްޔަށް ގުދުރަތީ ފަރުވާއެއް ލިއްބައިދޭނެ ކަމެކެވެ.

އެންމެންނަށްވެސް އެނގޭނެ ފަދައިން، މޫދަށް އެރުމަކީ ނުވަތަ މޫދު ކައިރި އުޅުމަކީ ސްޓްރެސް އާއި އެންޒައިޓީ ފަދަ ނަފްސާނީ ބަލިތަކުން ދުރުކޮށްދޭނެ ކަމެކެވެ. ހުޅުވިފައި އޮންނަ މާހައުލަކު، ނޫ އުޑެއްގެ ދަށުގައި، ނޫ ކަނޑެއް ނުވަތަ މޫދެއްގައި ހުރުމަކީ ކުޅަދުންވަންތަކަމުގެ ހެކިތައް ދޭހަވެގެން ދިޔުމުގެ އިތުރުން ހިތަށް އާދަޔާ ޚިލާފު ހަމަޖެހުމެއް ލިއްބައިދޭނެ ކަމެކެވެ. ހަށިގަނޑުގެ ނާރުތަކުގެ ނިޒާމު ފުރިހަމައަށް މަސައްކަތް ކުރުމަށް އެހީވެދިނުމުގެ އިތުރުން މޫދުގައި އޮންނައިރު އިހުސާސް ކުރެވޭ ލުއިކަމުގެ ސަބަބުން މީހާގެ ސިކުނޑީގައި އެނބުރޭ ބަރު ނުވަތަ ބުރަ ވިސްނުންތަކުން ދޫކޮށްލެވޭ ގޮތް ވެއެވެ. މީގެ އެންމެ މައިގަނޑު އެއް ސަބަބަކީ މޫދުގައި އެކުލެވިގެންވާ މެގްނީޝިއަމް ނަމަކަށް ކިޔާ ވަރަށް ފައިދާ ހުރި ގުދުރަތީ މާއްދާއެކެވެ.

މޫދަށް ގޮސް، އެތަނުގައި ރަނގަޅު ވަގުތެއް ހޭދަކޮށްލެވޭ ދުވަހެއްގައި ރަނގަޅަށް ނިދާލަންވެސް ފަސޭހަވެގެން ދާނެއެވެ. މޫދު ކައިރިން ރާޅުތައް ގޮނޑުދޮށަށް ބީއްސާލާ އަޑު އިވޭ ކޮންމެ ފަހަރަކީ މީހާގެ ސިކުނޑި ހަމަޖައްސާލައި، ނަފްސަށް އުފާވެރިކަން ގެނެސްދޭ ފަހަރެކެވެ. އެ އަޑު މޫދު ކައިރިން ގިނައިރު އިވުމުގެ ސަބަބުން ނިދަން އޮންނައިރު ނުވަތަ އެނދުގައި އޮންނަ އިރުވެސް އެ ރީތި އަޑު ސިފަވެ، މޫދުގެ މަންޒަރުތައް މަތިން ހަނދާން ވުމުގެ ސަބަބުން ނިދަން ފެސޭހަވެގެން ދާނެއެވެ.

ދޫމި ނެގުން ފަދަ ހަންގަނޑަށް ދިމާވާ މައްސަލަތަކަކީ މޫދު ފެނުން އެއަށް ފަރުވާ ލިއްބައިދޭ ކަންތައްތަކެވެ. ލޮނު ފެނަކީ ހަންގަނޑަށް ދިމާވާ ތަފާތު އިންފްލެމޭޝަންތަކުން ދުރުކޮށްދޭ އެއްޗެކެވެ. މި ގޮތުން ހަންގަނޑު ރަތްވުމުން ދުރުކޮށް ދިނުމާއި، ހަންގަނޑުގައި ހުންނަ ޖަރާސީމާއި ބެކްޓީރިއާތައް ނައްތާލައި، ހަންގަނޑު ތާޒާކޮށް ސާފުކުރުމަށްވެސް މޫދުފެނުން އެހީވެދެއެވެ.

މި ފައިދާތަކުގެ އިތުރުން މޫދު ކައިރީގައި އުޅުމަކީ މީހާގެ ސިކުނޑި ހަމަޖައްސައިދޭ، މީހާ އުފާކޮށްދޭ ކަމެކެވެ. ދިވެހިންނަށް ވަނީ މޫދުން ލިއްބައިދޭ ފައިދާގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމުގެ ފުރުސަތު ފުރިހަމަކަމާއެކު ލިބިފައެވެ. ދުނިޔޭގެ ބައެއް ހިސާބުތަކުގެ މީހުންނަކީ މަދު ފަހަރަކު ނޫނީ، މޫދަށް އެރުމުގެ ފުރުސަތު ލިބިފައިވާ ބައެއް ނޫނެވެ. އެހެންކަމުންް ދިވެހިން މި ނިޢުމަތަށް ޝުކުރުވެރިވެ، އޭގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް ޚާއްސަ އަހަންމިއްޔަތުކަމެއް ދިނުމަކީ މުހިންމު ކަމެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.