ރާއްޖޭގައި ކުޅޭ އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ކްލަބް މޯލްޑިވްސް ކަޕް 2019 ރޭ ހުޅުމާލޭ ރެހެންދި ސްކޫލް ޓާފުގައި ފަށައިފި އެވެ.
ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ އެ މުބާރާތް ރޭ ފަށާފައިވާ އިރު މިއީ މެދު ކެނޑުމެއް ނެތި މި މުބާރާތް ކުރިއަށް ގެންދާތާ 14 ވަނަ އަހަރެވެ.
އަންހެން ކެޓަގަރީއަކާއި ފިރިހެން ކެޓަގަރީއަކަށް ބަހާލައިގެން މި މުބާރާތް ކުރިއަށް ގެންދާ އިރު ފިރިހެން ކެޓަގަރީގައި ޖުމްލަ 32 ޓީމަކުން ބައިވެރިވެ އެވެ. އަދި އަންހެން ކެޓަގަރީގައި ނުވަ ޓީމެއް ވާދަކުރެއެވެ.
މިއަހަރުގެ ކުލަބް މޯލްޑިވްސް ކަޕުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ "މުޖުތަމައުގެ ރައްކާތެރިކަން – އެންމެންގެ ޒިންމާއެއް" މިފަދައިންނެވެ.
މިއަހަރުގެ މުބާރާތުގެ ފޯރި ގަދަކުރުމުގެ ބޭނުމުގައި ސަރުކާރުގެ އިސްވެރިންނާއި ކުރިއަރަމުން އަންނަ ޒުވާން ކޯޓުންގެ ޓީމަކާއި ޤައުމީ ޓީމުގެ ވެޓަރަންސް ކުޅުންތެރީންގެ ތެރެއިން ހޮވާލެވުނު ކުޅުންތެރިން ހިމެނޭ ޓީމަކާއި ދެމެދު ވަނީ މެޗެއް ކުޅެވިފައެވެ.
ސަރުކާރުންގެ ފަޅިން ނެގި ޓީމުގައި ނައިބު ރައީސް ފައިސަލް ނަސީމާއި، ފަތުރުވެރިކަމާއި ބެހޭ ވަޒީރު އަލީ ވަހީދުއާއި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައްސަދު އަލީ ފަދަ ބޭބޭފުޅުން ހިމެނިފައިވެއެވެ.
އަދި ކުރީގެ ގައުމީ ޓީމުގެ ކުޅުންތެރިންގެ ޓީމުގައި މުހައްމަދު ޖަމީލް (ޖަމްބެ) އާއި، މޫސާ މަނިކު (ކުޑަމޫސާ) ފަދަ ކުޅުންތެރިން ހިމެނިފައިވެއެވެ.
ކުލަބް މޯލްޑިވްސް 2019 ރަސްމީކޮށް ފެށުމުގެ ގޮތުން ކުޅެވުނު މި ތާރީހީ މެޗުން ސަރުކާރުން ހޮވާލެވުނު ޓީމުގެ މައްޗަށް 7-5ގެ ނަތީޖާއަކުން ކުރި ހޯދީ ވެޓަރަންސް ޓީމުންނެވެ.