ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮތް ރީތި އާދަކާދަތައް މިދަނީ އަޅުގަނޑުމެންގެ ތެރެއިން ނެތެމުންނެވެ. މާތްވެގެންވާ އިސްލާމް ދީނުގައި މަނާކުރައްވާފައިވާ ކަންކަން ކުރުމުގައި މިއަދު ބައެއް ދިވެހިން އެދަނީ އަވަދިނެތި އުޅެމުންނެވެ. ތިބާ ދުނިޔެ މަތީގައި އުޅެފައިވާ ގޮތްތަކާއި މެދު ސުވާލު ކުރާނެ ދުވަހެއް އަދި އެބަ އޮތްކަން، ހަނދާން ނައްތާލައިގެން ތިބެ ފާފަތަކަށް އަރައިގަންނަ އިރު ބައެއް މީހުން އެންމެ ފަހަރަކުވެސް ވިސްނާ ނުލައްވަނީ ތޯއެވެ؟ ހިތާމައަކީ، މިއަދު ދިވެހިންގެ ތެރޭގައިވެސް އިސްލާމް ދީނުގައި ހަރާމް ކުރައްވާފައިވާ ކަންކަން އެއްވެސް ބިރެއް ނެތި ފާޅުގައި ކުރަމުން ދާކަމެވެ. މިއަދު ދިވެހި ޒުވާނުން އެއްވެސް ޖެހިލުމެއް ނެތި ފާހިޝް އަމަލުތަކަށް ދަނީ އަރައިގަންނަމުންނެވެ. ބިޓުން ނަގައިގެން ބިޓު ގުވައިގެން އެކަހެރި ވަގުތުކޮޅެއް ހޭދަކޮށްލަން ދެވެނީ ކޮންމެވެސް އަނދިރި މަގަކަށް ނުވަތަ އެފަދަ އެކަހެރިކޮށް ބޭނުން ގޮތަކަށް އުޅެވޭހެން ހުންނަ ކޮންމެވެސް ތަނަކަށެވެ.
ވެރި ރަށް މާލެ އަށް ބަލައިލާނަމަ އެގޮތަށް ދެޖިންސްގެ ޒުވާނުން "ހޮޅިދަނޑި ގުދުކުރުމަށް" ވަގުތުތައް ހޭދަކުރުމަށް ދާ އެއް މަންޒިލަކަށް ވެފައިވަނީ މާލޭގެ އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދެވެ. އެތަން މިހާރު ވެފައިވަނީ ޖޯޑް ޖޯޑްތައް ލޯބީގެ އެކެހެރި ބައްދަލުވުންތައް ބާއްވަން ދާ މަންޒިލަކަށެވެ. މިކަމާއި އަޅައިލާނެ މީހަކުވެސް ނުވަތަ މިކަން ހުއްޓުވާނެ ބަޔަކުވެސް ނެތެވެ. ރޭގަނޑު ބިޓު ގޮވައިގެން ލޯންގް ރައިޑަކަށް ގޮސް ގެޔަށް ދިޔުމުގެ ކުރިން އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދަށް ނުގޮސް ފާފައެއް ކޮށްނުލާ ގެޔަށް ގޮސްފިނަމަ ގައިން ބައެއް މަދުވަނީ ތޯއެވެ؟ ބިޓު ގޮވައިގެން ގިނައިން އެސަރަހައްދަށް ދަނީ ވާހަކަ ދައްކާލައި މަޖާކޮށްލަންށޭ ބުނެއެވެ. ނަމަވެސް އެ ބައްދަލުވުން ނިމޭއިރު ހުންނަނީ ހުރިހާ އިންތަކެއް ފަހަނަ އަޅައި ގޮސް، ދީނުގައި ހަރާމް ކުރައްވާފައިވާ ބޮޑު ފާފައަކަށް އަރައިގަނެވިފައެވެ.
ބިޓު ގޮވައިގެން ދުއްވާލަން ގޮސް އިންޑަސްޓްރިއަލް ވިލެޖް ތެރެއަށް ވަދެ ފާފައަކަށް އަރައި ނުގަނެ ނުވަނީތޯއެވެ؟ނޫނީ ދެމީހުން އެކަހެރިކޮށް ބައްދަލުކޮށް ހެދުމުން ތިންވަނަ މީހަކަށް އެތަނަށް އިބިލީސް ވަދެ ބޮލަށް ވަސްވާސް ލަނީތޯއެވެ؟ އިބިލީސް ބޮލަށް ވަސްވާސް ލައިގެން އެހުރިހާ ކަމެއް ވާނަމަ ދެން އެކަހެރިކޮށް ބައްދަލު ނުކުރީމައި ވީނުން ތޯއެވެ؟ އެހެން ގޮތެއް އެބަ އޮތެވެ. އެހާ ކެތްތެރިކަން ނެތިއްޔާ މީހާކާއި އިނީމައި ވީނުންތޯއެވެ؟ ނޫނެކެވެ. އެކަންކުރާނީވެސް ކިހިނެއް ހެއްޔެވެ؟ ރަނގަޅަށް ބޮލުގައި ފަތް ނުފަޅަނީސް ބިޓެއް ނަގާ ވިއްޔާއެވެ.
ތިޔަ ބޭފުޅުން އަމިއްލައަށް އިންޑަސްޓްރިއަލް ވިލެޖަށް ގޮސް ލޮލުން ދެކޭށެވެ. ރޭގަނޑު ގަޑީގައި މުޅި އެތަން ވަށައި ދުއްވާލާފައި ގެޔަށް އައިސް ހަތް ފެނުން ދެލޯ ދޮންނަން ނުޖެހުނިއްޔާ ނަސީބެކެވެ. އެތަނުގައި ދިވެހި ޒުވާނުން ކުރާ ކަންތައްތަކާއި އުޅޭ ގައިގޯޅި ގޮތްތައް ފެނިއްޖެ މީހެއް އަޖައިބުވެ އަންތަރީސް ވާހާ ވެއެވެ. މީގެ ދެހަފްތާ އެއްހާ ދުވަސް ކުރިން ވަނީ މާލޭ ޓްރެކް ސަރަހައްދުގައި ދެޒުވާނުން ވަރަށް ހާމަކަން ބޮޑު ގޮތަކަށް ބަދުއަހްލާގީ އަމަލުތައް ހިންގަނިކޮށް ފޮޓޯ ނަގާފައި މީސް މީޑިއާ ލާފައެވެ. އެތައް ބަޔަކު އެކަން ކުއްވެރިވެސް ކުރިއެވެ. ނަމަވެސް އެހިސާބުން އެކަންތައްވެސް ފާޑަކަށް އޮބުނީވެ. ކަމާއި ބެހޭ ފަރާތްތަކުން އެކަމާއި ދޭތެރޭ ފިޔަވަޅެއް އެޅިކަމެއް ނުވަތަ ނޫން ކަމެއް ނޭގެއެވެ. ކުރާނީ ވަކި ކޮންކަމެއް ހެއްޔެވެ؟ މިއީ މިއަދު ސައްތައިން ސައްތަ މުސްލިމު ގައުމެކޭ ބުނާ ދިވެހި ގައުމުގެ ހާލަތެވެ.