މަރުކަޒީ ބޭންކު، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސާވިސްއަށް ފޮނުވި ސިޓީ ސިއްރުކުރި މައްސަލައެއްގައި ކުރީގެ އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒު ފުލުހަށް ހާޟިރުކޮށް މައުލޫމާތު ސާފުކޮށްފިކަން "ޖަޒީރާ"އަށް މައުލޫމާތު ލިބިއްޖެއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ނަންފުޅުގައި އެމްއައިބީގައި އޮތް އެކައުންޓަކަށް ސެޕްޓެމްބަރު 5 ގައި ޖަމާކުރި 10 މިލިއަން ރުފިޔާ އާއި ސެޕްޓެމްބަރު 10 ގައި 12.5 މިލިއަން ރުފިޔާ ޖަމާކުރި މައްސަލަ ތަހުގީގުކޮށްދިނުމަށް އެފްއައިޔޫގެ ފަރާތުން ފުލުހަށް ހުށަހެޅިކަން ވަނީ ވަނީ ކަށަވަރުވެފައެވެ.

އެ ސިޓީ ފުލުހުންގެ ތެރޭގައި ސިއްރުކުރިކަމުގެ މައްސަލައެއް ބަލާ ތަހުގީގަށް ބޭނުންވާ މައުލޫމާތު ސާފުކުރުމަށް ނަވާޒު ފުލުހަށް ޙާޟިރުކުރެއްވީ ކޮން ދުވަހަކުކަން އަދި ކަށަވަރުނުވެއެވެ. 

މި ކަމާއިގުޅިގެން ފުލުހުންގެ ތަރުޖަމާނު ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވީ، މައްސަލައެއްގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯއްދެވުމަށް ކުރީގެ އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒު ހާޟިރުކޮށް މަޢުލޫމާތު ސާފުކޮށްފައިވާކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައެއްކަމެއް، އަދި ކޮން މައުލޫމާތުތަކެއް ކަމުގެ ތަފްސީލެއް ނުދެއްވައެވެ.

އެފްއައިޔޫ އަކީ ޤާނޫނީ ވަކިބާރުތަކަކާއިއެކު އެމްއެމްއޭގައި އޮންނަ ވަކި ޤާނޫނީ ވަކި ޔުނިޓެކެވެ. މި ޔުނިޓުގެ މަސައްކަތަކީ މަނީ ލޯންޑްރިން އާއި ޓެރަރިޒަމަށް ފައިސާ ހޭދަކުރުން ހުއްޓުވުމެވެ. އެއްވެސް އެކައުންޓަކަށް ދުވާލަކު ވަކި އަދަދަކަށް ވުރެ މަތިން ފައިސާ ޖަމާވާ ނަމަ ނުވަތަ ފައިސާގެ މުއާމަލާތްތައް ހިންގާ ނަމަ، އެފްއައިޔޫއަށް އެނގޭނެ އެވެ. އަދި މަނީ ލޯންޑްރިންއަށް ފެތޭ މުއާމަލާތެއް ކަމަށް ޝައްކުކުރެވޭ ކަންކަން، އެފްއައިޔޫގެ ފަރާތުން ފުލުހުންނަށާއި ކަމާ ބެހޭ އެހެން އިދާރާތަކަށް ރިޕޯޓްކުރުމަކީ، ގާނޫނީ ގޮތުން އެ ޔުނިޓްގެ ޒިންމާއެކެވެ.

އެ މައްސަލަ ހުށަހެޅީ ރިޔާސީ އިންތިޚާބުގެ ކުރިން ކަމުގައި ވިޔަސް އޭރު އެ މައްސަލަ ބަލާފައެއް ނުވެއެވެ. އެ މައްސަލަ ބަލަން ފަށާފައިވަނީ ރިޔާސީ އިންތިޚާބު ނިމުނު ފަހުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.