އޮފީހެއްގައި ދެމީހަކު ވާހަކައެއް ދައްކާއިރުވެސް އަދި ހަވީރު ފިންޏަށް މީހުން ނުކުމެ ދައްކާ ވާހަކައިގެ ތެރޭގައިވެސް އެންމެ ގިނައިން ދައްކާ އެއްވާހަކައަކަށް ވެފައި އޮންނަނީ ޖިމަށް ގޮސް ހަށިގަނޑުގެ ބައްޓަން ރީތިކުރަން ބޭނުންވާ ވާހަކައެވެ. 

ފަލަ މީހުން ހިކެން ބޭނުންވެގެން އަދި ހިކި މީހުން ފަލަވާން ބޭނުންވެގެން ޖިމަށް ދާން ބޭނުންވާ ވާހަކައަކީ ރާއްޖޭގައިވެސް ވަރަށް އާންމުކޮށް ދައްކާ ވާހަކައެކެވެ. އަދި އެވާހަކަ ދައްކާއިރު ހީވާނީ ދެންމެ ދެންމެ "އެލްޖޭ" އެކޭ އެއްވަރަށް ފިޓު ވެދާނެހެންނެވެ. ނަމަވެސް އެފަދަ މީހުންގެ ތެރެއިން ޖިމަށާއި ޖޮގިންއަށް ދާނީ ވަރަށް މަދުބައެކެވެ. އަދި ގިނަފަހަރު އެކަން ވެގެންދާނީ ހަމަ ކެއްކޭ ހިޔާލީ ފޮލައަކަށެވެ. 

އިންސްޓަގްރާމުންނާއި މީސްމީޑިއާގެ އެހެނިހެން މަންސަތަކުން، ކަސްރަތުކުރާ ތަފާތު ވީޑިއޯތައް ބަލައިގެން އަދި ޑައުންލޯޑު ކޮށްގެން ގޭގައި ކަސްރަތުކުރަން، އަގުބޮޑެތި ކަސްރަތު މެޓާއި ކަސްރަތުކުރަން ލައި އުޅޭ އަންނައުނު ގަނެފައި އެތަކެތީގެ ބޭނުން ނުހިފާ އުޅޭ މީހުންވެސް މަދެއް ނޫނެވެ. މެޓުގެ ބޭނުން ފަހުވަގުތު ހިފާނީ ޕިކުނިކު ދިއުމަށެވެ. އަދި "ޖިމް ކްލޯތްސް" ލައިގެން އޮންނާނީ ނިދާށެވެ. ނުވަތަ ދެތިން ސެލްފީ ނެގުމަށްފަހު ދެން އެ ފެންނާނީ އަލަމާރި ސާފުކުރާ ދުވަހަކުންނެވެ. 

ޖިމަށް ގޮސް ބައްޓަމަށް އައުމަށް މަސައްކަތް ކުރުމަކީ އަޑަށް ބާރުލަފައި ހިނގާށޭ ތިމަންނަވެސް ދާނަމޭ ބުނާހާ ފަސޭހަ ކަމެއް ކަމުގައި ހީކުރިއަސް އެއީ އެއަށްވުރެ އުނދަގޫ ކަމެކެވެ. ދުޅަހެޔޮ ހަށިގަނޑެއްގައި ހުރުމަށް ބޭނުންނަމަ އެކަން ކުރަން ފެށޭނީވެސް ތިމާގެ އަޒުމާއި ހިތްވަރު ތަގުޅި ކޮށްގެނެވެ. ކޮންމެ މީހަކަށްވެސް އަނގައިން ކަންކަން ކުރަނަމޭ ބުނެވިދާނެއެވެ. ނަމަވެސް އެ ކަންކަން ހަގީގަތަކަށް ހެދުމަކީ ތިމާގެ ހުރި ހިތްވަރުގަދަ ކަމުން ނޫނީ ކުރެވޭނެ ކަމެކެވެ. 

އެހެންކަމުން އަނގައިން ކަސްރަތު ކުރުމަށްވުރެ ކުރަން ބޭނުންވާ ކަމެއް ކުރުމަށް ގަދައަޅައި މަސައްކަތް ކުރުމުން ތިމާ ބޭނުންވާ ކަންތައްތައްވެސް ހާސިލްވާނެއެވެ. 

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.