މި ދިޔަ ހަފްތާގެ އާދިއްތަ ދުވަހު ސްރީލަންކާއަށް ދިން ނިރުބަވެރި ބޮމުގެ ހަމަލާތަކުން މުޅި އެ ގައުމު އޮތީ ފުން ހިތާމައެއްގެ ތެރޭގައެވެ. ލަންކާއަކީ ރާއްޖެއާއި އެންމެ ކައިރީގައި އޮތް އަވައްޓެރި ގައުމެއްކަމަށްވުމާއެކު އަދި ދިވެހި އެތައް އާއިލާއެއް ލަންކާގައި ވަޒަންވެރިވެފައިވާތީވެ، މި ހަމަލާވެގެން ދިޔައީ ދިވެހިންނަށްވެސް ލިބުނު ޝޮކަކަށެވެ. ސިއްހީ ބޭނުންތަކަށާއި، ތައުލީމީ ބޭނުންތަކަށް ދިވެހިން ވަރަށް ގިނައިން ގޮސް އުޅޭ ގައުމެއް ކަމުން ސްރީ ލަންކާއަށް ލިބިގެން ދިޔަ މި ބޮޑު ހިތާމައިގައި ދިވެހިންވެސް ދިޔައީ ދެވެން އޮތް މިންވަރަކުން އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ދިވެހިރާއްޖެއަކީ ސައްތައިންސައްތަ މުސްލިމް ގައުމެއް ކަމުން ކޮންމެ ގައުމެއްގެ ބަޔަކަށްވެސް ދިމާވާ މުސީބާތާއި ހިތާމައެއްގައި ބައިވެރިވެ، އެފަދަ މީހުންނަށް ހެޔޮ ދުޢާކޮށްދިނުމަކީ ދިވެހިންގެ ތެރެއިން އަބަދުވެސް ފެންނަމުން އައި ރީތި އާދައެކެވެ. މުޅި ދިވެހި އުންމަތް އެ ހަމަލާ ކުށްވެރިކުރިއެވެ
މިހާރު އެ ހަމަލާތައް ނިމުމުން ނުވަތަ ހަމައަކަށް އެޅުމުން ލަންކާގެ ސަރުކާރާއި އެގައުމުގެ ރައްޔިތުންނާއި ހުރިހާ އިދާރާތަކެއްގެ ބޮލުގައިވެސް ބޮޑު ޒިންމާއެއް އެޅިފައިވެއެވެ. އެއީ ދެވަނަ ފަހަރަށް އެފަދަ އަމަލެއް ހިނގުމުގެ ފުރުސަތު ކުޑަކުރުމަށް އެޅެންހުރި ފިޔަވަޅުތައް އެޅުމާއި، ހަމަލާތައް ދިން މީހުންނާއި ދޭތެރޭ ހިންގަން އޮތް ގާނޫނުތައް ހިންގައި އުސޫލުތައް ގާއިމުކުރުމެވެ. އެކަންތައް ކުރުމަށްޓަކައި ލަންކާއިން އަންނަނީ ތަފާތު އެކި ފިޔަވަޅުތައް އަޅައި އެ ގައުމުގެ ރައްކާތެރިކަން އަލުން އިއާދަ ކުރުމަށްޓަކައި ގެންނަން ޖެހޭ ބަދަލުތައް ގެންނަމުންނެވެ.
ސްރީލަންކާ އިން ވިސާގެ ކަންކަމަށް ގެނައި ބަދަލުގެ ސަބަބުން ދިވެހިންނަށް އުނދަގޫތަކެއް ވާކަމަށް ގިނަ އަދަދެއްގެ ދިވެހިންއަންނަނީ ޝަކުވާ ކުރަމުންނެވެ. ދިވެހިންނަކީ ގިނައިން ލަންކާއަށް ގޮސް އުޅޭ ބައެކެވެ. އެތާގައި ވަޒަންވެރިވެ އުޅޭ ދިވެހިންވެސް ވަރަށް ގިނައެވެ. އެތާގެ ވިސާ ޖެހުމަށް ގެންނަ ކޮންމެ ބަދަލަކީ ދިވެހިންނަށް އެއިން އަސަރުތަކެއް ކުރާނެ ކަމެއްކަން ކޮންމެ މީހަކަށްވެސް ވިސްނައިލުމުންވެސް އެނގިގެންދާނެއެވެ. މައްސަލަ އުފެދިގެންއައި ހިސާބަކީ މިއީއެއް ނޫނެވެ. އެ ގައުމުގައި ހިނގައި ދިޔަ ހާދިސާތަކުގެ ސަބަބުން އެ ގައުމުގެ ސަލާމަތީ ރައްކާތެރިކަމަށްޓަކައި ގެންނަން ޖެހޭ އިސްލާހުތައް ގެނައުމުގެ ހައްގު އެމީހުންނަށް އޮންނާނެއެވެ. ނަމަވެސް އެހެން މީހެއްގެ އަބުރަށް އަރައިގަންނަ ފަދަ އަމަލެއް ހިންގުމަކީ ސްރީ ލަންކާގެ މީހުންނަށްވެސް ކުރެވިގެންވާނެ ކަމެއް ނޫނެވެ. އަދި ވަކިން ޚާއްސަކޮށް އެ ގައުމުގެ ސަރުކާރީ އިދާރާގެ ތަނެއްގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުން މިފަދަ ކަމެއް ކުރުން ވެގެންދާނީ ވަރަށް ދަށު ދަރަޖައިގެ އަމަލަކަށެވެ.
ސްރީލަންކާގެ އިމިގްރޭޝަނަށް ގޮސް ވިސާ ހެއްދުމުގައި އުޅުނު ދިވެހިންތަކަކަށް ދިމާވި ހާދިސާތަކެއްގެ ވާހަކަ އިވިފައި ދިވެހިންގެ ހިތްތަކަށްވެސް ލަންކާގެ މީހުންނާ ދޭތެރޭ ނުބައިގޮތަކަށް ހީކުރެވެން ފަށާނެއެެވެ. ލަންކާގައި ދިރިއުޅޭ ދިވެހި އަންހެންކު "ޖަޒީރާ ނިއުސްއަށް" މައުލޫމާތު ދެމުން ބުނީ، ވިސާ ހައްދަން އިމިގްރޭޝަނަށް ދިޔަ ދިވެހި އަންހެނުންތަކެއްގެ ބުރުގާ ހިލޭ ފިރިހެނުން ތިބި ތަނެއްގައި ނަގަން ޖެއްސިކަމަށެވެ. އެއަމުރަށްވެސް ދިވެހި އަންހެނުންތައް ކިޔަމަންގަތެވެ. ބުރުގާއަކީ ޣައިރު މުސްލިމުންނަށް މުހިންމު އެއްޗަކަށް ނުވިޔަސް އެއީ މުސްލިމުންގެ އައުރަ ނިވާ ކުރަން އަޅާ އެއްޗެއް ކަމުން އެފަދައިން މީހެއްގެ އަގު ވައްޓައިލުމުގެ ހައްގު އެއްވެސް މީހަކަށް ނޯންނާނެވެ.
އެ އަންހެންމީހާ އިތުރަށް ބުނީ، އެންމެ ހިތާމަހުރި ކަމަކީ ބުރުގާ ނެގުމަށް މަޖުބޫރުކޮށް ބުރުގާ ބޭލުމަށްފަހު ބުރުގާ އަޅާލަން ކުޑަވެސް ވަގުތުކޮޅެއް ނުދިނުންކަަމަށެވެ. ވަގުތުން އެތަނުން ފޮނުވައިލުމުން އެ އަންހެނުންތައް ޖެހުނީ ގިނަ ފިރިހެނުންގެ ބެލުންތަކުގެ އަމާޒަކަށްވެ ފަލީހަތްވާންކަމަށްވެސް އޭނާ މަޢުލޫމާތުދިނެވެ. އެ ކަންތައްތައް ކުރިއިރު އެމީހުން ގެންގުޅުނީވެސް މަލާމާތުގެ އުސޫލުތަކެއްކަން ފާހަގަކުރެވޭ ކަމަށްވެސް އޭނާ ބުންޏެވެ.
މި ހާދިސާ ހިނގައި ދިޔައީ ލަންކާއަށް ދިން ބޮމުގެ ހަމަލާތަކަށް ފަހުންނެވެ. އެތަނުގެ ސެކިއުރިޓީ ވަރުގަދަ ކުރީއެވެ. މީހުންވެސް ހަރުކަށިވީއެވެ. މީހުންގެ ހިތްތައްވެސް ހިލައަށް ވީއެވެ.ލަންކާގައި ދިރިއުޅޭ މުސްލިމު ދިވެހިންގެ ކުށަކީ ކޮބައިހެއްޔެވެ؟ ސްރީ ލަންކާއަށް ހަމަލާ ދިނީ އައިއެސް ޖަމާއަތުގެ ބައެއް ކަމަށް އެ ޖަމާޢަތުން އެއްބަސްވެއެވެ. އެ މީހުންނަކީ މުސްލިމުން ކަމަށް ދައުވާކޮށްގެން އުޅޭ ބަޔަކަށް ވިނަމަވެސް މުސްލިމު އިލްމުވެރިންނާއި އެ ނޫންވެސް ކަމާއި ބެހޭ ފަރާތްތަކުންވަނީ އެ މީހުންނަކީ މުސްލިމުން ނޫންކަމަށް ނިންމައި އެ މީހުންގެ އަމަލުތައް ހުންނަނީ މުސްލިމުންގެ އަމަލުތައް ހުންނަހެނެއް ނޫންކަމަށް ނިންމާފައެވެ.
ސްރީލަންކާއަށް ލިބޭ ކޮންމެ ހިތާމައަކީ ދިވެހިރާއްޖެއަށް ލިބޭ ހިތާމައެކެވެ. އޭގެ ސަބަބުތައް ބައިވަރުކަން އެންމެންނަށްވެސް އެނގޭނެއެވެ. ނަމަވެސް ދިވެހިންގެ ކުށެއް ނެތްއިރު ދިވެހިންނާއި ދޭތެރޭ ބޭއިންސާފުން، އަދި ލާއިންސާނީ އަމަލު ހިންގުމަކީ ދިވެހިންވެސް ބަލައިގަނެގެން ވާނެ ކަމެއް ނޫނެވެ. މި ފަދަ ކަންކަމަކީ ދެ ޤައުމުގެ ސަރުކާރުން ވާހަކަދައްކައިގެން ހައްލުކުރަން ޖެހޭ ކަމެކެވެ