ރާއްޖޭގެ މަޝަރްހުގައި ފަތުއަޑުކިޔާފައި، އެންމެ ބާރަށް ދެކެވެމުންދާ އެއްވާހަކައަކީ ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމްގެ ވާހަކައެކެވެ. ހާއްސަކޮށް ދާދިއިހަކަށް ދުވަހު ބޭއްވިގެންދިޔަ ރައްޔިޔުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް މެޖޯރިޓީ ލިބިގެންދިޔަ ފަހުން މިވާހަކަތައް ވަނީ އިތުރުވެފައެވެ.

ސުވާލަކީ ގޭގޭގެ ސޯފާތަކުންނާއި، ރަށްރަށުގެ ހޮޅުއަށިތަކުގައި ތިބެ މިވާހަކަތައް ދައްކަމުންދާ ފަރާތްތަކަށް ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމް އެނގެނީ ކިހާވަރަކަށްތޯއެވެ؟

ޝައްކެއްނެތް ގޮތުގައި ދުނިޔޭގައި އިންސާނުން އުޅެންފެށީއްސުރެން ފެށިގެންވެސް ތަފާތު އުސޫލުތަކާއި ގޮތްތަކެއް އެބައެއްގެ ތެރޭގައި ވާނެއެވެ. އަދި ކަންތަކަށް އަމުރުކުރާ އެމީހެއްގެ ބަސް އެންމެން ގަބޫލުކުރާ މީހެއްވެސް ކޮންމެ މުޖުތަމައެއްގެ ތެރޭގައި ވާނެއެވެ. އެގޮތަށް ކަނޑައެޅިފައި ހުންނަ މީހާއަށް ކިޔާ އުޅެނީ ވެރިމީހާއެވެ. އެ ގޮތުން ވެރިން ކުރުމަށާއި ނުކުރުމަށް ބުނާ ކަންތައްތައް އެ މުޖުތަމައުގައި ތިބޭ ފަރާތްތައް ނުކުރާނެއެވެ.

ރާއްޖޭގައި ކުރިން ވެރިކަން ހިނގަމުން އައި ގޮތް

ރާއްޖޭގެ ތާރީހަށް ބަލާއިރު ފެންނަން އޮތީ ރާއްޖޭގައި ފުރަތަމަ އޮތީ ވިރާސީ ރަސްކަމެއްކަމެވެ. އެއަށްފަހު ވިރާސީ އިންތިޙާބީ ރަސްކަމެކެވެ. އެއަށްފަހު އިންތިޙާބީ ރަސްކަމެކެވެ. ރާއްޖޭގައި ޖުމްލައެކު 83 ރަސްކަލުން ރަސްކަންކޮށްފައިވާއިރު، އެ 83 ރަސްކަލުންގެ މެދުގައި 92 ފަހަރު ވަނީ ރަސްކަން ބަދަލުވެގެން ގޮއްސައެވެ.

ދިވެހި ތާރީޙުން އެންގެން އޮތް ގޮތުގައި ރާއްޖޭގައި ފުރަތަމަ ޤާނޫނު އަސާސީއެއްގެ މަސައްކަތް ކުރެވިގެން ގޮސްފައިވަނީ 1931 ވަނަ އަހަރުތެރޭގައެވެ. އެ ޤާނޫނު އަސާސީއަށް 1932 ވަނަ އަހަރު ތަސްދީޤު ކުރެވުނުއިރު، ހަތްމަސް ތެރޭގައި އެ ޤާނޫނު އަސާސީ ވަނީ އުވާލާފައެވެ.

ރައްޔިތުންގެ ވެރިކަން ނުވަތަ ޑިމޮކްރަސީ ހިނގޭނެ ތަފާތު ގޮތްތައް ދުނިޔޭގެ އެކި ހިސާބު ތަކުގައި ތަފާތު އެކި ގޮތްގޮތަށް ތަޖުރިބާ ކުރަމުންދެއެވެ. އެ ގޮތުން ރާއްޖޭގައި ކުރިންވެސް އޮތީ ރިޔާސީ ނިޒާމެކެވެ. ނަަމަވެސް ތަފާތު ގޮތަކަށެވެ. އޭރުގައި ރައީސުލްޖުމްހޫރިއްޔާ ހޮވުމަށް ރައްޔިތުންނާއި ހަމައަށް ދާނީ މަޖިލީހުން ފާސްކުރާ ނަމެކެވެ. ރައްޔިތުންނަށް އޮންނަ ހަމައެކަނި ފުރުސަތަކީ ފެންނަ ނުފެންނަ ވޯޓެއްލުމެވެ. އެކަންވެސް ހިނގާފައިވަނީ ބޮޑުކާފު ކުޑަކާފު އުސޫލުންނެވެ.

ރިޔާސީ ނިޒާމް

އެހެން އެކަންތައް ހިނގަމުން އަންނިކޮށް މިހާރު ރާއްޖޭގައި ހިނގަމުން މިދާ ރިޔާސީ ނިޒާމާއި އެއްގޮތަށް އަމަލުތަށް ކުރަންފެށީ 2008 ވަނަ އަަހަރުން ފެށިގެންނެވެ. ރިޔާސީ ނިޒާމުގައި ވެރިކަން ހިންގާނީ ރައްޔިތުންގެ ވޯޓަކުން ހޮވޭ ވެރިއެކެވެ. އަދި ރައީސްގެ ދަށުން ތިބޭ ވަޒީރުން ނުވަތަ ސަރުކާރުގެ ކެބިނެޓް އެކުލަވާލާނީ ރައިސުލްޖުމްހުރިއްޔާއެވެ. އަަދި އެ ވަޒީރުންނަށް ރައްޔިތުންގެ ރުހުން އޮތް ތޯ ބެލުމަށްޓަކައި މަޖިލީހަށް ފޮނުވާންޖެހެއެވެ. 

ބަރުލަމާނީ ނިޒާމް

ބަރުލަމާނީ ނިޒާމަށް ބަލާއިރު، ބަރުލަމާނީ ނިޒާމުގައި ރިޔާސީ ނިޒާމާއި ޚިލާފަށް ވެރިކަން ހިންގާނީ ބޮޑުވަޒީރެވެ. އެއީ ރައްޔިތުންގެ މަޖިލީހުން ހޮވޭ މަޖިލީހުގެ މެންބަރެކެވެ. އަދި ވަޒީރުންގެ މަޖިލީސް ވެސް އެކުލަވާލެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނެވެ. އެހެންކަމުން ޤާނޫނު ހެދުމާއި، ސަރުކާރު ހިންގުމަކީ އެއްބަޔަކު ކުރާ ކަމެކެވެ. މިބާވަތުގެ ވެރިކަމުގެ ނިޒާމު އޮންނަ ޤައުމުތަކުގައިވެސް ސަރުކާރުގެ އިސްވެރިއަކަށް ބޮޑުވަޒީރު ހުންނަވާއިރު، ދައުލަތުގެ އިސްވެރިއެއްގެ ގޮތުގައި ރައީސެއް، ރަސްކަލެއް، ރާނީއެއް، އެމްޕަރަރއެއް ފަދަ ބޭފުޅަކު ހުރެދާނެއެވެ. ނަމަވެސް އެ ބޭފުޅުން އަދާކުރައްވާނީ ރަމްޒީ ނުވަތަ ޝަރަފުވެރި މަޤާމެކެވެ. ދައުލަތް ހިންގުމުގެ އެންމެހާ ބާރުތައް އޮންނާނީ ބޮޑުވަޒީރަށެވެ.

ބަރުލަމާނީ ނިޒާމްއާއި ރިޔާސީ ނިޒާމުގެ ތަފާތު

ބަރުލަމާނީ ނިޒާމާއި ޚިލާފަށް، ރިޔާސީ ނިޒާމުގައި އެންމެ ޚާއްސަ އެއް ސިފައަކީ ޤާނޫނު ހެދުމުގެ ބާރާއި ވެރިކަން ހިންގުމުގެ ބާރު މުޅިން ވަކިކުރެވިފައި އޮތުމެވެ. އެހެން ކަމުން މި ދެބާރުން އެއްބާރު އަނެއްބާރުން ކުރާ ކަންކަމަށް ފާރަވެރިވުމުގެ ފުރުސަތު އޮވެއެވެ. މީގެ އިތުރުން، އެންމެ ތަފާތު އެއްކަމަކީ ދައުލަތް ހިންގުމުގެ އިސްވެރިޔާ ހޮވާ ގޮތެވެ. އެގޮތުން ރިޔާސީ ނިޒާމުގައި ރައީސް
ހޮވަނީ ޤައުމެއްގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ އެންމެން ވޯޓު ލައިގެންނެވެ. ނަމަވެސް ރިޔާސީ ނިޒާމާއި ޚިލާފަށް ބަރުލަމާނީ ނިޒާމުގައި ބޮޑުވަޒީރު ހޮވަނީ މުޅި
ރައްޔިތުން ދޭ ވޯޓެއްގެ ބަދަލުގައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ނެގޭ
ވޯޓަކުންނެވެ.

ދެން އޮތް ތަފާތަކީ ބަރުލަމާނީ ނިޒާމުގައި ހުރިހާ ކަމެއް އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ އަތްމަތީގައެވެ. ކެބިނެޓްގައިވެސް، މަޖިލީހުގައިވެސް، ތިބެނީ އެއްބައެކެވެ. އެހެންކަމުން ހުރިހާ ކަމެއް އެއްބައެއްގެ އަތްމަތީ އޮތުމުގެ ސަބަަބުން ސަރުކާރު ހިންގާއިރު "ގުޑްގަވަރނެންސް" ގެ ސިފަތައް ފެނިގެނެއް ނުދެއެވެ. ރަނގަޅު ހަރުދަނާ ވެރިކަމެއް ކުރެވިގެންދާނީ އެގައުމެއްގެ ވެރިކަމުގެ ނިޒާމުގައި "ގުޑްގަވަރނެންސް" ސިފަތައް ހުރެގެންނެވެ.

ރާއްޖެއަށް އެންމެ ރަނގަޅީ ކޮން ނިޒާމެއް

ކުރިންވެސް ބުނިހެން ރާއްޖޭގައި މިދެ ނިޒާމުގެ ވާހަކަ ވަރަށް ގަދަޔަށް މިހާރު ދެކެވެއެވެ. މި ލިޔުމުގައި އަޅުގަނޑު މިވަނީ ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމްގެ ތަފާތު އަޅުގަނޑަށް އެނގޭ ވަރަކުން ބަޔާންކޮށްދީފައެވެ. އެ ގޮތުން އަޅުގނޑުގެ ވިސްނުމުގައި، ދިވެހި ރާއްޖެއަށް އެންމެ އެކަށީގެންވާ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމެވެ. ސަބަބަކީ ބަރުލަމާނީ ނިޒާމްއާއި ޚިލާފަށް ރިޔާސީ ނިޒާމަކީ ރައްޔިތުންގެ ވޯޓަކުން ހޮވޭ ވެރިއެއް، ވެރިކަމުގައި ހުރެމެ، ރައީސް އެކުލަވާލާ ވަޒީރުންތަކެއް ތިބެ ކުރިޔަށް ދާ ވެރިކަމަކަށް ވުމެވެ. އޭގެ ސަބަބުން އެއިރެއްގައި ރާއްޖޭގައި ވެރިއަކަށް ހުންނަ ފަރާތް ހޯދުމުގެ ބާރު ރައްޔިތުންނަށް ލިބިދީފައި އޮތުމުގެ ސަބަބުން އެ ހިންހަމަޖެހުމާއި އުފާ ރައްޔިތުންނަށް ލިބިފައި އޮވެމެއެވެ. އަދި އޭގެ އިތުރުން ރިޔާސީ ނިޒާމެއް އޮތުމުގެ ސަބަބުން އެއް ބަޔެއްގެ މައްޗަށް ހުރިހާ ބާރެއް ލިބިފައި އޮތުމުގެ ބަދަލުގައި ސަރުކާރުގައި ހިމެނޭ އެކި ޕާޓީތަކަށް އެ ފުރުސަތުތަށް ލިބިމުގެ އިތުރުން ޤާނޫނު ހެދުމުގެ ބާރާއި ވެރިކަން ހިންގުމުގެ ބާރު ރިޔާސީ ނިޒާމުގައި ވަނީ ވަކިކުރެވިފައެވެ. މި ހުރިހާ ކަމެއް މިހެން ހުރުމުގެ ސަބަބުން ރާއްޖެފަދަ ޤައުމަކަށް އެންމެ އެކަށީގެންވަނީ ރިޔާސީ ނިޒާމެކެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.