އިސްލާމްދީނުގެ ހައްގުގައި ޖިހާދަށް ކަމަށް ބުނެ ސީރިޔާއަށް ދިޔަ 400އަށް ވުރެ ގިނަ ދިވެހި އަންހެނުން ސީރިޔާގައި ހަށިވިއްކަމުން ދާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއަށް ރޭ ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ މައްޗަން ގޯޅި މެދު ދާއިރާއަށް އިންތިހާބުވެ ވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ދީނުގެ ނަމުގައި ސީރިޔާއަށް އެތައް ސަތޭކަ ދިވެހިންނެއް ގޮސްފައިވާ ކަމަށާއި އޭގެ ތެރެއިން، 160 އެއްހާ މީހުން ވަނީ މަރުވެފައި ކަމަށާއި އަދި، 400 އަށް ވުރެ ގިނަ މީހުން ސިރިޔާގައި ހަށިވިއްކަމުން ދާކަމަށެވެ.

"ދެން މިބޭފުޅުން ވިދާޅުވަނީ އެއްކައިވެންޏޭ އަނެއްކައިވެންޏޭ. ހަމަ އެކަކު މަރުވާތަނުން އެ އަންހެން މީހާ އެދަނީ އެކަކު އަތްމަތިން އަނެކަކު އަތްމައްޗަށް. އަޅުގަނޑު ކައިރީގައި ކިތައްމެ ގެއެއްގެ މީހުން، ކިތައްމެ އާއިލާތަކުން އެބައާދޭ ކެނޑިނޭޅި. އަޅުގަނޑަށް ޓެކްސްޓް ވެސް އެބަކުރޭ މިކަމާއި ދެރަވެގެން. އެމީހުންގެ މާމަދަރިން އެމީހުންގެ ކާފަ ދަރިން ވެއްޖެ ސީރިއާގައި. އެމީހުންގެ އަންހެން ދަރިންވެއްޖެ ސީރިއާގައި. އެ އަންހެން ދަރިން އެދަނީ އެއްފިރިހެނެއްގެ އަތުން އަނެއް ފިރިހެނެއްގެ އަތުން އަނެއް ފިރިހެނެއްގެ އަތުން" ނަޝީދު ވިދާޅުވިއެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަވިއުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު އިތުރަށް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ދަނީ ދީން ހަތިޔާރެއްގެ ގޮތުގައި ނަންގަވައިގެން އެމްޑީޕީ ބަދުނާމު ކުރަމުން ކަމަށެވެ. އަދި ސީރިޔާއަށް ދީނުގެ ހައްގުގައި ހަނގުރާމަ ކުރުމަށް ކަމަށްބުނެ މީހުން ފޮނުވާފައި، އެމްޑީޕީން އެކަމާއި ދެކޮޅަށް ތެދުވުމުން، އިދިކޮޅު ފަަރާތްތަކުން އެމްޑީޕީގެ ބޮލުގައި އެޅުވީ ދީނާއި ހިލާފަށް މަސައްކަތް ކުރާކަމުގެ ތުހުމަތު ކަމަށެވެ.

އެމްޑީޕީން ދީނާއި ހިލާފު ވާކަމަށްބުނެ ފެތުރީ މުޅިން ދޮގު ވާހަކަތެކެއް ކަަމަށްބުނެ، ނަޝީދު ވިދާޅުވީ އިސްލާމް ދީން ސަލާމަތް ކުރެވޭނެ ބޭފުޅުން ތިބީ މި ސަރުކާރާއި ހޮނިހިރު ދުވަހު އިންތިހާބު ކުރެވުނު އާ މަޖިލީހުގައި ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.