މީސްމީޑިއާއާއި އެނޫންވެސް މީހުން އެއްވެ އުޅޭ ތަންތަންތަނުގައި ހަދިޔާ ބަދަލުކުރާ ވާހަކައެއް ދައްކާނަމަ އެ ކަންތައް ބޮޑަށް އަމާޒުވެގެން ދަނީ އަންހެނުންނަށެވެ. އަންހެނުން ބޭނުންވާ ނުވަތަ އިޚްތިޔާރުކުރާ ތަފާތު ބާވަތްތަކުގެ ހަދިޔާތަކަށެވެ. މިގޮތުން އަންހެނުން ބޭނުންވާ ޒާތް ޒާތުގެ މަލާއި، ޓެޑީ ބެއަރ އާއި މި ނޫންވެސް ބައެއް ހަދިޔާ ހިމެނެއެވެ. އަބަދުވެސް ފިރިހެނުން ބުނާތީ އިވޭނެއެވެ. އަންހެނުންނަށް ހަދިޔާ ދިނުމަކީ ފިރިހެނަކަށް ހަދިޔާ ދިނުމަށްވުރެ ފަސޭހަކަމެކެވެ. ނަމަވެސް ހަގީގަތުގައި ފިރިހެނުންނަކީވެސް އަންހެނުންނެކޭ އެއްފަދައިން ހަދިޔާ ބޭނުންވާނެ ބައެކެވެ. އަދި ފިރިހެނުންނަށް ހަދިޔާ ދިނުމަކީ އުނދަގޫ ކަމެއްވެސް ނޫނެވެ.

އަބަދުވެސް މީހުން ބުނެ އުޅެނީ އަންހެނުންނަކީ ސްޓްރެސްވެ، ކަންކަމާއި ވިސްނައި ފިކުރުކުރަން ޖެހޭ، ވަރަށް ބުރަކޮށް އުޅެމުންދާ ބައެެއް ކަމަށެވެ. އެއީ ދޮގު ވާހަކައެއް ނޫނެވެ. ނަމަވެސް އަންހެނުންނެކޭ އެއްފަދައިން ފިރިހެނުންނަކީވެސް ސްޓްރެސްވެ، ކަންކަމާ ވިސްނައި ފިކުރުކުރަން ޖެހޭ މީހުންނެވެ. މި ދެ ކަމުގައި ފެންނާނެ ތަފާތަކީ، ފިރިހެނުން މިފަދަ އިހުސާސްތައް ހާމަކޮށް މީހުންނަށް ދައްކައި އުޅޭ މިންވަރު މަދުވުމެވެ. އަސްލުގައި ފިރިހެނުންނަކީވެސް ސްޓްރެސް ނުވާ، ދެރަ ނުވާ، ހިތެއް ނެތް ނުވަތަ ހިތްވަރުގަދަ ބައެއް ނޫނެވެ. އެހެން ކަމުން ފިރިހެނުންނަށް ހަދިޔާ ދިނުމަކީވެސް މުހިންމު ކަމެކެވެ.

ފިރިހެނުންނަށް ޢާންމުކޮށް ހަދިޔާ ދިނުމުގައި ބަލަންވީ ކަމަކީ އެމީހުންނަށް ކަމުދާ ހަދިޔާއެއް ދެވޭތޯއެވެ. މިކަމަށް އެންމެ ކުޅަދާނަވާނީ، ގިނަ ދުވަސްވަންދެން އެ ފިރިހެން މީހާއާ ގާތް ގުޅުމެއް އޮންނަ ރަހުމަތްތެރިއެއް ނުވަތަ އޭނާގެ އާއިލާ މީހެއްގެ ކައިރިން އޮޅުން ފިލުވުމެވެ. އެހެނީ ފިރިހެނުންނަކީ މަދު ފަހަރަކު ނޫނީ އެމީހުން އެއްޗަކަށް ބޭނުންވި ނަމަވެސް އެކަންތައް މީހަކާ ހިއްސާކުރާ ބައެއް ނޫނެވެ. 

ފިރިހެން މީހާއަކީ ފޮތަށް ލޯބިކުރާ ނުވަތަ ލިޔުންތައް ކިޔުމަށް ޝައުގުހުންނަ މީހަކު ނަމަ އެމީހަކަށް ފޮތެއް ދެވިދާނެއެވެ. ބައެއް ފިރިހެނުންނަކީ ވަރަށް ބިޒީ ބައެކެވެ. މިގޮތުން ފޮތެއް ކިޔުން ފަދަ ސަމާލުކަމާއި ވަގުތު ބޭނުންވާ ކަމެއް އެމީހަކަށް ނުކުރެވިދާނެއެވެ. އެހެންކަމުން ފޮތެއް ހަދިޔާ ކުރާނަމަ އަބަދުވެސް ތިން ކަމަކަށް ބަލަން ވާނެއެވެ. އެއީ އެމީހަކީ ފޮތް ކިޔުމަށް ޝައުގުހުރި މީހަކުތޯއާއި، އެމީހަކީ ފޮތެއް ކިޔުމަށް ވަގުތު ހުސްކުރުމުގެ ކުޅަދާނަކަން ލިބިފައިވާ މީހަކުތޯއާއި، އެމީހަކު ބޭނުންވަނީ ކޮން ބާވަތެއްގެ ފޮތެއްތޯއެވެ. ފުރަތަމަ ދެ ކަންތަކަކީ ކިރިޔާވެސް އެ މީހަކު ދަންނަ މީހަކަށް ނަމަ އެނގޭނެ ދެ ކަންތަކެވެ. ނަމަވެސް ތިންވަނައަކަށް ސަމާލުކަން ދޭންވީ ކަންތަކުގެ ޖަވާބު އެނގޭނީ ފިރިހެން މީހާ ރަނގަޅަށް ދަންނަ މީހަކަށެވެ. އެމީހާ ދައްކާ ވާހަކަތަކާއި، އޭނާގެ ޝައުގު ހުންނަ ދާއިރާއަކުގެ ފޮތެއް ހަދިޔާ ކުރުމަކީ މުހިންމު ކަމެކެވެ.

އެންމެ ގިނަ މީހުން ކުރާ އެއް ޝަކުވާއަކީ ފިރިހެނުންނަށް ދެވޭ ހަދިޔާތަކުގެ އަގުބޮޑުކަމެވެ. މިގޮތުން ޢާންމުކޮށް މީހުން ފިރިހެނުންނަށް ހަދިޔާ ދެނީ އެމީހުންގެ އުފަންދުވަސް، އެނިވަރސަރީ ފަދަ ފާހަގަ ކުރާ ދުވަސްތަކުގައެވެ. އޭގެ ބައެއް މިސާލުތަކަކީ އަގުބޮޑު ގަޑިތަކާއި އަގުބޮޑު ގަމީސްތަކާއި މި ނޫންވެސް އަންނައުނު ތަކެވެ. ނަމަވެސް ފިރިހެނުންނަށް ދެވޭ މިފަދަ "މެޓީރިއަލިސްޓިކް" ހަދިޔާ އަށްވުރެ އެމީހުންނަށް ފައިސާގެ ގޮތުން އަގުހެޔޮ ނަމަވެސް ވަޒަނުގެ ގޮތުން އަގުބޮޑު ހަދިޔާ ދިނުން މާ މުހިންމެވެ.

މީގެ ތެރޭގައި ހިމެނޭ ބައެއް ހަދިޔާތަކަކީ އެމީހުންގެ ސްޓްރެސް ފިލުވާލުމަށް އެމީހުން ގަޔާވާ ކޮންމެވެސް ކަމެއް ކޮށްދިނުމަކީ ކުރެވިދާނެ ކަމެކެވެ. މިގޮތުން އެމީހަކީ ވަކި ވައްތަރެއްގެ ކެއުމަކަށް ލޯބިކުރާ މީހަކުނަމަ އެމީހަކަށް އެ ވައްތަރެއްގެ ކެއުމެއް ދިނުން ނުވަތަ އެމީހަކީ ފުޓުބޯޅަ ނުވަތަ އެނޫންވެސް ކުޅިވަރަކަށް ޝައުގު ހުންނަ މީހަކު ނަމަ އެމީހަކަށް އެކުޅިވަރެއް ކުޅޭ މެޗެއްގެ ޓިކެޓް އޭނާއަށް ހަދިޔާ ކުރެވިދާނެއެވެ. އަދި ހަމައެހެންމެ ޕްލޭސްޓޭޝަން ފަދަ ތަކެތިން ގޭމް ކުޅޭ ރެެއެއް ޕްލޭން ކުރުމަކީވެސް ފިރިހެނުން ހިތްއުފާ ކޮށްދޭން ކުރެވިދާނެކަމެކެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.