ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި އިންތިހާބުވި މެންބަރު، ހަސަން އަފީފް މަޖިލީހުގެ ރައީސް ކަމަށް ގެނެވުމަށް "ތ" އަތޮޅުގެ ރައްޔިތުން ބޮޑު ކެމްޕޭނެއް ފަށައިފިއެވެ.

އަފީފް ވިލުފުށީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި އެދާއިރާއަށް ވާދަކުރެއްވި މިހާރުގެ މެންބަރު، ރިޔާޒް ރަޝީދު ބަލިކުރެއްވުމަށް ފަހުއެވެ.

ހަސަން އަފީފަކީ ރައްޔިތުންގެ މަޖިލީހުގައި މީގެ ކުރިންވެސް ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާ ރައްޔިތުންނަށް ގިނަ ހިދުމަތްތަކެއް ފޯރުކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެގޮތުން އަފީފް ވަނީ 1990 އިން ފެށިގެން 2009 ގެ ނިޔަލަށް "ތ" އަތޮޅުގެ މެންބަރުކަން ކުރައްވާފައެވެ. 

މިއަދު އެންމެ ގިނަ ދިވެހިން ލޯބި ކުރާ ސިޔާސީ ޕާޓީ، އެމްޑީޕީ އުފެއްދުމުގައިވެސް އަފީފްގެ ދައުރު ބޮޑެވެ. އަދި އޭނާއަކީ އެ ޕާޓީ އުފެދުނު ފަހުން މިއަދާ ހަމައަށްވެސް ދެގޮތެއް ނުވެ، ރީނދޫ ކުލައިގެން ޖަރީވެ އެމްޑީޕީގެ ފިކުރުގައި ސާބިތުވެ ހުރި، ޕާޓީއަށާއި، ދާއިރާގެ ރައްޔިތުންނަށް ވަފާތެރި ބޭފުޅެކެވެ.

އެމްޑީޕީ ސަރުކާރުގައި ހޯމް މިނިސްޓަރުކަން ވެސް ކުރެއްވި ހަސަން އަފީފް ވަނީ އިސްލާހީ މަސައްކަތުގެ އެންމެ އިސްސަފުގައި ހަރަކާތްތެރިވެ ނަމޫނާ ދައްކާފައެވެ.

މީގެ އިތުރުން އަފީފްއަކީ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އަސާސީ ބޭނުންތައް ނުވަތަ ހައްޤުތައް ރައްޔިތުންނަށް ހޯއްދަވައިދެއްވުމަށް އެންމެ ހަރު އަޑުން ވަކާލާތުކުރެއްވި އެއް ބޭފުޅާވެސް މެެއެވެ.

އެޖެންޑާ 19 އާއި އެކު 2019 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބުކޮށްފައިވާއިރު، އެ މެންބަރުންގެ ތެރެއިން މަސައްކަތުގެ ތަޖުރިބާއަށް ބެލިޔަސް އަދި މަޖިލީހުގެ ތަޖުރިބާއާއި، ބަރުލަމާނީ ތަޖުރިބާ އެންމެ ބޮޑަށް ދަންނަ ބޭފުޅަކީ ހަސަން އަފީފެވެ. 

އެހެންކަމުން ހަސަން އަފީފަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރެވޭނެ އަދި އެކަމަށް އެންމެ ގާބިލް ބޭފުޅާ ކަމަށް "ތ" އަތޮޅުގެ ގިނަ ބަޔަކު ގަބޫލު ކުރެއެވެ. މީގެ އިތުރުން އަފީފް އަކީ މަޖިލީހުގެ ރައީސް ކަމަށް ގެންނަން އެންމެ ރަނގަޅު ބޭފުޅާ ކަމަށް ސަރުކާރުގެ މިނިސްޓަރު ލެވެލްގެ ބޭފުޅުންނާއި ސިޔާސީ ގޮތުން ބަރުދަން ހުރި ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

މިކަމާއި ގުޅޭގޮތުން ޖަޒީރާނިއުސްއަށް މައުލޫމާތުދެއްވަމުން ހަސަން އަފީފު ވިދާޅުވީ، އެކަން ނިންމާނީ ޕާޓީން ކަމަށާއި، ޕާޓީން އެ މަޤާމު ހަވާލުކޮށްފިނަމަ ތެދުވެރިކަމާއި އިޚްލާސްތެރިކަމާއެކު މަޤާމުގެ ޒިންމާއަދާކުރައްވާނޭކަމަށެވެ.

"މަޖިލިސް ރައީސް ކަނޑައަޅާނީ ޕާޓީން. ޕާޓީން އެ ޒިންމާ ހަވާލުކޮށްފި ނަމަ ތެދުވެރިކަމާއި އިޚްލާސްތެރިކަމާއިއެކު ޒިންމާ އަދާކުރާނަން" އަފީފު ވިދާޅުވިއެވެ.

އަފީފުގެ މަޖިލިސް ހަޔާތުގެ ތެރެއިން 15 އަހަރު ހޭދަކުރައްވާފައިވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުއާއި އެކުގައެވެ. ރައީސް ސޯލިހުއާއި ރައީސް ނަޝިދަކީ ސިޔާސީ ގޮތުންވެސް އަދި އާންމު ދިރިއުޅުމުގައިވެސް އަފީފުގެ އެކުވެރިންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.