އިންސާނުންނަކީ އަބަދު އެއްތަނެއްގައި ތިބެން ބޭނުންވާނެ ބައެއް ނޫނެވެ. ކުރިން ނުދެކޭ ތަންތަނަށް ގޮސް އައު ކަންކަން ތަޖުރިބާކޮށްލުމަކީ އަހަރެމެން އެންމެ ކުރާހިތްވާ ކަމެވެ. ނަމަވެސް ބައެއް އުޒުރުތަކާއިހުރެ ގިނަފަހަރު ދާން ބެނުންވާ މަންޒިލަށް އޮންނަނީ ނުދެވިފައެވެ. 

އުޅެވޭ ވަޒީފާގެ ގޮތުން ގޭތެރޭގެ ހަރަދުތައް ކޮށްފައި އެފަދަ ކަމަކަށް ހަރަދު ކުރަން ލޯ ލާރިއެއްވެސް ހުސް ނުވާތީ ދަތުރު ނުކުރެވޭ މީހުންނާއި، ދުނިޔޭގެ ހިސާބުތަކުގައި ކަންކަން ހިނގަމުންދާ ގޮތާއިމެދު ބިރުގަނެ އެފަދަ ކަމެއް ކުރަން ނުކެރޭ މީހުންނާއި ދަތުރުފަތުރު ކުރާ އުޅަނދުތަކަށް އެރުމުން ބޮލަށް އެނބުރުން އަރައި ހޮޑުލެވުން ފަދަ ކަންކަންވާ މީހުންނަކީ ދަތުރުކޮށް އައު ކަންކަން ކިތަންމެ ތަޖުރިބާ ކުރަން ބޭނުންނަމަވެސް އެމީހުންގެ ހާލަތު އެކަމަށް ތަންނުދޭ މީހުންނެވެ. 

ކުރިން ބުނެވުނު ކަންކަމުގެ ތެރެއިންވެސް އެންމެ ގިނަ އެއްކަމަކީ ދަތުރުފަތުރު ކުރާ އުޅަނދުތަކަށް އެރުމުން ސިއްހަތު ގޯސްވާ މީހުންނެވެ. ނަމަވެސް އެފަދަ މީހުންވެސް އަބަދު އެއްތަނެއްގައި ތާށިވެފައި ތިބޭކަށް ނުޖެހޭނެއެވެ. ކޮންމެ ކަމެއްގެވެސް ހައްލެއް ވާފަދައިން މިކަމުގެވެސް ހައްލެއް އެބައޮތެވެ. 

ކާރުގައި ދަތުރު ކުރާނަމަ:

ކާރަކަށް އަރައިފިނަމަ ހޮޑުލަވާގޮތްވެ، ބޯއެނބުރުން ހުއްޓުވަން ބޭނުންނަމަ ކާރަށް އެރުމަށްފަހު ފޯނާއި ފޮތާއި އެފަދަ އެއްވެސް އެއްޗަކަށް ސަމާލުކަން ދޭން މަސައްކަތް ނުކުރާށެވެ. އަދި ލޯމެރުމަކީވެސް ލުޔެއް ލިބޭނެ ގޮތެއް ނޫނެވެ. ސަބަބަކީ މާ ބޮޑަށް ކަމަކަށް ސަމާލުވާން އުޅުމުން ތިމާގެ ސިކުނޑިއަށް ލިބޭނީ އިތުރު އުނދަގުލެކެވެ. އެއާއި ހިލާފަށް ކުރިއަށް އޮތް މަގަށް ބަލަހައްޓައިގެން އިނުމުން ބޮލަށް ފަސޭހަވެގެންދާނެއެވެ. ނަމަވެސް ކުޑަދޮރުން މަގުމައްޗަށް ބެލުން އެހާ ރަނގަޅެއް ނޫނެވެ. އޭރުން މަގުމަތިން ފަސްވެދާ އެއްޗެހި ފުސްވެފައި ހުންނަ މަންޒަރު ފެނުމުން ބޮލަށް އިތުރު ރިހުމެއް ގެނުވައިދޭނެއެވެ. 

މަތިންދާބޯޓެއްގައި ދަތުރު ކުރާނަމަ: 

ކާރުގައި ކުރި ސީޓުގައި އިނަސް މަތިންދާބޯޓުގައި ކުރީ ސީޓުގައި އިނުމަކީ އެހާ އެދެވިގެންވާ ކަމެއް ނޫނެވެ. މަތިންދާބޯޓުގައި ދަތުރުކުރާނަމަ އެންމެ ރަނގަޅު ގޮތަކީ ވީހާވެސް ބޮޑަށް މޫނަށް ވައި ލިބޭނެ ފަދަ ގޮތަކަށް އިނުމެވެ. އަދި އެގޮތަށް އިންނައިރު ގިނަގިނައިން ފެން ބޯންވާނެއެވެ. އެހެންނޫނީ ތިމާއަށް ލިބެންވާވަރަށް ފެނެއް ނުލިބޭނެއެވެ. އަދި އިށީންނަށް ހިޔާރު ކުރަންވާނީ މަތިންދާބޯޓުގެ މެދުގައި ހުންނަ ސީޓުތަކުގައެވެ. ދަތުރު ކުރަމުންދާއިރު އެކަން އެންމެ އިހުސާސް ނުވާނީ މެދުގައި އިނީމައެވެ. 

ކަނޑު މަގުން ދަތުރު ކުރާނަމަ: 

ދަތުރު ކުރާއިރު އެންމެ ގިނައިން މީހުންނަށް އުނދަގޫ ވަނީ ކަނޑުދަތުރު ކުރާ އުޅަނދެއްގައި ދަތުރު ކުރަން ޖެހިއްޖެނަމައެވެ. އިންޖީނަށް އަޅާ ތެޔޮތަކުން ދުވާ ނުބައި ވަހުގެ ސަބަބުން ދަތުރުވެރިންނަށް އުނދަގޫވާއިރު އަނެއްކޮޅުން ކަނޑުގަދަ ދުވަހެއްގައި ދަތުރު ކުރާނަމަ ތަނެއްގައި އިށީނދެލައިގެން ނުވަތަ އޮށޯވެލައިގެން އޮތުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އެހެންކަމުން ކަނޑުދަތުރު ކުރާއިރު އެންމެ ރަނގަޅު އެއް ކަމަކީ ސާފު ވައި ލިބޭނެ ފަދަ ދިމާލެއްގައި އިނުމެވެ. އަދި ފޯނުން ގޭމެއް ކުޅެލުން ފަދަ ކަމެއް ކޮށްލުމުންވެސް ބޯޓުފަހަރު ފަދަ ތަކެތިން ދުވާ ނުބައި ވަހާއި، ވައި ނުލިބުމުގެ ސަބަބުން ހޮޑުލަވާކަން ފަދަ ކަންތައްތައް ހަނދާން ނެތިގެންދާނެއެވެ. 

ދަތުރު ކުރާއިރު ވަކި އެއްޗެއް ކެއުމުންވެސް ހާލަތު ގޯސްވުމަށް މެދުވެރިވެއެވެ. އެގޮތުން ދަތުރު ކުރާއިރު އާންމުކޮށް ބޮއެ އުޅޭ ސޮފްޓް ޑްރިންކް ފަދަ ތަކެތި އެއްފަރާތްކޮށް، އިނގުރު ސައި، ކެމޮމައިލް ސައި އަދި މިންޓު ހިމެނޭ ބުއިމެއް އިހުތިޔާރު ކުރާށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.