ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިކަން އެބަހުންނެވި ކަމަށް ކާށިދޫ ދާއިރާއަށް އިންތިހާބުވެ ވަޑައިގަންނަވާފައިވާ އަދި ކުރިންވެސް ކާށިދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ، މަޖިލީހުގެ ރައީސް ކަމަކީ އޭނާ ވަރަށް "ލައިކް"ވާ ކަމެއް ކަމަށެވެ.
"ކީއްވެގެންތޯ ނޯންނަންވީ. އަޅުގަނޑު ވަރަށް ބޮޑަށް ލައިކްވާ ކަމެއް އެއީ. އަޅުގަނޑު އެކަން ކުރާނަން ވަރަށް ރަނގަޅަށް. އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ވެއްޖެއްޔާ ރާއްޖޭގެ ބަޖެޓު އޮންނާނީ 10 ބިލިއަނުންމަތީގައި" ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ، އޭނާ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލައްވާނީ ރައީސް އިބްރާހިމް މުހައްމަދު ޞޯލިހު ވިދާޅުވުމުން އެކަނި ކަމަށެވެ.
"އަޅުގަނޑު އެކަން ކުރާނީ ރައީސް އިބްރާހިމް މުހައްމަދު ޞޯލިހު ވިދާޅުވުމުން އެކަނި. އެނޫން ގޮތަކަށް ނުކުރާނަން" ޖާބިރު ވިދާޅުވިއެވެ.
އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ވިޔަސް މަސައްކަތް ކުރައްވާނީ އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒު ކުރެއްވުމަށް ކަމުގައި ޖާބިރު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީއެއް އެމްޑީޕީއިން ނަގާފައިވާއިރު މަޖިލީހުގެ ރައީސަކަށް މިހާރު ހުރި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމްގެ ބަދަލުގައި އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް އިންތިހާބުވި އަސްލަމަށް މަޖިލީހުގެ ރައީސްކަން ދިނުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ތާއީދުކުރައްވާފައެވެ.