މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ބ.ކެންދޫ ދާއިރާގެ ވޯޓް ބާތިލުކޮށް އަލުން ވޯޓް ލުމަށް އެމްޑީޕީން އެދެފިއެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސުޕަރ މެޖޯރިޓީއެއް ހޯދި އެމްޑީޕީން އިލެކްޝަންސް ކޮމިޝަނަށް ހުށައެޅި ޝަކުވާގައި ބުނެފައިވާ ގޮތުގައި ވޯޓް ފޮއްޓަށް ގަޑިއަކު އެއްފަހަރު ވޯޓު ލަމުންދާ މީހުންގެ ތަފްސީލް ހާމަކުރަން އޮންނަ އުސޫލުގެ ދަށުން މެންދުރު 02:00 ގައި ވޯޓް ފޮއްޓަށް ވޯޓްލި ކަމަށް އިއުލާން ކުރީ 377 މީހުން ކަމަށާއިއޭރު ކިޔު ނަމްބަރު 377 ވޯޓުލާފައި ނުވާކަމަށާއި ވޯޓުލާފައިވާ މީހުންގެ ކިޔޫ ނަމްބަރަށްވުރެ އިތުރަށް އެ ވޯޓް ފޮއްޓަށް ވޯޓުލާފައިވާކަން އެވަގުތު އެ ވޯޓު ފޮއްޓާ ހަވާލުވެހުރި ވެރިޔާގެ ސަމާލުކަމަށް ގެނައި ކަމަށާއި އެހެން ނަމަވެސް އެކަމަށް އަޅައި ނުލައި ވޯޓް ލުން ކުރިއަށް ގެންދިޔަ ކަމަށެވެ.

އެމްޑީޕީން ހުށައެޅި ޝަކުވާގައި އިތުރަށް ބުނެފައިވަނީ، ވޯޓް ލާން ނުދާ މީހުންގެ ނަން ވެސް ވޯޓް ލީކަމަށް ލިޔެފައި ވުމާއި، އެވަގުތު އެތާ ހުރި އޮފިޝަލަކު ވޯޓްލުން ބަންދުކުރި ފަހުން ވޯޓް ލީ ވާހަކަވެސް ވެއެވެ. ވޯޓު ކަރުދާސްކޮޅުތަކުގެ ކައުންޓާ ފޮއިލްކޮޅުތަކާއި ބާކީ ހުރި ވޯޓު ކަރުދާސްތައް ދައްކާފައިނުވާ ކަމަށްވެސް އެމްޑީޕީން ހުށަހަޅާފައިވާ ޝަކުވާގައި ވެއެވެ.

އެމްޑީޕީން ހުށައަޅާފައިވަނީ، ކެންދޫ ވޯޓުލާ މަރުކަރުގައި ބެހެއްޓި ވޯޓު ފޮށި ނަމްބަރު F03.03.1، ވޯޓު ފޮއްޓާ ގުޅޭ ޝަކުވާތަކެކެވެ. ބ.ކެންދޫގެ ވޯޓް ފޮށީގެ ވޯޓް ކެންސަލު ކުރަން އެމްޑީޕީން އެދިފައިވަނީ އިއްޔެއެވެ. ނަމަވެސް މިހާތަނަށް މިކަމަށް ވަކި ގޮތެއް އަދި އިލެކްޝަންސް ކޮމިޝަނުން ނުނިންމައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.