ނަވާރަ ވަނަ ރައްޔިތުންގެ މަޖިލިިސް އިންތިޚާބުގެ އަޣުލަބިއްޔަތު ސުޕަރ މެޖޯރިޓީއަކުން ނެންގެވި ޕާޓީ ކަމަށްވާ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލް ޖުމްހޫރިއްޔާ ރައީސް މުހައްމަދު ނަޝީދުގެ ވިސްނުން ވެރިކަން ހިންގާ ނިޒާމު ބަދަލުކުރެއްވުމާ ދިމާލުން ހުރުމުން ދިވެހިރާއްޖޭގެ ކުރީގެ ނައިބުރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު އެކަމާ ފާޑު ކިޔުއްވައިފިއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ރޭ ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ވެރިކަމުގެ ނިޒާމަށް ބަދަލު ގެންނަން ޖެހޭކަމަށާއި އެކަން ކުރާނެ ވަގުތެއް އެނގޭނީ ރައީސް އިބްރާހިމް ޞާލިހަށާއި މުޅި ޕާޓީއަށް ކަމަށެވެ.

ކުރީގެ ނައިބު ރައީސް އަދި ނަވާރަ ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވިލިމާލެ ދާއިރާގެ ގޮނޑިއަށް އިންތިޚާބުކުރައްވައި، ކާމިޔާބީ ލިބިވަޑައިގެންފައިނުވާ ބޭފުޅެއްކަމަށްވާ، ޑރ. މުހައްމަދު ޖަމީލް އަހްމަދު ވަނީ ރައީސް ނަޝީދު މިހެން ވިދާޅުވުމުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މިގޮތުން އެ ބޭފުޅާ ވިދާޅުވެފައިވަނީ ރައީސް ނަޝީދު ވެރިކަން ކުރައްވާ ޕާޓީ، އެމްޑީޕީއަށް ރައްޔިތުންގެ މަޖިލިސްގެ ސުޕަރ މެޖޯރިޓީ ލިބިވަޑައިގެންނެވުމާއެކު، މިހާރު ރާއްޖޭގައި އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރަން ޚިޔާލުކުރައްވާތީ އެކަމާ ހިތާމަފާޅު ކުރައްވާކަމެވެ.

"ވެރިކަމުގެ ނިޒާމް ބަދަލުކުރުމުގެ ބަދަލުގައި، ނަޝީދުގެ އަމާޒަކަށް ވާންވީ ރައްޔިތުން ބޮޑެތި އުއްމީދުތަކާއެކު ވޯޓުދިން އެޖެންޑާ 19 ގައި ހުރިކަންކަން ފުއްދައިދޭން،" ޖަމީލް ވިދާޅުވި އެވެ.

ނަޝީދު ދެއްކެވި ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ވެރިކަމުގެ ނިޒާމަށް ބަދަލު ގެންނާނީ، ރައްޔިތުންގެވެސް ހިޔާލު ހޯއްދަވައިގެން ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ފަހު ކަމުގައެވެ. ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ކޮންމެ ގޮތަކަށް ބަދަލު ކުރެއްވިއަސް އެކަން ކުރައްވާނީ ރައީސް އާއި މަޝްވަރާ ކުރައްވާފައި، ރައީސަށް އުނދަގޫ ނުވާނެ ކަހަލަ ވެރިކަމުގެ ނިޒާމަކަށް ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގާއިމުކޮށްފި ނަމަ ރައީސް ނަޝީދު ބޮޑު ވަޒީރުކަމަށް ވަޑައިގަންނަވަން ޝައުގުވެރިކަން އެބަހުރިތޯ ސުވާލު ކުރެއްވުމުން އެމަނިކުފާނު ވިދާޅުވީ ސިޔާސީ ދާއިރާއާއި ދުރަށް ވަޑައިނުގަންނަވާނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.