ބައެއް ފިރިހެނުންނަކީ ހަރުކަށިކަމެއް ގެންގުޅޭ ބައެކެވެ. އެހެންކަމުން މީހަކާއި އިނުމަށްފަހު، އަނބިމީހާއަށް ވެސް އެމީހުންގެ ބަސް ބުނުމުގެ ގޮތްގަނޑާއި ރާގު ހުންނަ ގޮތުން، ދެރަވެ ރޯން ޖެހޭތަން އާދެއެވެ. 

ކިތަންމެ ހަރުކަށި މީހެއް ނަމަވެސް އެމީހެއްގެ ހިތް ތިމާއާއި މެދު ހެޔޮކޮށް، އެ ހިތުގައި ތިމާއާއި މެދު ލޯބި ޖެއްސުމަކީ ކުރެވިދާނެ ކަމެކެވެ. ބައެއް ފަހަރު މިކަމަކީ ވަރަށް އުނދަގުލުން ހާސިލް ކުރެވޭނެ ކަމެކެވެ. އަނެއްބައި ފަހަރު ކޮށްލާ ކުޑަކުޑަ ކަމަކުންވެސް ފިރިމީހާގެ ސަމާލުކަމާއި ލޯބި ލިބިގެންދާނެއެވެ. 

ފިރިމީހާގެ ލޯތްބާއި އަޅާލުން ބޭނުންނަމަ ކޮންމެހެންވެސް މީރުކޮށް ކައްކަން ދަސްކުރަންވާނެއެވެ. ފިރިހެނެއްގެ ހިތުގެ ތަޅުދަނޑިއަކީ ރަނގަޅަށް ކައްކާފައި ކާންދޭން އެނގުމެވެ. ދިވެހި ވަންތަ ކެއުން މީރު ނަމަ އެފަދަ ކެއުންތައް ކައްކަން ދަސްކުރުމުގައި އިތުރު ހިތްވަރެއް ލާން ވާނެއެވެ. އަދި ތިމާގެ ފިރިމީހާ ގަޔާވަނީ ބޭރު ގައުމުތަކުގެ ކެއުންތަކަށް ނަމަ އެފަދަ ކެއުންތައްވެސް، ދެވަނަ ފަހަރު ބޭރު ރެސްޓޮރޯންޓަކުން ނުކައި ވާވަރަށް މީރުކޮށް ކައްކާފައި ފިރިމީހާއަށް ދޭންވާނެއެވެ. 

މިހާރުގެ މީހުންގެ ހުންނަ ފަރުވާކުޑަ އެއް އާދައަކީ ގެއަށް ނޯކަރުން ގެނެސް އެމީހުން ލައްވާ ކެއްކުމެވެ. ރާއްޖޭގައި އެގޮތަށް ގެނެސްގެން އުޅޭނީ ހާއްސަކޮށް އިންޑިއާއާއި ބަނގްލަދޭޝް ހިސާބުގެ އަންހެނުންނެވެ. މިސާލަކަށް ތިމާގެ ފިރިމީހާއަށް އެންމެ މީރީ ދިވެހިންގެ ތެރޭގައި ވާ އެންމެ ދިވެހި ވަންތަ ކެއުން، ކަމުގައިވާ ގަރުދިޔައާއި ބަތާއި ލޮނުމިރުސް ނުވަތަ ފިހުނުމަސް ކަމަށް ވާނަމަ، ބިދޭސީ އަންހެނަކަށް ތިމާއަށްވުރެ ރަނގަޅަށް އެ ކައްކަން އެނގޭނެ ހެއްޔެވެ؟ އެނގޭނަމަ އެއީ ތިމާގެ އިހުމާލުން ވާނެ ކަމެކެވެ. ދިވެހި ކެއުމެއް ކައްކަން ދިވެއްސަކަށްވުރެ ބޮޑަށް ބިދޭސީ މީހަކަށް އެނގިގެން ނުވާނެއެވެ. 

މަސައްކަތުގައި ގިނަ ވަގުތު ތަކެއް ހޭދަކުރުމަށް ތިމާގެ ފިރިމީހާ ގެއަށް އަންނައިރުވެސް ޖޫސްތައްޓެއް ފަދަ ކޮންމެވެސް ފިނި ބުއިމެއް ހުންނަން ވާނީ ތައްޔާރު ކުރެވިފައެވެ. ވަރުބަލިވެގެން ގެއަށް އަންނަ ގަޑީގައި އެފަދަ އެއްޗެއް ދިނުމުންވެސް އެނގޭނީ ތިމާގެ ފިރިމީހާ ދެކެ ތިމާ ލޯބިވާ މިންވަރެވެ. އެގޮތަށް ކަން ކޮށްފިނަމަ ފިރިމީހާއަށްވެސް ތިމާ އަށް އިތުރަށް ގަދަރު ކުރެވެން ފަށާނެއެވެ. 

ފިލްމެއް ބަލަން ނުވަތަ ގޭމެއް ކުޅެން ފިރިމީހާ އޮތްތަން ފެންނައިރަށް އަވަހަށް ބަދިގެއަށް ވަދެ ކޮންމެވެސް ލުއި ކާނާއެއް ތައްޔާރު ކޮށްލަން ވާނެއެވެ. އެކަހަލަ ގަޑިތަކުގައި ފިރިހެނުންނަކީ ކޮންމެވެސް އެއްޗެއް ހަފާލާހިތުން ތިބޭ ބައެކެވެ. ތިމާއަށް ވާވަރަށް އެ ކައްކާ އެއްޗަކުން ބައި އެޅުމަށްވުރެ ހަމައެކަނި ފިރިމީހާއަށް ކޮންމެވެސް އެއްޗެއް ތައްޔާރު ކުރުން މާ ބުއްދިވެރިއެވެ. 

ތިމާގެ ފިރިމީހާ ރުޅިގަދަވެ، ވާހަކަ ނުދައްކާ ހިސާބަށް ދިޔަނަމަވެސް މީރުކޮށް ކައްކަން އެނގޭނަމަ ފިރިމީހާ ތިމާގެ މުށުގައި ބަންދު ކޮށްލުމުގެ ފުރުސަތުވެސް އޮންނާނެއެވެ. މީރު ކާއެއްޗެހި ކާންދޭ އަނތްބެއް ދޫކޮށްލާކަށް އެއްވެސް ފިރިހެނަކު ބޭނުމެއް ނުވާނެއެވެ. 

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.