ތާރީޚުގައި ފާހަގަކުރެވިފައިވާ އެންމެ ފުރަތަމަ ޗޮކްލެޓާއި ވެނީލާގެ ބަހުސް ބޭއްވުނީ މީގެ އެތައް ސަތޭކަ އަހަރުތަކެއް ކުރިން ސްޕެއިންގެ އެކްސްޕލޯރަރ އަކާއި އެޒްޓެކްގެ ރަސްކަލަކާއި ދެމެދުގައެވެ. އޭރުއްސުރެ ޗޮކްލެޓާއި ވެނީލާގެ ވާދަވެރިކަން އަބަދުވެސް އަންނަނީ ކުރިއަށް ދަމުންނެވެ.
ސިޔާސީ މަސްރަޙުތަކެކޭ އެއްފަދައިން، ޗޮކްލެޓާއި ވެނީލާގެ ދެމެދުގައިވެސް ކޮންމެ މީހަކަށްވެސް އެމީހަކު ތާއީދުކުރަން ބޭނުންވާ ފްލޭވަރ އެއް އޮންނާނީ ނިންމައި ފާސް ކުރެވިފައެވެ. ނަމަވެސް މި ދެ ބާވަތުން ކުރެ ސިއްޙަތަށް ފައިދާކަން ބޮޑީ ކޮން ފްލޭވަރ އަކުން ހެއްޔެވެ؟ އޭގެ ރަހައާއި މެދު ބަހުސްތައް ކުރެވުމުގެ ބަދަލުގައި އޭގެއިން ލިއްބައިދޭ މަންފާތަކަށް ބަލައި ހެކިތަކުގެ އަލީގައި އެތަނުން ކެއުން އައުލާކަން ބޮޑު ބާވަތެއް ނިންމުން މާ މުހިންމެވެ.
ޗޮކްލެޓް
ގިނަ ޗޮކްލެޓްތަކަކީ އޭގައި ގިނަ އަދަދަކަށް ކިރު ނުވަތަ ހަކުރު އެލުލެވިގެންވާ ކާނާތަކަށް ވުމުގެ ސަބަބުން އެންމެ ބުއްދިވެރި ގޮތަކީ ޑާކް ޗޮކްލެޓްގެ ފައިދާތަކަށް ބަލައި މި ނިންމުން ފާސް ކުރުމެވެ. އެއީ ޑާކް ޗޮކްލެޓްގައި އެކުލެވޭ ކޮކޯގެ ނިސްބަތް އިތުރުވުމުގެ ސަބަބުން ކިރާއި ހަކުރުގެ މާއްދާތައް އޭގައި އެކުލެވޭ މިންވަރު މަދުވާނެއެވެ.
ފައިދާތައް
- ހަށިގަނޑަށް ފައިދާހުރި މާއްދާތައް އެކުލެވިގެންވޭ: ފައިބަރ، އަޔަން، މެގްނީޝިއަމް، ކޮޕަރ، މެންގަނީސް، ޕޮޓޭޝިއަމް، ފޮސްފަރަސް، ޒިންކް އަދި ސެލޭނިއަމް ފަދަ ހަށިގަނޑަށް ފައިދާހުރި މާއްދާތައް ޑާކް ޗޮކްލެޓްގައި އެކުލެވިގެންވެއެވެ.
- އެންޓިއޮކްސިޑެންޓް އެކުލެވޭ: ކޮކޯ ބީން އަކީ ގިނަ އަދަދެއްގެ ފައިދާހުރި އެންޓިއޮކްސިޑެންޓް ހުންނަ ކަމަށް ދިރާސާތަކުން ހާމަވެފައިވާ މޭވާއެކެވެ. އެންޓިއޮކްސިޑެންޓަކީ ހަށިގަނޑަށް ނުރައްކާތެރި މާއްދާއެއް ކަމަށްވާ ފްރީ ރެޑިކަލްތައް ނައްތާލުމަށް އެހީވެދޭ، ފައިދާހުރި މާއްދާއެކެވެ.
- ލޭ ދައުރުވުމުގެ ނިޒާމު ރަނގަޅުކޮށްދީ، ލޭ މައްޗަށް ދިޔުމުން ދުރުކޮށްދޭ: ކޮކޯގައި އެކުލެވިގެންވާ ފްލޭވަނޯލްތަކުގެ ސަބަބުން ލޭގެ ޕްރެޝަރ ދަށް ކޮށްދީ، ހަށިގަނޑުގެ ތަފާތު ހިސާބުތަކަށް ލޭ ދައުރުވުމަށް އެހީވެދެއެވެ.
- ކޮލެސްޓްރޯލްއަށް ރަނގަޅު: "އެލްޑީއެލް" ނުވަތަ ނުރަނގަޅު ކޮލެސްޓްރޯލް މަދުކޮށްދީ، އިންސިއުލިން އިން ދިފާއުކުރުމަށް ކޮކޯ އެހީވެދެއެވެ.
- ހިތުގެ ބަލިތަކުން ދުރުކޮށްދޭ: ހިތުގެ ނާރުތައް ހިމަވެ ފިތުން ފަދަ ބަލިތަކާއި، ސްޓްރޯކްތައް ފަދަ ކަންތަކުން ދުރުކޮށް ދިނުމަށް ކޮކޯ އެހީވެދެއެވެ.
- ހަންގަނޑަށް ފައިދާހުރި: ހަންގަނޑުގެ ހިސާބުތަކަށް ލޭ ދައުރުކޮށްދޭން ކޮކޯ އެހީވެދިނުމުގެ ސަބަބުން ހަންގަނޑަށް ޖެހޭ ތަފާތު ބަލިތަކާއި ކުރިމަތިވާ މައްސަލަތަކުން ދުރުކޮށްދިނުމަށް އެހީވެދެއެވެ.
- ސިކުނޑީގެ ނިޒާމުތަކަށް ފައިދާހުރި: ޗޮކްލެޓްގައި އެކުލެވިގެންވާ މަދު މިންވަރެއްގެ ކެފެއިންގެ ސަބަބުން ސިކުނޑިއަށް ލޭ ދައުރުކޮށް ދިނުމަށް އެހީވެދިނުމުގެ އިތުރުން ސިކުނޑީގެ ނިޒާމަށް އަޅާ ހުރަސްތައް މަދުކުރުމަށް އެހީވެދެއެވެ.
ވެނީލާ
ވެނީލާ އުފައްދަނީ ވެނީލާ ބީންސް އިންނެވެ. އެއީ ދުނިޔެއިން ދެވަނައަށް އެންމެ އަގުބޮޑު ސްޕައިސް ގެ ބާވަތެވެ.
ފައިދާތައް
- އެންޓިއޮކްސިޑެންޓް އެކުލެވިގެންވޭ: ވެނީލާގައި އެކުލެވޭ ވެނީލިން އާއި ވެނީލިކް އެސިޑްތަކަކީ ހަށިގަނޑުގައިވާ ނުރައްކާތެރި އެންޓިއޮކްސިޑެންޓްތައް ނައްތާލުމަށް އެހީވެދޭ އެންޓިއޮކްސިޑެންޓް ތަކެކެވެ.
- އިންފްލެމޭޝަންތަކުން ދުރުކޮށްދޭ: ވެނީލާގައި އެކުލެވޭ އެންޓިއޮކްސިޑެންޓް ތަކުގެ ސަބަބުން އިންފްލޭމަޓޯރީތަކުން ދުރުކޮށްދިނުމުގެ އިތުރުން ލިވަރގެ ސިއްހަތް ދުޅަހެޔޮކަންމަތީ ދަމަހައްޓައިދެއެވެ.
- ކޮލެސްޓްރޯލް ދަށްކޮށްދޭ: ކުރިއަށް ގެންދެވުނު ގިނަ ދިރާސާތަކުން ދައްކާ ގޮތުން ގަވާއިދުން ވެނީލާ އެކުލެވޭ ކާނާ ހަށިގަނޑަށް އެތެރެކުރުމުން ކޮލެސްޓްރޯލް ހުންނަ މިންވަރު އިތުރުކޮށްދެއެވެ.
- ހަންގަނޑާއި އިސްތަށިގަނޑަށް ފައިދާހުރި: ހަންގަނޑުގައި އުނގުޅާ ކްރިމްތަކާއި، ބޮލުގައި ލާ ޝޭމްޕޫތަކުގައި ވެނީލާ އެކުލެވުމުގެ ސަބަބަކީ މިއީއެވެ.
- ނޭވާ ލުމުގެ ނިޒާމަށް ފައިދާހުރި: ނޭވާ ލުމަށް ދަތިތައް ކުރިމަތިވެ، ރޯގާ ޖެހެން އުޅޭހެން ހީވާނަމަ ވެނީލާ އެކުލެވިގެންވާ ކާނާއެއް ކެއުން ބުއްދިވެރިއެވެ. އޭގައިވާ އެންޓިބެކްޓީރިއަލް އަސަރުތަކުގެ ސަބަބުން އިންފެކްޝަންތަކުން ދުރުކޮށްދިނުމަށްވެސް ވެނީލާ އެހީވެދެއެވެ.
- އެންޒައިޓީ އާއި ސްޓްރެސް ފިލުވައިދޭ: ވެނީލާއިން ދޭ ވަހަކީ ސްޓްރެސް ފިލުވައިދިނުމަށް އެހީވެދޭ ވަހެކެވެ.