އިދިކޮޅު ޕާޓީތަކަށް އަދި އެމަނިކުފާނުގެ ވާދަވެރިންނަށް އެޅުނު އެންމެ ބޮޑު ޅަ އެއްޗަކީ އެމަނިކުފާނާއި ރައީސް އިބްރާހިމް ޞާލިހާއި ދޭތެރޭ މައްސަލަ ޖައްސަން އުޅުން ކަމަށް ނަވާރަވަ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި މެދު ދާއިރާގެ މަޖިލިސް ގޮނޑި ކާމިޔާބު ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް ނަޝީދު ޕީއެސްއެމަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އެ މޭރެމުން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ވާދަވެރިން މިނިމިދިޔަ ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެޅި އެންމެ ބޮޑު ޅައެއްޗަކީ އެމަނިކުފާނާއި، ރައީސް ޞާލިހާއި ދެމެދު މައްސަލަ ޖައްސަން މަސައްކަތް ކޮށް އެއިން ފައިދާ ނަގަން އުޅުން ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ، ވާދަވެރިން ހީކުރެއްވިި އެމަނިކުފާނާއި ރައީސް ސާލިހާއި ދެމެދުގައި މައްސަލަ ޖައްސައިގެން އެއިން ފައިދާ ނަގައިގެން މިނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމަށެވެ. ކުރީގެ ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، އެމަނިކުފާނާއި، ރައީސް ޞާލިހަކީ އަބަދުވެސް ވަރަށް ގުޅޭ ވަރަށް އެކުވެރި އަދި ދެބޭފުޅުންގެ ވެސް ހިޔާލްވެސް ވަރަށް އެއްގޮތް ދެބޭފުުން ކަމަށެވެ.
މުހައްމަދު ނަޝީދު ވިދާޅުވީ، އެމަނިކުފާނާއި، ރައީސް ޞާލިހަކީ އެންމެ ކުޑައިރުއްސުރެ އެކީ އުޅުއްވި ދެބޭފުޅުން ކަމަށާއި، ދެބޭފުޅުންގެ މެދުގައި ރުޅިވެރިކަމެއް ނެތް ކަމަށެވެ.
"އަޅުގަނޑު ކަންކަމުގައި ދެކޭ ގޮތް ރައީސުލްޖުމްހޫރިއްޔާ އަރިހުގައި ދަންނަވާކަށް ނުޖެހޭނެ. އަދި ރައީސުލްޖުމްހޫރިއްޔާ ކަންކަމާ ދެކެވަޑައިގަންނަވާ ގޮތް އަޅުގަނޑު ކައިރީގައި ވެސް ވިދާޅުވާކަށް ޖެހިވަޑައިނުގަންނަވާނެ. އަޅުގަނޑުމެން ދެމީހުންނަށް ހިތުލީ އަދަދު އެނގޭނެ،" ކުޑަ އިރުއްސުރެ އެކުގައި އުޅުއްވަމުން އަންނަ ރައީސް ސޯލިހާއި އެމަނިކުފާނާއި އޮތް ގުޅުން ކިޔައިދެއްވަމުން ރައީސް ނަޝިދު ވިދާޅުވި އެވެ.