ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބަދަލު ގެންނަން ޖެހޭ ކަމަށް ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި މެދު ދާއިރާއަށް އިންތިހާބުވެ ވަޑައިގެންނެވި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބަދަލު ގެންނަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވީ، ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޓީވީއެމްއަށް ރޭގަ ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ. ޓީވީއެމްއަށް ދެއްވި އިންޓަވިއުގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ނަޝީދު ވިދާޅުވީ، ވެރިކަމުގެ ނިޒާމަށް ބަދަލު ގެންނަން ޖެހޭ ވަގުތެއް އެނގޭނީ ރައީސް އިބްރާހިމް ޞާލިހަށާއި މުޅި ޕާޓީއަށް ކަމަށެވެ.
ނަޝީދު ދެއްކެވި ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ވެރިކަމުގެ ނިޒާމަށް ބަދަލު ގެންނާނީ، ރައްޔިތުންގެވެސް ހިޔާލު ހޯއްދަވައިގެން ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ފަހު ކަމުގައެވެ. ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ކޮންމެ ގޮތަކަށް ބަދަލު ކުރެއްވިއަސް އެކަން ކުރައްވާނީ ރައީސް އާއި މަޝްވަރާ ކުރައްވާފައި، ރައީސަށް އުނދަގޫ ނުވާނެ ކަހަލަ ވެރިކަމުގެ ނިޒާމަކަށް ކަމަށެވެ.
ޕީއެސްއެމްއަށް ދެއްވި އިންޓަވިއުގައި، ނަޝީދު އިތުރަށް ވިދާޅުވީ، އެމަނިކުފާނަށް އަބަދުވެސް ކަމުދަނީ ބަރުލަމާނީ ވެރިކަމުގެ ނިޒާމެއް ކަމަށާއި، ރާއްޖޭގައި ބަރުލަމާނީ ވެރިކަަމުގެ ނިޒާމެއް މާ ރަނގަޅަށް ހިނގާނެ ކަމަށެވެ. ރައީސަކު ހުންނަވާފައި ބޮޑު ވަޒީރަކު ހުންނެވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި، ރައީސްކަން ކުރައްވާ ބޭފުޅަކަަށް އެބޭފުޅެއްގެ ބާރުތައް ސާފުވުން ވަރަށް މުހިންމު ކަމަށެވެ.
ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގާއިމުކޮށްފި ނަމަ ރައީސް ނަޝީދު ބޮޑު ވަޒީރުކަމަށް ވަޑައިގަންނަވަން ޝައުގުވެރިކަން އެބަހުރިތޯ ސުވާލު ކުރެއްވުމުން އެމަނިކުފާނު ވިދާޅުވީ ސިޔާސީ ދާއިރާއާއި ދުރަށް ވަޑައިނުގަންނަވާނެ ކަމަށެވެ.