ފާގައަކީ ދިވެހިންނާ ބީރައްޓެހި ކާނާއަކަށް ނުވާނެއެވެ. ފާގައަކީ މޭވާ-ތަރުކާރީއެކެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ދަނޑުދަނޑަށް ފާގަ ހައްދައެވެ. ދިވެހިންނަކީ ފާގައިން ދޭ ރަހަ ހިތިކަމަށް ވިނަމަވެސް އޭގެއިން ލިއްބައިދޭ ގިނަ ސިއްހީ ފައިދާތަކުގެ ސަބަބުން ދިވެހިން އަންނަނީ ކުރީއްސުރެ ފާގަ ބޭނުން ކުރަމުންނެވެ. ފާގައަކީ މޭވާއާއި ތަރުކާރިތަކުގެ ތެރެއިން އެންމެ ހިތި ރަހަ ގަދަ ކާނާއެވެ.

ފާގައިން ލިއްބައިދާ ބައެއް ފައިދާތައް

ހަކުރުބައްޔަށާއި ލޭ މައްޗަށް ދިޔުމަށް ފަރުވާއެއް

ފާގައަކީ ލޭ މައްޗަށް ދިޔުމާއި، ހަކުރުބަލި ކޮންޓްރޯލް ކުރުމަށް ޢާންމުން ބޭނުންކޮށް އުޅޭ ގުދުރަތީ ބޭސްތަކުގެ ތެރެއިން އެންމެ މަޝްހޫރު އެއް ބޭހެވެ. "ޓައިޕް 2 ޑައެބެޓީސް" ހުންނަ މީހުންނަށް ފާގައިގެ ސަބަބުން ވަރަށް ގިނަ ފައިދާތައް ލިބެއެވެ. ގަވާއިދުން ފާގަ ދިޔަ ނުވަތަ ފާގަ ފަނި ބޯ މީހުން ހަކުރުބަލި ޖެހުމާއި، ލޭ މައްޗަށް ދިޔުމުގެ ފުރުސަތު ވަރަށް ހަންޏެވެ.

ދިފާއީ ބާރު ވަރުގަދަ ކޮށްދޭ

ފާގައަކީ އޭގައި ވިޓަމިން ސީ އެކުލެވިގެންވާ، ވަރުގަދަ އެންޓިއޮކްސިޑެންޓެކެވެ. އެންޓި އޮކްސިޑެންޓަކީ ހަށިގަނޑުގައި ވާ ނުރައްކާތެރި މާއްދާއެއް ކަމަށްވާ، ފްރީ ރެޑިކަލްސް އާއި މި ނޫންވެސް އެތައް ނައްތާލުމުގެ ގާބިލްކަން ލިބިގެންވާ ބާރުގަދަ މާއްދާއެކެވެ. ނަތީޖާއެއްގެ ގޮތުން ފާގަ ކެއުމަށާއި ބުއިމަށް ބޭނުން ކުރުމުގެ ސަބަބުން، އިންފެކްޝަންތަކާއި، ޢާންމު ބަލިތަކާއި ރޯގާތައް ޖެހުމުން ދުރުކުރުވައެވެ.

ލޮލުގެ ފެނުން ސާފުކޮށްދޭ

ފާގައިގަ އެކުލެވިގެންވާ ކެރޮޓިން، ލޫޓީން އަދި ޒިއެޒަންތިން އަކީ ލޮލުގެ ސިއްހަތް ދުޅަހެޔޮކަން މަތީ ދެމެހެއްޓުމުގައި އިސް ދައުރެއް އަދާ ކުރާ މާއްދާތަކެކެވެ. އެއްކޮށް މަސައްކަތްކޮށް މި މާއްދާތައް، އިންސާނުންގެ ލޮލަށް އަނދިރީގައި ފެންނަ މިންވަރުވެސް އިތުރުކުރުވައެވެ. މީގެ އިތުރުން އުމުރުން ދުވަސްވުމުގެ ސަބަބުން ލޯ ބަލިކަށިވެ، ލޮލުގެ ފެނުމަށް އަންނަ ބަދަލުތައް އަންނަ ދުވެލިވެސް ލަސްކޮށްދޭ މާއްދާތައް ފާގައިގަ އެކުލެވެއެވެ.

ނޭވާ ހިއްލުމުން ދުރުކޮށްދޭ

ފާގައިގަ އެކުލެވޭ އެންޓި-އިންފްލޭމަޓޯރީ އަދި އެންޓި ވައިރަލް އަސަރުތަކުގެ ސަބަބުން ނޭވާ ލުމުގެ ނިޒާމަށް ވަރަށް ފައިދާހުރި ކާނާއެއްގެ ގޮތުގައި ފާގަ ވަނީ ވެފައެވެ. އޭގެ ތެރޭގައި ނޭވާ ހިއްލުމާއި، ބްރޮންޗިޓިސް ފަދަ ނޭވާ ލުމުގެ ނިޒާމަށް ޖެހޭ މައްސަލަތަކުން ދުރުކޮށް ދިނުން ހިމެނެއެވެ.

ހަންގަނޑަށް ވަރަށް ފައިދާކޮށްދޭ

އޭގައިވާ އެންޓި ފަންގަލް، އެންޓިބެކްޓީރިއަލް އަސަރުތަކުގެ ސަބަބުން ހަންގަނޑަށް ދިމާވާ ގިނަ އަދަދެއްގެ އިންފެކްޝަންތަކާއި މައްސަލަތަކުން ހަންގަނޑު ދިފާއު ކުރުމުގެ ކުޅަދާނަކަން ފާގައަށް ލިބިގެން ވެއެވެ. މީގެ އިތުރުން ހަންގަނޑު ހަލާކުވެ، އިންފެކްޓް ވެފައިވާ ސަރަހައްދުތަކުގައި ފާގަ ދިޔަ ހޭކުމުން އެތަނެއް އަވަހަށް ފަސޭހަވާނެއެވެ.

ކެންސަރުން ދުރުކޮށްދޭ

ފްރީ ރެޑިކަލް ތަކަކީ ހަށިގަނޑުގައި ދިރިހުރި ބޭނުންތެރި ސެލްތަކަށް ހަމަލާދީ، އެ ސެލްތައް ނައްތާލުމަށް މަސައްކަތް ކުރާ ނުރައްކާތެރި މާއްދާއެކެވެ. އޭގެ ސަބަބުން މުސްކުޅިވާ މިންވަރު އަވަސްވެ، ކެންސަރަށް މަގުފަހުވުން ފަދަ އެތައް ނުރައްކަލެއް ކުރިމަތި ކުރުވައެވެ. ފާގައިގަ އެކުލެވޭ އެންޓިއޮކްސިޑެންޓް ތަކަކީ މިފަދަ ނުރައްކާތެރި އެންޓި އޮކްސިޑެންޓްތައް ނައްތާލާ މާއްދާއެކެެވެ. މީގެ އިތުރުން ކުރެވުނު ގިނަ ދިރާސާތަކުން ދެއްކި ގޮތުގައި ފާގަ ކެއުމާއި ބުއިމަށް ބޭނުން ކުރުމުން އުރަމަތީގެ ކެންސަރު ފަދަ ކެންސަރުތަކުގައި އުފެދިފައިވާ ޓިއުމަރުތައް މަދުކުރުމަށް އެހީވެދެއެވެ.

އެޗްއައިވީ އާއި އެއިޑްސް އަށް ފަރުވާދޭ

ގިނަ ލެބޯޓަރީ ޓެސްޓުތަކުން ދެއްކި ގޮތުން އަދި މިހާ ތަނަށް ދާއިމީ ހައްލެއް ހޯދިފައި ނުވާ ބައްޔެއް ކަމަށްވާ، އެއިޑްސް އަށް ކޮންމެވެސް ވަރެއްގެ ފަރުވާއެއްދޭ ކާނާއެއް ކަމަށް ފާގަވެއެވެ. އޭގައި އެކުލެވޭ ފައިޓޯކެމިކަލް ތަކުގެ ސަބަބުން އެ ގާބިލްކަން ފާގައަށް ލިބިގެންވެއެވެ.

ކޮލެސްޓްރޯލް ހުންނަ މިންވަރު ދަށްކޮށްދޭ

ފާގައަކީ ހަށިގަނޑުގައިވާ ނުރަނގަޅު ކޮލެސްޓްރޯލްތައް ނައްތައިލުމުގެ ކުޅަދާނަކަން ލިބިގެންވާ އެއްޗެކެވެ. މީގެ އިތުރުން ހާޓް އެޓޭކް، ހިތުގެ އެހެނިހެން ބަލިތައް އަދި ސްޓްރޯކް ފަދަ ކަންތަކުން ދުރުކޮށްދޭ ކާނާއެއް ކަމަށް ފާގަ ވަނީ ވެފައެވެ.

ހަޖަމް ކުރުމުގެ ނިޒާމު ރަނގަޅުކޮށްދީ، ބަރުދަން ލުއިކުރުމަށް އެހީވެދޭ

އޭގައިވާ ފައިބަރގެ މާއްދާ ގިނަވުމުގެ ސަބަބުން މަދު އެތިކޮޅެއް ކެއުމުން ބަނޑުފުރި، ބޭނުންވާ މިންވަރަށް ހަކަތަ ހަށިގަނޑަށް ލިއްބައިދޭ ކާނާއެއް ކަމަށް ފާގަވެއެވެ. މިކަމުގެ ސަބަބުންނާއި، ފެޓް ސެލްތައް މަދުކުރުމުގެ ގާބިލްކަން ފާގައިގަ އެކުލެވޭ މާއްދާތަކަށް ލިބިފައިވުމުގެ ސަބަބުން ބަރުދަން ލުއިކުރުމަށް އެހީވެދެއެވެ. ޑައެޓަރީ ފައިބަރސް ގެ ސަބަބުން ހަޖަމް ކުރުމުގެ ނިޒާމަށްވެސް ފަސޭހަވެގެންދެއެވެ.

ކަށިގަނޑު ވަރުގަދަކޮށްދޭ

ފާގައިގަ އެކުލެވޭ ވިޓަމިން ކޭ، މާއްދާގެ ސަބަބުން ކަށިގަނޑަށް ކެލްޝިއަމް ފޯރުކޮށްދިނުމަށް އެހީވެދޭ ކާނާއެއް ކަމަށް ފާގަ ވަނީ ވެފައެވެ. ވިޓަމިން ކޭ މަދުވުމަކީ ކަށިގަނޑު ފީވެ، ބަލިކަށިވުމަށް މެދުވެރި ކުރުވާ ސަބަބެކެވެ.

(100 ގުރާމުގެ) ފާގައިގަ އެކުލެވޭ ފައިދާހުރި މާއްދާތައް

  1. ކެލޮރީސް: 17
  2. ކާބޯހައިޑްރޭޓްސް: 3.7 ގުރާމް
  3. ޕްރޮޓީން: %2
  4. ޑައެޓަރީ ފައިބަރ: %7
  5. ފޮލޭޓް: %18
  6. ނަޔަކިން: %2.5
  7. ޕެންޓޮތެނިކް އެސިޑް: %4
  8. ޕައިރިޑޮކްސިން: %3
  9. ރައިބޯފްލޭވިން: %3
  10. ތަޔަމިން: %3.5
  11. ވިޓަމިން އޭ: %16
  12. ވިޓަމިން ސީ: %140
  13. ޕޮޓޭޝިއަމް: %6
  14. ކެލްޝިއަމް: %2
  15. ކޮޕަރ: %4
  16. އަޔަން: %5
  17. މެގްނީޝިއަމް: %4
  18. މެންގަނީސް: %4
  19. ޒިންކް: %7
  20. ކެރޮޓިން: 190 މައިކްރޯ ގްރާމް
  21. ލުޓިން-ޒިއެޒަންތިން: 170 މައިކްރޯ ގްރާމް
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.