ކުރިއަށް މިއޮތް ރަމަޟާން މަހު ބާޒާރުގެ ތަކެތީގެ އަގުތައް އެއްވަރެއްގައި ކޮންޓްރޯލް ކޮށްފައި ބެހެއްޓުމަށް މަސައްކަތް ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ކުރެއްވި ޓުވީޓެއްގައި އެމިނިސްޓްރީން ވިދާޅުވީ، ރޯދަ މަހަށް ހާއްސަ ބާވަތްތަކުގެ ސަޕްލައި އެސްޓީއޯއާ ގުޅިގެން އިތުރު ކުރަން މަސައްކަތް ފަށާފައިވާ ކަމަށެވެ.
ކޮންމެ އަހަރެއްގެވެސް ރޯދަމަހަކީ ބާޒާރުގައި ވިއްކަން ހުންނަ ކާނާގެ އެކި ބާވަތްތަކުގެ އަގުތައް އުފުލިގެންދާ މަހެކެެވެ. ރޯދަ މަހު އެންމެ ބޮޑަށް އަގުތައް މަތިވެގެންދާ ބާވަތްތަކަކީ ފިޔާ، އަލުވި އަދި ބިހެވެ. މި އަހަރުގެ ރޯދަ މަހަށް ހާއްސަކޮށް އެސްޓީއޯ އިން ވަނީ މި ބާވަތްތައް ރާއްޖެ ގެނެސްފަ އެވެ.
މިފަހަރުގެ ރޯދަ މަހާއި ދިމާކޮށް އެސްޓީއޯ އިން ވަނީ ފިޔާ، އަލުވި އަދި ބިހާއި ކާޑުގެ ބާވަތްތަކުގެ އަގު ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ.