ޓޮންސިލައިޓިސް އަކީ ކޮބާ؟

ޓޮންސިލައިޓިސް އަކީ ބެކްޓީރިއާއާއި ވައިރަލް އިންފެކްޝަންގެ ސަބަބުން ޓޮންސިލްއަށް ދިމާވާ އިންފްލެމޭޝަން އެކެވެ. ޓޮންސިލް ދުޅަވުން ނުވަތަ ޓޮންސިލައިޓިސް އަކީ ގިނަ މީހުންނަށް ދިމާވާ އުނދަގުލެކެވެ.

ޓޮންސިލް އަކީ ކަރުގެ ފަހަތުގައި އިންނަ ޓިޝޫއިން ހެދިފައިވާ ވަށް ދެބޯޅައެވެ. އެ ހެދިފައިވަނީ ގްލޭންޑްތަކާއި ވައްތަރު ޓިޝޫއަކުންނެވެ. މީގެ އިތުރުން ޓޮންސިލްތަކަކީ އިންސާނުންގެ ދިފާއީ ނިޒާމުގެ ބައެކެވެ.

ޓޮންސިލްއަކީ ކުޑަކުދިންގެ ފުރަތަމަ އަހަރުގައި ހަށިގަނޑަށް ޖެހޭ ތަފާތު ވައްތަރުގެ އިންފެކްޝަންތަކުން ދުރުކޮށްދޭ އެއްޗެހިތަކެކެވެ. އޭގެ ފަހުން ޓޮންސިލްއަކީ މުޅި އުމުރުގައިވެސް ހަށިގަނޑު ދިފާއު ކުރުމުގައި މާ ބޮޑު ދައުރެއް އަދާކުރާ އެއްޗެއް ކަމަށް ހޯދިފައެއް ނުވެއެވެ. މީގެ އިތުރުން ޓޮންސިލް ނެގުމުން އިންސާނެއްގެ ދިފާއީ ނިޒާމަށް މާ ބޮޑު އަސަރެއް ކުރާ ކަމަށްވެސް ފާހަގަ ކުރެވިފައެއް ނުވެއެވެ.

ޓޮންސިލައިޓިސް ޖެހޭ ސަބަބުތައް

ޓޮންސިލައިޓިސްގެ ޝިކާރައަކަށްވާ މީހުންގެ ތެރެއިން އެ އުނދަގޫ ބެކްޓީރިއާގެ ސަބަބުން ތަހައްމަލުކުރަން ޖެހެނީ މަދު މީހުންނެކެވެ. އެއީ ގާތްގަނޑަކަށް 15 އިންސައްތަ އާއި 30 އިންސައްތަ އާއި ދެމެދުގެ ނިސްބަތެކެވެ. ބާކީ މީހުންނަށް ޓޮންސިލައިޓިސް ޖެހުމުގެ އަސްލަކަށްވަނީ ތަފާތު ބާވަތްތަކުގެ ވައިރަސް ތަކެވެ.

އެންމެ ޢާންމުކޮށް ފެންނަނީ ކޯލްޑް ވައިރަސްގެ ސަބަބުން ޖެހޭ ޓޮންސަލައިޓިސް އެވެ. މީގެ އިތުރުން ހިމަބިހި ވައިރަސް، ސައިޓޯމެގަލޯވައިރަސް ގެ އިތުރުން ގްލޭންޑިއުލަރ ރޯގާއަށް މަގުފަހި ކުރުވާ ވައިރަސް ކަމަށްވާ އެޕްސްޓެއިން-ބަރް ވައިރަސް އަކީ ޓޮންސިލައިޓިސް އަށް މަގުފަހި ކުރުވާ ވައިރަސްތަކެވެ. ބެކްޓީރިއާތަކުގެ ތެރެއިން ޓޮންސިލައިޓިސް އަށް އެންމެ ގިނައިން މަގުފަހި ކުރުވާ ބެކްޓީރިއާއަކީ ސްޓްރެޕްޓޮކޮކަސް ޕަޔޮޖިންސް ނަމަކަށް ކިޔޭ ބެކްޓީރިއާއެވެ.

ޓޮންސިލައިޓިސް ޖެހިފައިވާނަމަ ފެންނާނެ އަލާމާތްތައް

ކަރަށް ތަދުވުމަކީ ޓޮންސިލައިޓިސް ހުންނަނަމަ ފެންނާނެ އެންމެ ޢާންމު އެއް އަލާމާތެވެ. މި ނޫންވެސް އެތައް އަލާމާތްތަކެއް ފެންނާނެއެވެ.

އޭގެ ތެރޭގައި:

  1. ކާއެއްޗެހި ދިރުވަން އުނދަގޫވުން ނުވަތަ ތަދުވުން.
  2. ހިންދިރުވަން އުނދަގުވުން.
  3. ކަރުގެ އަރިމަތީގައިވާ ގްލޭންޑްތަކަށް ދުޅަވުން.
  4. ނޭވާއިން ނުބައިވަސް ދުވުން.
  5. ހުންއައިސް ފިނިވުން.
  6. ލޮޑުވެ ކަންނެތްކަން އިހުސާސް ކުރެވުން. ބޮލަށް ތަދުވުން. ކަންފަތަށް ތަދުވުން.
  7. ބަނޑަށް ތަދުވުން ނުވަތަ އުނދަގޫވުން.
  8. ޓޮންސިލް ބޮޑުވެ ރަތްވުން.
  9. އަނގައިން ނޭވާލުން، ބާރަށް ނޭވާލުން، ގުގުރި ދެމުން.

ޓޮންސިލައިޓިސް އިން ދުރުވުމަށް ކުރެވިދާނެ ކަންކަން

  1. ގަވާއިދުން ސާފުކޮށް އަތް ދޮވުމަށްފަހު ފެންހިއްކުން. (ވީހާވެސް ގިނަގިނައިން)
  2. ކެއްސައި، ކިނބިހި އަޅާއިރު އަނގަ ނިވާކުރުން.
  3. ކާނާ، ބުއިން މީހުންނާ ހިއްސާނުކުރުން.
  4. ބުއިމަށް ކަންވާރު ބޭނުން ނުކުރުން.
  5. ތަންތަން ސާފުކޮށް ބެހެއްޓުން.
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.