ކާށިދޫ ދާއިރާގައި ހިންގުމަށް ހަމަޖެހިފައިވާ އެއް މިލިއަން ޑޮލަރުގެ މަޝްރޫއު ހިންގުމަށް ނަގަންޖެހޭ ހުއްދަތައް ނުގެމުށް ހުއްދައަށް މިއަދު އެދޭނެ ކަމަށް ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކާށިދޫ ދާއިރާގެ މަޖިލިސް ގޮނޑި ކާމިޔާބު ކުރެއްވި އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވުމަށް ބޭއްވި ކެމްޕޭންތަކުގައި އަބްދުﷲ ޖާބިރު ވަނީ އެދާއިރާގައި އެއް މިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގާނެ ކަމަށްބުނެ ވައުދުވެ ވަޑައިގަނެފައެވެ. އަބްދުﷲ ޖާބިރު ވިދާޅުވީ، ކާށިދޫގައި ހިންގަން ހަމަޖެހިފައިވާ ބައެއް މަޝްރޫއުތައް ހިންގުމަށް ހުއްދައަށް އެދި މިއަދު އިކޮނޮމިކް މިނިސްޓްރީއަށް ސިޓީއެއް ފޮނުވާނެ ކަމަށެވެ.
ޖާބިރު އިތުރަށް ވިދާޅުވީ، ކާށިދޫ ދާއިރާގައި އެމަޝްރޫއުތައް ހިންގުމުގެ ގާބިލުކަން އެބޭފުޅާ ގައިގަ އެބަ ހުންނެވި ކަމަށާއި، ސަރުކާރުން އެމަޝްރޫއުތައް ހިންގުމަށް ހުއްދަ ދޫކުރާއިރަށް ބޭރުގެ އިންވެސްޓަރުން ގެނެސްގެން އެމަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ. އެބޭފުޅާ ވަނީ، ކާށިދޫގައި އެއާޕޯޓް އެޅުމާއި އަދި ކާށިދޫ ފަޅުތެރޭގައި ރިސޯޓް އަޅައިދިނުމަށް ވައުދުވެ ވަޑައިގަނެފައެވެ. އަދި ގާފަރުގައި ވެސް ސީނާއީ މަސައްކަތްތަކާއި އަދި ޓުއަރިޒަމް ފުޅާ ކުރާނެ ކަމަށް ބުނެފައެވެ.