ނަވާރަ ވަނަ ރައްޔިތުންގެ މަޖިލިސް މެމްބަރުން ހުވާ ކުރުމަށް ފަހު ބާއްވާ ފުރަތަމަ ޖަލްސާގައި މަޖިލިސް ރިޔާސަތު ބަލަހައްޓަވާނީ، މީދޫ ދާއިރާ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ކަމަށް ރައްޔިތުންގެ މަޖިލިސް އިދާރާއިން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލިސް އިދާރާ އިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، އަންނަ މަހު 28 ވަނަ ދުވަހު 19 ވަނަ މަޖިލިސްގެ ފުރަތަމަ ޖަލްސާ ބޭއްވުމަށް މަޖިލިސްގެ ރައީސް ގާސިމް އިބްރާޙިމް ނިންމަވާފައިވާ ކަމަށާއި ހުވާ ކުރުމުގެ ރަސްމިއްޔާތައް ފަހު ބާއްވާ ފުރަތަމަ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ ސިޔާމް ކަމަށެވެ.
"ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ފުރަތަމަ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ، މީދޫ ދާއިރާގެ އިއްޒަތެރި މެމްބަރު އަހްމަދު ސިޔާމް މުހައްމަދު،" މަޖިލިސް އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ގާނޫނު އަސާސީގެ 82 މާއްދާގައި (ހ) ގައި ބުނެފައިވަނީ، އަލަށް އިންތިހާބުވާ މަޖިލިސްގެ ފުރަތަމަ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ، ޖަލްސާއަށް ހާޒިރުވެތިބި މެމްބަރުންގެ ތެރެއިން މަޖިލީހުގެ މެންބަރުކަމުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެމްބަރެވެ. އަދި މެންބަރުންތަކެއް ތިބި ނަމަ އެތަނުން އެންމެ އުމުރުން ދޮށީ މެންބަރެވެ.
ހުވާ ކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ރައްޔިތުން މަޖިލިސް ކުރާ ގޭގައި އަންނަ މަހުގެ 28ގެ ރޭގަނޑު 9:30 ގައެވެ.