ބެލުންތެރިންގެ މަގްބޫލުކަން ހޯދާފައިވާ މައްޝޫރު ހިންދީ ބިރުވެރި ފިލްމު ސްތްރީގެ ދެވަނަ ބައިންވެސް ފެނިގެންދާނީ ޝްރަދާ އަދި ރާޖްކުމާރު ރާއޯ ކަމަށް ބައެއް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.
އަމަރު ކައުޝިކް ޑައިރެކްޓް ކޮށްފައިވާ ފިލުމް ސްތްރީގެ ފުރަތަމަ ބަޔަށް ވަނީ ބެލުންތެރިންގެ ބޮޑު ސަޕޯޓެއް ލިބިފައެވެ. އަދި އެފިލުމުން ވަނީ ވަރަށް ބައިވަރު އެވާޑްތަކެއްވެސް ކާމިޔާބު ކޮށްފައެވެ. ސްތްރީ މިފިލްމުގެ ސްކްރިޕްޓަކީ ރަޖް ނިދިމޯރާއި ކްރިޝްނާ ޑީކޭ ލިޔެފައިވާ ސްކްރިޕްޓެކެވެ. މިފިލުމުގެ ފުރަތަމަ ބައިންވެސް ފެނިގެން ގޮސްފައިވަނީ، ރާޖްކުމާރު ރާއޯ އަދި ޝްރަދާ ކަޕޫރެވެ.
ސްތްރީ މިފިލްމަކީ ކުރީގެ މަޝްހޫރު މީހެއްކަމަށްވާ ނަލެބާގެ މައްޗަށް ހަދާފައިވާ ބިރުވެރި މަޖާ ފިލްމެކެވެ.
ކުރިން މިފިލްމުގައި ޝްރަދާ އާއި އެކު ލީޑުރޯލުން ފެނިގެން ދާނީ ވަރުން ދާވަން ކަމަށް ބައެއް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފައެވެ. ނަމަވެސް ވަރުން ދާވަން އެންމެ ފަހުން ކުޅުނު ފިލްމް "ކަލަންކް"ގެ ޕްރޮމޯޝަނު އިވެންޓެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ވަރުން ބުނީ، ސްތްރީގެ ދެވަނަ ބައިން އޭނާ ފެނިގެން ނުދާނެ ކަމަށެވެ. އަދި ސްތްރީގެ ދެވަނަ ބައިން އޭނާ ފެނިގެން ދާނެ ކަމަށް ބުނެ ފަތުރާފައިވަނީ އެއްވެސް ހަގީގަތެއް ނެތް ހަބަރުތަކެއް ކަމަށެވެ.