ސްނެޕްޗެޓް ބޭނުންކުރާ އެހެން ރައްޓެހިންނާ އެއްކޮށް ގޭމް ކުޅެވޭނެ ފީޗަރތަކެއް ތައާރަފް ކުރާނެ ކަމަށް ސްނެޕްޗެޓުން އިޢުލާން ކޮށްފިއެވެ.
މި އިޢުލާން ކޮށްފައިވަނީ ލޮސް އެންޖަލަސް ގައި ބޭއްވުނު އެ ކުންފުނީގެ ހިއްސާދާރުންގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ވަނީ ސްނެޕްޗެޓަށް ޚާއްސަކޮށްގެން ހެދުނު، ހަމައެކަނި ސްނެޕްޗެޓުން ކުޅެވޭ ގޭމްތަކާއި އޭގެ ތަފްސީލްތައް ހިއްސާކޮށްފައެވެ. އޭގެ ތެރޭގައި "Bitmoji Party" ގެ ނަމުން ނަން ދެވިފައިވާ ގޭމެއްވެސް ހިމެނެއެވެ.
މި ގޭމްތަކަށް ވަނުމަށްޓަކައި ސްނެޕްޗެޓްއިން ވަނީ ރޮކެޓެއް ފަދައިން އިންނަ ފިތެއް ތައާރަފްކޮށްފައެވެ. މިހާރުގެ ސްނެޕްޗެޓް އެޕްލިކޭޝަން އިން މި ފިތް ފެންނާނެއެވެ. މި ތަނައް ފިއްތުމުން ރައްޓެހިންނާ އެއްކޮށް ސްނެޕްޗެޓްގެ ގޭމްތައް ކުޅެވޭނެއެވެ.
ސްނެޕްޗެޓުން ބުނި ގޮތުން އެއް ފަހަރާ 8 ރައްޓެހިންނާ އެއްކޮށްވެސް މި ގޭމްތައް ކުޅެވޭނެއެވެ. މި ގޭމްތަކުގައި ހަރަކާތްވެ އުޅޭނީ އެމީހެއްގެ 3D ބިޓްމޯޖީއެވެ.
ސްންޕްޗެޓްއިން ވަނީ އެމީހުންގެ ޓްވިޓާގައި މި ގޭމްތަކުގެ ބައެއް ވީޑިއޯވެސް ޢާންމުކޮށްފައެވެ.
މީގެ އިތުރުން ރައްޓެހިންނާ މުއާސަލާތުކޮށް ވާހަކަ ދެއްކުމުގެ ފުރުސަތުވެސް މި ގޭމްގައި ދެވެއެވެ. އެއީ ވޮއިސް މެސެޖުންނާއި، ލިޔެގެން މެސެޖް ކުރުމުގެ ތެރެއިންނެވެ.
މަޝްހޫރު ގޭމް "ފޯޓް ނައިޓް" ފަދަ ގޭމެއްވެސް ސްނެޕްޗެޓުން ވަނީ ތައާރަފްކޮށްފައެވެ. މިގޮތުން އެ ގޭމްގައި ކުރަން ޖެހޭ މަސައްކަތަކީ "ލޫޓު ކުރުމާއި ބަޑިޖެހުން"އެވެ. މި ގޭމްގެ ނަމަކީ "Tiny Royal"އެވެ.
މި ހުރިހާ އާ ގޭމްތައް ކުޅުމުގައިވެސް އިތުރު އަގެއް ސްނެޕްޗެޓް ބޭނުންކުރާ މީހުންގެ އަތުން ނަގާނެ ވާހަކައެއް ސްނެޕްޗެޓް އިން އަދި ހާމަކޮށްފައެއް ނުވެއެވެ. މި ވަގުތު ހުރިހާ ގޭމްތައްވެސް ހިލޭ ކުޅެވޭނެއެވެ.