ށ.ފުނަދޫގައި ސަރުކާރުން ހަދާ އެއާޕޯޓްގައި ދެމަސް ދުވަހުގެ މުއްދަަތެއްގެ ތެރޭގައި، ޓެސްޓް ފްލައިޓް ޖެއްސޭ ވަރު ވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ފުނަދޫ އެއާޕޯޓްގައި މިހާރު ކުރިއަށް ދަނީ ޓާމިނަލް އާއި ފަޔަރ ބިލްޑިންގެ މަސައްކަތެވެ. ފުނަދޫގައި އެއާޕޯޓް އެޅުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި، ދެމަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި ފުނަދޫ އެއާޕޯޓްގެ ޕެސެންޖަރ ޓާމިނަލް އަދި ފަޔާ ބިލްޑިންގް ހެދުމުގެ މަސައްކަތް ނިންމާލެވޭނެއެވެ. އަދި އެމަސައްކަތް ނިމުމުން ޓެސްޓް ފްލައިޓް ޖައްސާނެ ކަމަށެވެ.
ފުނަދޫގައި އެއާޕޯޓެއް އެޅުމަކީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ވައުދެކެވެ. އެބޭފުޅާގެ ވެރިކަމުގައި ވަނީ ފުނަދޫގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް ފަށާފައެވެ. ސަރުކާރު ބަޖެޓުން ހަރަދުކޮށްގެން އެމްޓީސީސީ އިން ފުނަދޫގައި ކުރިއަށް ގެންދިޔަ އެމަޝްރޫއުގެ ދަށުން އެއާޕޯޓް އެޅުމަށް ބިން ހިއްކާފައި ވަނީ ވެސް އެމްޓީސީސީ އިންނެވެ.