"އަބްދުﷲ ޖާބިރު"، މިއީ މިއަދު ރާއްޖޭގެ ހުރިހާ ދިވެހިންނަށްވެސް ފަރިތަ ނަމެކެވެ. މާދުރުން ޖާބިރުގެ އަޑު އިވުނަސް ހިނި އަންނަ މީހުންވެސް އެބައުޅެއެވެ. ނަމަވެސް ނިމި ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ނަތީޖާ އާއި އެކު ޖާބިރު އަނެއްކާވެސް މިވަނީ ދިވެހި އެންމެހާ ރައްޔިތުންނަށް އޭނާ އަކީ ހެއްވާ މަޖާ "ޖޯކަރެއް" ނޫން ކަން ސާބިތުކޮށްދީ، އޭނާގެ ޤާބިލްކަންވެސް ސާބިތުކޮށްދީފައެވެ.

ކާށިދޫ ދާއިރާގެ ކުރީގެ މެންބަރުކަން ކުރެއްވި އަބްދުﷲ ޖާބިރަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހުގެ ސްޕެޝިއަލް އެންވޯއީއެކެވެ. އެމްޑީޕީގެ އިސްސަފުގައި ގިނަ އަހަރުތަކެއް ވަންދެން  ޖާބިރު މަސައްކަތް ކުރެއްވިއެވެ. އަދި މިހާރުވެސް ދަނީ ކުރައްވަމުންނެވެ. އަބްދުﷲ ޖާބިރަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަރަށް އަރިސް ބޭފުޅެއްވެސް މެއެވެ. އެގޮތުން ޖާބިރަކީ މިހާރުވެސް ރައީސް ނަޝީދުގެ ސިޔާސީ އެޑްވައިޒަރެވެ.

ރައްޔިތުންގެ މަޖިލީހުގައި ކާށިދޫ ދާއިރާއަށް ވާދަކުރެއްވުމުގެ ކުރިން ޖާބިރު އެންމެ ފުރަތަމަ ބޭނުންފުޅުވީ، މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރުކަމެކެވެ. އެމަނިކުފާނުގެ އިކޮނޮމިކް މިނިސްޓަރުކަމުގައި ދިވެހިން ރަނުން ޖަރީކޮށްދޭނަމޭ ފަދަ ފޮނި ބުނުންތަކުން ދިވެހިން ހައިރާންކޮށްލިއެވެ. ނަމަވެސް ރައީސް ޞޯލިހުގެ ކެބިނެޓް އެކުލަވާލައްވައި، އިއުލާން ކުރެއްވި އިރު ޖާބިރުގެ ނަމެއް ނެތެވެ. ބަދަލުގައި އިނީ ފައްޔާޒް އިސްމާއިލްގެ ނަންފުޅެވެ. އެކަންވީ، ޖާބިރަށްވީ ގަބޫލުކުރަން އުނދަގޫ ކަމަކަށެވެ. ނަތީޖާއަކަށްވީ ކުރީގެ ރައީސުންވެސް ހިމެނޭ ގޮތައް އެކި ފަރާތްތަކުގެ ބޮލުގައި ދަރަނީގެ ތުހުމަތު އެޅުވުމެވެ. ލިޔެކިޔުންތައް އެބަހުރި ކަމަށާއި ވަކި މުހުލަތެއްގެތެރޭގައި ފައިސާ ނުދައްކައިފި ނަމަ ކޯޓަށް މައްސަލަ ވައްދާނެ ކަމަށް ބުނެ 30 އަހަރު ދުވަހު ރާއްޖޭގެ ވެރިކަން ކުރެއްވި ބޭފުޅުންނާއި ފަސް އަހަރު މާމޮޅު އިކޮނޮމިސްޓެކޭ ބުނެ ރައްޔިތުން އަނދުން އެޅުވި ވެރިއަކު ސައިިޒުކޮށްލިއެވެ. އަދިވެސް މިނޫންވެސް އާތުރާ އެތަކެއް ބޭފުޅެއްގެ ފުޅާ އަނގަތައް ބަންދުކޮށްލިއެވެ.

ވަކިވަކި ފަރުދުންނާއި ގިނިކަންޏާ ނުކުމެ ހަނގުރާމަކޮށް ބަލި ކުރުން ވެފައި އޮތީ އަބްދުﷲ ޖާބިރަށް ނިކަން ފަސޭހަ ކަމަކަށެވެ. ފަހަރުގައި އެއީ އޭނާގެ ތަނަވަސްކަމުން ކަމުގައިވެސް ވެދާނެއެވެ. 

ވަކިވަކި ފަރުދުން ބަލިކުރެއްވުމަށް ފަހު ޖާބިރު ދެން މިސްރާބު ޖެހީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީއާއި ދިމާލަށެވެ. މަޖިލިސް އިންތިހާބަށް ކެންޑިޑޭޓުން އައްޔަނުކުރުމަށް އެޕާޓީއިން ބޭއްވި މަޖިލިސް ޕްރައިމަރީން ޖާބިރު ފެއިލްވިއެވެ. ނަމަވެސް އެހާ ހިސާބުން ޖާބިރު ހިތްވަރު އެލުވައެއް ނުލައެވެ. ޕާޓީ ޕްރައިމަރީގައި ނާކާމިޔާބު ވުމުން އިންތިހާބުގައި ވާދަ ނުކުރެވޭނެ ގޮތަށް އޮންނަ ގާނޫނީ މާއްދާ ބާތިލް ކުރުމަށް ދުސްތޫރީ މައްސަލައެއް އޭނާ ސްޕްރީމް ކޯޓަށް ވެއްދިއެވެ. އަދި ކޯޓު މަރުހަލާގައިވެސް އޭނާއަށް ލިބުނީ ކާމިޔާބީއެވެ. ސްޕްރީމް ކޯޓުން ނިންމީ ޕާޓީ ޕްރައިމަރީގައި ނާކާމިޔާބު ވުމުން އިންތިހާބުގައި ވާދަ ނުކުރެވޭނެ ގޮތަށް އޮންނަ ގާނޫނީ މާއްދާ ބާތިލްކޮށް އެމާއްދާ އުވާލުމަށެވެ. ޖާބިރު ގަދަވީއެވެ. އެހެން ނޫންތޯއެވެ؟

ސްޕްރީމް ކޯޓުގެ އެނިންމުމާއި އެކު އަމިއްލަ ގޮތުން ކާށިދޫ ދާއިރާގެ ގޮނޑީގައި އަލުން ފޫޖައްސާލުމުގެ މަސައްކަތް ޖާބިރު ފެއްޓެވިއެވެ. އަދި މަޖިލީސް އިންތިހާބުގެ ކުރިން ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން ގެނެސްދިން "މަޖިލިސް ބަހުސް 2019"ގައި ޖާބިރު ވަނީ އޭނާ ކާށިދޫއަށް ކޮށްދޭނެ ގިނަ ކަންތައްތަކެއް ވިދާޅުވެ، މަޤުބޫލުކަން ހޯދައިފައެވެ. "ގާފަރާއި ކާށިދޫ މަތިން ގުޅާލާ، އަދި ތިރިން ގުޅާލާ" މިފަދަ ބަސްތަކުން އެދާއިރާގެ ރައްޔިތުންގެ ހިތްތައް ޖާބިރަށް ލެބިގެން ދިޔައެވެ. އެއާރޕޯޓުގެ އުންމީދާއި، ލޯކަލް ޓްއަރިޒަމާއި، އުމްރާނީ ތަރައްޤީ، އާއި މިހެން ގޮސް އެއް ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް އޭނާގެ މެންބަރުކަމުގައި ކާށިދޫ ދާއިރާއަށް ގެނެސްދޭނެ ކަމަށް ވިދާޅުވިއެވެ.

މަޖިލިސް ބަހުސްއަށް ފަހު ގިނަ ބައެއްގެ ފާޑުކިޔުން ޖާބިރަށް އަމާޒުވިއެވެ. ނަމަވެސް ދަންނަވަންތޯއެވެ؟ ބަސްމޮށުންތެރިކަމާއި، ދުރުވިސްނުމުގައި ޖާބިރަށް ވުރެ ވަކި ކުޅަދާނަ ކެންޑިޑޭޓަކު މަޖިލީހުގެ ބަހުސްގައި ބައިވެރިވެފައެއް ނުވެއެވެ. ލޮލީ ޖާބިރަސް، ވިޔަފާރިވެރިޔާ ޖާބިރަސް، ނުވަތަ ހޮނޑައިދޫ ޖާބިރަސް، އަބްދުﷲ ޖާބިރު އެވަނީ އޭނާއަކީ އެއްވެސް މީހެއްދެކެ ޖެހިލުންވެ ބިރު ނުގަންނާނެ މީހެއްކަން ސާބިތުކޮށްދީފައެވެ. ނަވާރަ ވަނަ މަޖިލިސް އިންތިހާބުގައި ކާށިދޫ ދާއިރާގެ ރައްޔިތުން ޖާބިރަށް އާބަސް ބުނެ އޭނާއަށް އިތުބާރު ކުރީ ޖާބިރު "އޯކޭ" ވީމައެވެ. ޖާބިރު މިވަނީ ކަންކަންކަމާއި ކެރިގެން ކުރިމަތިލާނަމަ ކާމިޔާބުވާނޭކަން ސާބިތުކޮށްދީފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.