ހޮނިހިރު ދުވަހު ރާއްޖޭގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އެންމެހާ ކަންކަން ކުރިއަށް ދިޔައީ ދެފުއްފެންނަ ގޮތެއްގައި ވަރަށް ރަނގަޅަށް ކަމަށް އިންތިހާބުގެ ކަންކަން މޮނިޓަރ ކުރުމަށް ރާއްޖެއިން ބޭރުން އައި އޮބްޒާވަރުން ޓީމުން ބުނެފިއެވެ.
މަޖިލިސް އިންތިހާބުގެ ކަންކަން ކުރިއަށް ދިޔަ ގޮތް ހާމަ ކުރުމަށް އެ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އިންތިހާބުގެ ކަންކަން އޮމާންކަމާއި އެކުގައި ކުރިއަށް ގެންގޮސްފައިވާތީ ފުލުހުންނާއި އިލެކްޝަން ކޮމިޝަނަށް ވަރަށް ބޮޑަށް ތައުރީފްކޮށްފައެވެ.
އޮބްޒާވަރުންގެ ޓީމުން ވަނީ މަޖިލިސް އިންތިހާބުގެ ނަތީޖާއަކީ އިންސާފުވެރި އަދި އޭގައި އެއްވެސް އޮޅުމެއް ނެތް ނަތީޖާއެއް ކަމަށް ވިދާޅުވެފައެވެ.
އަދި ކުރިއަށް އޮތް އިންތިހާބުތަކުގައިވެސް އިލެކްޝަން ކޮމިޝަންއާއި ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގެ އުފާވެރި ހަބަރު އޮބްޒާވަރުންގެ ޓީމުން ވަނީ ދީފައެވެ.
މަޖިލިސް އިންތިހާބުގައި 87 ދާއިރާއަށް މެންބަރުން އިންތިހާބު ކުރިއިރު މަޖިލީހުގެ އެންމެ ބޮޑު އަޣުލަބިއްލަތެއް ނެގީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީންނެވެ. އެގޮތުން އެމްޑީޕީން ވަނީ ރާއްޖޭގެ ހުރިހާ ސިޓީއެއް ހިމެނޭހެން ޖުމްލަ 67 ގޮނޑި ކަށަވަރުކުރައްވާފައެވެ.
މަޖިލިސް އިންތިހާބު އޮބްޒާވް ކުރުމަށް އިލެކްޝަން ކޮމިޝަނުން މިފަހަރު ފުރުސަތު ދީފައިވަނީ ބޭރުގެ 36 ފަރާތަކަށެވެ.