ކުޑަކުދިންގެ ފެނުން ތަރައްޤީވާން ދުވަސްގަނޑެއް ނަގައެވެ. ކުދިންނަށް ރަނގަޅަށް ތަންތަން ބަލައި، ފެންނަ އެއްޗެހި ދެނެގަންނަން ދަސްވުމަކީ އެކުދިން ފިރުކެން ނުވަތަ ހިނގަން ދަސްކުރުން ފަދަ ކަމެކެވެ. އެހެނީ އެކަންތައް ދަސްކުރުމަކީ ވަގުތާއި، ފަރިތަކުރުން ބޭނުންވާ ކަމެކެވެ. 

އުފަންވާއިރު ކުޑަކުދިންގެ ގައިގައި އެއްޗެހި ރަނގަޅަށް ފެނުމުގެ ކުޅަދާނަކަމެއް ނުހުރެއެވެ. މިގޮތުން ފޯކަސްކުރުމާއި، ލޮލުގެ ކަޅި ބަލަން ބޭނުން ކޮޅުކޮޅަށް ގެންގޮސް ކަންތައް ކުރަން ކުދިންނަށް ނޭނގެއެވެ. މީގެ އިތުރުން ފެންނަ މަންޒަރުތަކުގެ މައުލޫމާތު ސިކުނޑިއަށް ފޮނުވައިދޭން ދަސްކުރަން ކުޑަކުދިންނަށް ވަގުތާއި ފަރިތަކުރުން ބޭނުންވެއެވެ. 

ވަށައިގެން ހިނގާ ކަންކަން ދެނެގަނެ، ފެންނަ މަންޒަރުތަކުގެ މައުލޫމާތު ނަގައިގަތުމަކީ ކުޑަކުދިން އަމިއްލައަކަށް ކުރާ ކަމެކެވެ. އުފަން ވާއިރުއްސުރެ ފެށިގެން ކުޑަކުދިން, އެކުދިންނަށް ފެންނަ މަންޒަރުތައް ހޯދާބަލައި އެކުދިންގެ ސިކުނޑީގައި ދިރާސާތައް ކުރަން ފަށައެވެ. އަތުން އެއްޗެހީގައި ހިފުން، ފިރުކުން، ކޮޅަށް އިނުން ފަދަ އަމަލީ ކަންކަން ދަސްކުރުމުގެވެސް ކުރިން ކުދިންނަށް ފެންނަ މަންޒަރުތަކުން އެކުދިންގެ ހެދިބޮޑުވުމުގެ އިސް ދައުރެއް އަދާކުރެއެވެ. 

ކުޑަކުދިންގެ ލޮލުގެ ފެނުން ތަރައްޤީވުމުގެ މަރުހަލާތައް

ކުޑަކުދިން އުފަންވާއިރު އެކުދިންގެ ލޮލުގެ ފެނުން ބޮޑެތި މީހުންގެ ފެނުމާ އެއްފަދަ ނުވިނަމަވެސް ކުދިންގެ އުމުރުގެ ފުރަތަމަ މަސްތަކުގައި އެކަމުގެ ބޮޑު ކުރިއެރުމެއް ހާސިލްވެއެވެ. ނަމަވެސް ކޮންމެ ކުއްޖަކީ ވެސް ތަފާތު ކުއްޖެއް ކަމާއި އެކި ކުދިންގެ ލޮލުގެ ފެނުން ފުރިހަމައަށް ތަރައްޤީވާން ނަގާ ވަގުތު ތަފާތުވާނެކަން އެނގުން މުހިންމެވެ.

ކުއްޖާގެ އުމުރުގެ ފުރަތަމަ 4 މަސް

ކުއްޖާގެ އުމުރުގެ ފުރަތަމަ މަސްތަކަކީ އެކުދިންގެ ލޮލުގެ ފެނުން އެކި ގޮތްގޮތަށް ހަމައެއް ނެތި މަސައްކަތް ކުރާ ދުވަސްވަރެކެވެ. ކުދިން ވަކި މިސްރާބަކަށް ބެލިނަމަވެސް އެ ކުދިންނަށް ދެ ތަސްވީރެއްގެ ތަފާތު ރަނގަޅަށް ދެނެގަތުމުގެ ކުޅަދާނަކަން ލިބިގެން ނުވެއެވެ. ކުދިންނަށް ރަނގަޅަށް ފެންނާނީ 8 އިންޗި ނުވަތަ 10 އިންޗި ދުރުގައިވާ މަންޒަރުތައް އެކަންޏެވެ. 

ފުރަތަމަ މަސްތަކުގައި ވަރަށް ހަލުވި މިނެއްގައި ކުދިންގެ ލޮލުގެ ފެނުން ތަރައްޤީވާން ފަށައެވެ. މިގޮތުން ފޯކަސް ކުރަން ދަސްވުމާއި، ފެންނަ އެއްޗެއްސަށް އަމާޒު ބެހެއްޓުމާއި، ހަރަކާތްވާ އެއްޗެއްސަށް ސަމާލުކަން ދިނުމުގެ ކުޅަދާނަކަން ކުއްޖާއަށް ލިބެއެވެ. މި ހުރިހާ ކަމެއް ކުރުމުގެ ގާބިލްކަންވެސް ކުއްޖާގެ އުމުރުގެ ފުރަތަމަ ހަތަރު ހަފްތާގެ ތެރޭގައި ކުއްޖާއަށް ހާސިލް ކުރުވެއެވެ. އުމުރުން ތިންމަސް ވާއިރު، ކޮޅުކޮޅަށް އެއްޗެހި ދާވަރަކަށް ކުއްޖާގެ ކަޅި އެއާ އެއްވަރަށް ހަރަކާތް ކުރުމުގެ ކުޅަދާނަކަން ކުއްޖާއަށް ލިބެއެވެ.

5-8 މަހާއި ދޭތެރޭ

މި ދުވަސްވަރުގައި ކުއްޖާގެ ލޮލުގެ ހަރަކާތްތަކަށް ފަރިތަވެ، ކޮޅުކޮޅަށް ކަޅި ގެންދިޔުމުގެ ގާބިލްކަން އިތުރުވެއެވެ. އަދި ދުރުގައި ހުންނަ އެއްޗެހި ރަނގަޅަށް ފެނުމުގެ ކުޅަދާނަކަން ކުއްޖާއަށް ލިބެއެވެ. މިގޮތުން އެއްޗެއް ފެންނަ ދުރުމިނާއި ކައިރިމިނުގެ ތަފާތު ކުއްޖާއަށް ދެނެގަނެވެއެވެ. މީގެ އިތުރުން އެއްޗެހި 3 ޑިމެންޝަންއަށް އެއްޗެހި ފެންނަން ކުއްޖާއަށް ފަށައެވެ. ބޮޑު މީހުންނާއި އެއްވަރަށް ކުލަތަކުގެ ތަފާތު ދެނެގަތުމުގެ ކުޅަދާނަކަން ނުލިބުން ނަމަވެސް، ކުއްޖާގެ އުމުރުން 5 މަސް ވާއިރު ކޮންމެވެސް މިންވަރަކަށް ކުލަތައް ވަކިވާ ވަރު ކުއްޖާއަށް ވާނެއެވެ.

ފިރުކުމަކީ ކުއްޖާގެ ލޮލުގެ ފެނުން ފުރިހަމައަށް ރަނގަޅަށް ހެދުމުގައި މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ. ފިރުކުމުގެ ކުރިން ނުވަތަ މަދު ދުވަސްކޮޅެއްގައި ފިރުކުމަށްފަހު އަވަހަށް ހިނގަން ދަސްވާ ކުދިންގެ ފެނުމަށްވުރެ ގިނަ ދުވަހު ފިރުކޭ ކުދިންގެ ފެނުން މާ ފުރިހަމަވެ، އެކުދިންގެ ހޭލުންތެރިކަން އިތުރުވާނެއެވެ.

9-12 މަހާއި ދޭތެރޭ

ނުވަ މަހަށް ދާއިރު ތަންތަނުގައި ހިފުމަށްފަހު ކޮޅަށް ހުރުމަށް މަސައްކަތް ކުރަން ކުއްޖާ ފަށާނެއެވެ. 10 މަހަށް އަޅާއިރު ކުއްޖާއަށް ހުންނާނީ ބޮޑު އިނގިއްޔާއި ޝަހާދަތް އިނގިލިން އެއްޗެހި ހިފުމުގެ ކުޅަދާނަކަން ލިބިފެއެވެ. މި އިރުގައި އެއްޗެހި އުކުމުގެ ތެރެއިންނާއި ކޮޅުކޮޅަށް ފިރުކުމުގެ ސަބަބުން އެއްޗެހީގެ ދުރުމިން ދެނެގަތުމުގެ ގާބިލްކަން ކުއްޖާއަށް ވަރަށް ރަނގަޅަށް ލިބިފައިވާނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.