19 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައިވަނީ ސުޕަރ މަޖިލީސްއެއްގެ ގޮތުގައި ޕްލޭނިންގް މިނިސްޓަރ އަސްލަމް ސިފަކުރައްވައިފިއެވެ.
ރާއްޖެޓީވީ އިން މިރޭ ގެނެސްދެމުން ގެންދާ މަޖިލިސް ނަވާރައިގެ ހާއްސަ ކަވަރޭޖްއަށް ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ މި ފަހަރު އަންނަ 19 ވަނަ މަޖިލިސްގައި އެއްވެސް ކަމެއް ކުރަން ދައްޗެއް ނުވާނެ ކަމަށެވެ. އެއީ އެ މަޖިލިހަށް އިންތިހާބު ވެފައިވަނީ ތަޖުރިބާހުރި ގާބިލު އަދި، ޒުވާން ކެންޑިޑޭޓުން ތަކެއް ކަމަށާއި، އެހެންކަމުން އެ މަޖިލިހުގައި ހުރިހާ ކަމެއްވެސް އަމާންކަމާއި އެކު ކުރެވިގެންދާނެ ކަަމަށެވެ.
މީގެ އިތުރުން 19 ވަނަ މަޖިލިހަށް އިންތިހާބުވި ކެންޑިޑޭޓުންގެ މެޖޯރިޓީ ލިބިފައިވަނީ ސަރުކާރާއި އެއްކޮޅައްކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ ސަރުކާރުން ރައްޔިތުންނާއި ހަމަަޔަށް ގެންނަން ވައުދުވެފައިވާ ކަންތައްތައްވެސް ގެންނަން މި މަޖިލީހުގެ ސަބަބުން ފަސޭހަވެގެންދާނެ ކަމަށެވެ.
އަދި ބައެއް ކަންތައް ކުރުމަށްޓަކައި ޤާނޫނުތަކަށް ކުޑަ ބަދަލުތަކެއް ގެންނަން ވެފައި ހުރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މިފަހަރުގެ އިންތިހާބުގައި އެމްޑީޕީ އަށް މެޖޯރިޓީ ލިބި ޖުމްހޫރީ ޕާޓީއާއި އަދި އެހެންވެސް ޕާޓީތައް އިންތިހާބުން ބަލިވެގެން ދިޔައީ، ވޯޓު ލުމުގައި ރައްޔިތުން ސިޔާސީ ނުވެ ފަރުދީ ޒިންމާއެއްގެ ގޮތުގައި އެކަން ދެކިގެން ވޯޓު ލުމުންކަމުގައި އަސްލަމް ވިދާޅުވިއެވެ.