19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ދިފާއުކުރެއްވި މުހައްމަދު އަސްލަމް ގެނައުމަށް، އަސްލަމްގެ ކެމްޕެއިން ޓީމްއިން ފަށައިފިއެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަން މިހާރުވެސް ކުރައްވަމުން ގެންދަވާ އަސްލަމް އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭން މެނޭޖަރުކަން ވެސް ކުރައްވާފައިވާ ފަރާތެކެވެ. އަދި އޭނާ އަކީ މިހާރު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގައި ތިއްބެވި މެމްބަރުންގެ ތެރެއިން މަޖިލީހުގެ އިތުރު ދައުރަކަށް އިންތިހާބުވި ކެންޑިޑޭޓެވެ.

މަޖިލީހުގެ ރައީސް ކަމަށް އަންނާނީ ބޮޑު މެޖޯރިޓީއެއް ހޯދި އެމްޑީޕީގެ މެމްބަރެއް ކަމަށްވާއިރު އަސްލަމްގެ ސަޕޯޓަރުން މިހާރު ވަނީ ސޯޝަލް މީޑިޔާގައި އޭނާ މަޖިލީހުގެ ރައީސް ކަމަށް ގެނައުމަށް ކެމްޕޭނެއް ފަށާފައެވެ.

އަސްލަމް މަޖިލިސް ރައީސް ކަމަށް ގެންނަން ސަޕޯޓަރުން ކެމްޕޭން ފެށިއިރު، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް ނަޝީދު މިރޭ ވަނީ އަސްލަމް އަކީ މަޖިލީހުގެ ރައީސް ކަމަށް ގާބިލު ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ.

"އެތައް ދުވަހަކު މަޖިލީހުގައި ތިއްބަވާފައި ތިބި މެމްބަރުން. މީގެ ކުރިންވެސް މަޖިލީސް މެމްބަރުކަން ކުރައްވާ، މިހާރު އައްޑޫ ހިތަދޫގެ ގޮނޑިއެއްގައި އިންނެވި އަސްލަމް އެއީ އަޅުގަނޑުމެން ތެރޭގައި މަގުބޫލު ބޭފުޅެއް" ނަޝީދު ވިދާޅުވިއެވެ.

މިފަހަރުގެ އިންތިހާބު އަސްލަމް ކާމިޔާބު ކޮށްފައިވަނީ ބޮޑު އަޤުލަބިއްޔަތަކުންނެވެ. މިއީ އަސްލަމް މަޖިލީހަށް އިންތިހާބު ވެވަޑައިގެންނެވި ހަތަރުވަނަ ދައުރެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.