މިއަދު މެންދުރު ފަހު ބަޔަކު ހެލްމެޓް ނާޅާ ހައިވޭމަތިން ދުއްވާފައިދާ ވީޑިޔޯއެއް މީސްމީޑިޔާގައި ދައުރުވަމުން އެބަދެއެވެ.
އެ ވީޑިޔޯއިން ފެންނަ ގޮތުގައި ދެމީހަކު ސައިކަލް ދުއްވާފައި ދާއިރު ސައިކަލް ދުއްވަން އިން މީހާ ހެލްމެޓް އަޅައިގެން އިންއިރު، ސައިކަލް ފަހަތުގައި އިން މީހާ، އިނީ ހެލްމެޓް ނާޅައެވެ.
މާލެ އާއި ހުޅުލެ ގުޅުވައިދޭ، ސިނަމާލެ ބްރިޖް މަތީގައި ހެލްމެޓް އެޅުމަކީ މަޖުބޫރު ކަމެއްގެ ގޮތުގައި ކަނޑައަޅައި، ދާދިފަހުން ގެޒެޓްގައި ޝާއިރު ކުރި، އިންޖީނުލީ އެއްގަމު އުޅަނދު ދުއްވަންވީ ދުވެއްޔާބެހޭ ގަވާއިދަށް ގެނައި އިސްލާހުގައި ވާ ގޮތުން، 30 ކިލޯ މީޓަރަށްވުރެ ބާރަށް ދުއްވަން ހުއްދަ ކޮށްފައިވާ ސަރަހައްދުތަކުގައި ސައިކަލްގައި ދުއްވަން އިންނަ މީހާ އާއި ފަހަތުގައި އިންނަ މީހާ ހެލްމެޓް އަޅަން ޖެހޭނެއެވެ.
31 މާރިޗު އިން ފަށައިގެން ހެލްމެޓް ނާޅާނަމަ ޖޫރިމަނާ ކުރަން ނިންމާ އެކަން އާމުކޮށް އިއުލާންކޮށްފައިވާ އިރު މިފަދަ ކަންތައް ފަހަކަށް އައިސް ތަކުރާރުވަމުން ދާކަން ފާހަގަކޮށްލަން ޖެހެއެވެ.
އެ ގޮތުން ގަވާއިދުތަކާއި ހިލާފުވެއްޖެނަމަ ފުރަތަމަ ފަހަރަށް 500 ރުފިޔާއިން ޖޫރިމަނާ ކުރާއިރު، ދެވަނަ ފަހަރަށް 750 ރުފިޔާއިން އަދި ދެ ފަހަރަށްވުރެ ގިނަވާ ކޮންމެ ފަހަރަކު 1000 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ. އަދި ނުރައްކާތެރިކޮށް ނުވަތަ ފަރުވާ ކުޑަކޮށް ދުއްވައިގެން މީހަކަށް ގެއްލުމެއް ވެއްޖެނަމަ، އެމީހަކަށް ބަދަލު ދިނުމުގެ އިތުރުން، 10 އަހަރު ދުވަހަށް ލައިސެންސް ހިފަހައްޓާނެ ކަމަށްވެސް ގަވާއިދުގައި ވެއެވެ. މީގެ އިތުރުން މީހެއްގެ ހަށިގަނޑަށް ނުވަތަ ފުރާނައަށް ގެއްލުންވާގޮތަށް ދުއްވައިފިނަމަ އެއް އަހަރު ނުވަތަ ދެއަހަރު ދުވަހަށް ލައިސެންސް ހިފަހައްޓާނެ ކަމަށެވެ. އަދި އެގަވާއިދުގައި ކަނޑައަޅާފައިނުވާ ކަމަކާއިވެސް ހިލާފުވެއްޖެނަމަ 750 ރުފިޔާއިން ޖޫރިމަނާ ކުރުމުގެ ބާރު ލިބިގެންވާ ކަމަށް، އެއްގަމު އުޅަނދު ދުއްވަންވީ ގަވާއިދުގައި ވެއެވެ.
ދާދިފަހުންވެސް ހަމަ މިފަދަ ހާދިސާއެއް ދިމާވުމުން ފޮރިން މިނިސްޓްރީން ބުނެފައިވަނީ، އެފަދަ ކަންކަން އާންމު ގޮތެއްގައި ހިނގަނީ ގާނޫނުތަކަށް އައިސްފައިވާ ބަދަލުތައް ނޭނގުމުގެ ސަބަބުން ކަމަށެވެ.
ސައިކަލްތަކުގައި ލޯގަނޑު ނުޖަހައި ހެލްމެޓް ނާޅައި އަރާ ފަރާތްތައް ޗެކް ކުރުމަށް އާންމު ގޮތެއްގައި ފުލުހުން ތިބެނީ މާލެ ކޮޅުންނަމަ ބްރިޖް ފެށޭ ހިސާބުގައި އެވެ. އަދި ހުޅުމާލެ ކޮޅުން ހައިވޭއަށް އަރާ ހިސާބުގައި އެވެ.