މޯލްޑިވްސް ނެޝަނަަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)އިން އިސްނަގައިގެން ކޮންސްޓްރަކްޝަން ދާއިރާގެ މީހުންނަށް އަމާޒުކޮށްގެން އެނުއަލް ހެލްތު އެންޑް ސޭފްޓީ ކޮންފަރެންސެއް ފަށައިފި އެވެ.
މިއަދު މަސީން ފެށި އެ ކޮންފަރެންސްގެ ބޭނުމަކީ، ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް އިމާރާތް ކުރުމާއި ސައިޓުތަކުގައި ދިމާވާ ހާދިސާތައް މަދުކޮށް ސަލާމަތީ ފިޔަވަޅުތައް އެޅުމުގެ މުހިއްމުކަން ކިޔައިދިނުމާއި، އަދި ދާއިރާއަށް ކުރިމަތި ވެފައިވާ ހުރި ދަތިތަކާއި ބެހޭ ގޮތުން ވާހަކަދައްކާ އެކަމަށް ހައްލެއް ހޯދުމެވެ.
މަސީން މިއަދު ފެށި ހެލްތް އެންޑް ސޭފްޓީ ކޮންފަރެންސް އަކީ އެއްދުވަހުގެ ނިޔަލަށް ކުރިއަށް ދާ ކޮންފަރެންސް އެކެވެ. އެ ކޮންފަރެންސް ޝަރަފުވެރި ކޮށްދެއްވާފައިވަނީ، މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހް އެވެ. މަސީގެ ރައީސްގެ އިތުރުން އެ ކޮންފަރެންސްގައި، ހަޔާ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު، އަދި ޕޮލިޓެކްނިކްގައި ކުރިން މަސައްކަތް ކުރައްވާފައިވާ މުހައްމަދު ހާޝިމް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ކޮންފަރެންސްގައި މަސީ އިން ވަނީ މޯލްޑިވްސް ޕޮލިޓެކްނިކް އާއެކު ކޮންސްޓްރަކްޝަން ދާއިރާއަށް ބޭނުންވާ ދިވެހިން ތަމްރީނު ކުރުމުގެ ގޮތުން އެއްބަސްވުމެއްގައިވެސް ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގެ ސަބަބުން، ތަމްރީނުތަކަށްފަހު ޕޮލިޓެކްނިކް އިން ތަމްރީނުވާ ފަރާތްތަކަށް ކޮންސްޓްރަކްޝަން ދާއިރާއިން ވަޒީފާ ހޯދުމުގައި ދެފަރާތުން އެއްބާރުލުން ދޭނެ އެވެ