ސަރުކާރާއި ރައްޔިތުންގެ މަޖިލިސް ޒިންމާދާރު ކުރައްވަންޖެެހޭނީ ނޫސްވެރިންކަމުގައި ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
މަޖިލިސް އިންތިހާބުން އެމްޑީޕީ ހޯދި ކާމިޔާބީ ފާހަގަކުރުމަށް އަޑި ޕާކް ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، މިއަދު ނޫސްވެރިންނަށް ވަރަށް ބޮޑު ޒިންމާއެއް އެބައޮތް ކަމަށާއި، އެ ގޮތުން ސަރުކާރާއި ރައްޔިތުންގެ މަޖިލިހާ މި ހަވާލުކުރި މަސައްކަތް ކުރަމުން ގެންދަނީ ރަނގަޅަށްތޯ ބެލުމުގެ ޒިންމާ އަދާކުރައްވަން ޖެހޭނެ ބަޔަކީ ނޫސްވެރިންކަމަށެވެ.
"ފާރަވެރިވޭ. ސަރުކާރުން އެންމެ ކަމެއް ގޯސްކޮށް ކުރި ނަމަވެސް ހާމަކުރައްވާ. ރައްޔިތުންގެ މަޖިލިހުގެ އެއްވެސް މެމްބަރަކު ފައިސާގައި ޖެހިއްޖެ ކަމުގައި ވަންޏާ ހާމަކުރައްވާ. މަޑުން ނުތިއްބަވައްޗޭ. އަޅުގަނޑު މި ހުރީ ފިޔަވަޅު އަޅަން ތައްޔާރަށް."
މީގެ އިތުރުން ރައީސް ވިދާޅުވީ މި ސަރުކާރުގައި ވަށްކަމަކަށް ޖާގައެއް ނުދެއްވާނެ ކަމަށާއި، އެކަން ކުރަން ހިތުލައިފި މީހެއް ނަމަވެސް ޖެހޭނީ ސަރުކާރާއި ދުރުވާންކަމަށެވެ.
އެ ގޮތުން މި ސަރުކާރުގައި ތިއްބަވަން ޖެހޭނީ ރައްޔިޔުންނަށް އިޚުލާސްތެރި، އަމިއްލަ އެދުމަށް އިސްނުކުރާ، ހިދުމަތްތެރިންތަކެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.