އެޖެންޑާ 19 އަށް ރައްޔިތުން މަރުހަބާ ކިޔުމުން، ނައިބު ރައީސް ފައިސަލް ނަސީމް ދިވެހި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފިއެވެ.
މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ މެޖޯރިޓީ ބޮޑު ތަފާތަކުން އެމްޑީޕީއަށް ލިބުމުން، ރައްޔިތުންނަށް ޝުކުރު ދެންނެވުމުގެ ގޮތުން ނައިބު ރައީސް ފައިސަލް ނަސީމް މިރޭގެ ވަގުތެއްގައި، ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރައްޔިތުން މިއަދު ދެއްކީ ވަރަށް ބޮޑު ތަފާތެއް ކަމަށެވެ. އަދި ރައްޔިތުން ދެއްކެވި ތަފާތު ވަރަށް އަވަހަށް ސަރުކާރުންވެސް ފެނިގެން ދާނެކަމަށެވެ. ނައިބް ރައީސް ފައިސަލް ނަސީމް އެޓުވީޓްގައި ދިވެހި ރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ފަށްފަށުން ޝުކުރު އަދާކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ލޮން ޒިޔާރައް މަގުގައި ދަނީ އުފާ ފާޅުކުރަމުންނެވެ. އަދި މި އުފާ ފާޅު ކުރުމުގައި ދިވެހި ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ބައިވެރިވެ ވަޑައިގަނެފައެވެ.
މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ވަނީ މީގެ ކުރިން އަދި މަޖިލިސް އިންތިހާބެއްގައި ނުހޯދާފަދަ ކާމިޔާބީއެއް ހޯދާފައެވެ.