ޖުމްްހުރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްވެސް މަޖިލީހަށް ހޮވިވަޑައިގަނެފިއެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ ގޮނޑި ގާސިމް އިބްރާހިމް ކާމިޔާބް ކުރައްވާފައި ވަނީ ޖޭޕީގެ ޓިކެޓްގައި ވާދަކުރައްވާފައެވެ. ގާސިމް އިބްރާހިމަކީ، މިހާރު ކުރިޔަށް މިދާ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ގާސިމް އިބްރާހިމް، ވާދަކުރެއްވި މާމިގިލި ދާއިރާއަކީ އެބޭފުޅާގެ އުފަން ރަށް ނިސްބަތްވާ ދާއިރާއެވެ.
މާމިގިލީ ދާއިރާގެ ވަގުތީ ނަތީޖާތައް ދައްކާގޮތުގައި، ގާސިމް އިބްރާހިމް ވަނީ މާމިގިލި ދާއިރާގެ ގޮނޑި ބޮޑު ތަފާތަކުން ކާމިޔާބް ކުރައްވާފައެވެ.
އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހުރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، މާމިގިލި ދާއިރާގެ މަގިލިސް ގޮނޑި ކާމިޔާބު ކުރެއްވީ ބޮޑު ތަފާތަކުން، އެދާއިރާއަށް ދެން ވާދަކުރެއްވި ދެ ކެނޑިޑޭޓުން ބަލިކުރައްވާފައެވެ.
ގާސިމް އިބްރާހިމާއި އެންމެ ކައިރިން ދެން ވާކުރެއްވީ އަހްމަދު އާޒިމެވެ. އަހްމަދު އާޒިމު މާމިގިލި ދާއިރާއަށް ވާދަކުރެއްވީ އެމްޑީޕީގެ ޓިކެޓްގައެވެ. ދެން މާމިގިލި ދާއިރާއަށް ވާދަކުރެއްވީ، އަމިއްލަ ގޮތުން ވާދަކުރެއްވި ކެނޑިޑޭޓެއް ކަމަށްވާ އަހްމަދު އިބުރާހިމެވެ.
ގާސިމް އިބްރާހިމް ވަނީ މިވޭތުވެދިޔަ ރައްޔިތުންގެ މަޖިލީހުގެ ތިން ދައުރުގައިވެސް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާ ތަމްސީލް ކުރައްވައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވަގުތީ ނަތީޖާތައް ދައްކާ ގޮތުގައި ގާސިމް އިބްރާހިމްގެ ލީޑަރޝިޕްގެ ދަށުގައިވާ ޖުމްހުރީ ޕާޓީއަށް ރައްޔިތުންގެ މަޖިލީހުން ލިބިވަޑައިގަތީ ހަ ގޮނޑިއެވެ. އެމްޑީޕީ އިން ވަނީ ސުޕަރ މެޖޯރިޓީއަކާއި އެކު މަޖިލީހުގެ ގޮނޑިތައް ކާމިޔާބު ކޮށްފައެވެ.