ރަމަޟާންމަހަކީ މުސްލިމުންނަށް އަންނަ އެންމެ ޚާއްސަ އެއް މައްސަރެވެ. އެއްގޮތަކަަށްވުރެ ގިނަ ގޮތްގޮތުން މި މައްސަރަކީ މުސްލިމުންނަށް މުޅި އަހަރުގައިވެސް އަންނަ އެންމެ އުފާވެރި އަދި ހިތްހަމަޖެހުން ލިއްބައިދޭ މަހެވެެ. ދިވެހިންނަކީ ސައްތައިން ސައްތަ މުސްލިމް ގައުމެއް ކަމުން ރަމަޟާން މަސް ނުވަތަ ރޯދަ މަސް ދިވެހިންނަށް ވެގެންދާނީ އެހެން މަސްތަކާއި ތަފާތުވާ، ހުރިހާ ގޮތަކުން ޚާއްސަވެގެންވާ ދުވަސްވަރަކަށް ކަން ޔަގީނެވެ. މި ހުރިހާ ގޮތަކުންވެސް ރަމަޟާންމަހުގެ އުފަލާއި ހިތްހަމަޖެހުން އެންމެ އެކަށީގެންވާ މިންވަރަށް ނުލިބޭނީ ރަށާއި ނުވަތަ އާއިލާއާއި ދުރުގައި ރޯދަމަސް ހޭދަކުރަން ޖެހޭ މީހުންނެވެ.

އިޖުތިމާއީ ގޮތުން ވިސްނާނަމަ ރަމަޟާން މަހަކީ މުސްލިމުން އެއްބަޔަކު އަނެއް ބަޔަކާ ގުޅުން ބަދަހިކުރާ މަސްތަކުގެ ތެރެއިން އެެއް މަހެވެ. އޭގެ ތެރޭގައިވެސް ޚާއްސަކޮށް އާއިލާގެ މެންބަރުން އެއްބަޔަކު އަނެއް ބަޔަކާއި އޮންނަ ގުޅުން އެންމެ ވަރުގަދަވުމަށް މެދުވެރިކުރުވާ ދުވަސްވަރެއްކަމަށް ރަމަޟާން މަސްވެއެވެ. އޭގެ އެންމެ މައިގަނޑު ސަބަބަކީ ރަމަޟާން މަހުގައި އަބަދުވެސް އެންމެން އެއް ސުފުރާ މަތިން ބައްދަލުވެ ވާހަކަދައްކައި ހެދުމެވެ. ގިނަ ދިރާސާތަކުން ދައްކާގޮތުގައި އެއް ސުފުރާ މަތިން ކެއުމަކީ އާއިލާގެ މީހުންގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިވާ ކަމެކެވެ. މި ހިތްހަމަޖެހުން އެންމެ ފުރިހަމަ ގޮތުގައި އަދާވާނީ އާއިލާ މީހުންގެ ކައިރީގައި ހުންނަ މީހަކަށް ކަން ޔަގީނެވެ.

ތަފާތުއެކި ސަބަބުތަކާއި ހުރެ ރަށުން ބޭރުގައި ނުވަތަ އާއިލާއާއި ދުރުގައި ރަމަޟާންމަސް ހޭދަކުރަން ޖެހިިފައިވާ މީހުންގެ އަދަދު ރާއްޖޭގައިވެސް ގިނައެވެ. މިފަދަ މީހުންގެ އެންމެ ބޮޑު އެއް އެދުމަކަށް ވާނީ ކުޑަ ދުވަސްކޮޅަކަށް ނަމަވެސް އާއިލާ މީހުންނާއެއްކޮށް ރޯދަ މަހުގައި ވަގުތުކޮޅެއް ހޭދަކޮށްލަން ރަށަށް ނުވަތަ  އާއިލާ މީހުންގެ ކައިރިއަށް ދިޔުމަށެވެ. ނަމަވެސް ވަޒީފާގެ ކަންކަން ނުވަތަ ކިޔެވުމުގެ ކަންކަން ނުވަތަ މާލީ ހާލަތް އޮތް ގޮތުން މި ކަންތައް ހާސިލްނުވުމަކީ ލިބިގެންދާ ވަރަށް ބޮޑު ހިތްދަތިކަމެއްކަން ޔަގީނެވެ.

ޚާއްސަކޮށް އަމިއްލަ ގެއެއްގައި ނޫޅޭ ކޮންމެ މީހަކަށް އެނގޭނެ ފަދައިން ރަމަޟާން މަހުގައި ރަށުގައި ކަންކަން އޮންނަ ގޮތާއި އަމިއްލަ ނޫން ގޭގޭގައި ކަންކަން އޮންނަ ގޮތް ހާސްބައި ތަފާތެވެ. މީގެ އެންމެ ޢާންމު އެއް މިސާލަކީ ކެއުމުގެ ކަންކަން އޮންނަ ގޮތެވެ. ކޮންމެވެސް ހިސާބަކުން އެ ގޭގެ މީހަކަށް ނުވަތަ އެ އާއިލާގެ މީހަކަށް ނުވީތީ ތަފާތުކުރެވޭ ކަން ފާހަގަކުރެވޭނެއެވެ. މިގޮތުން ކެއުމަށް އިންސާފުކުރުމުގައި އެ ގޭގެ ކުދިންނަށް ނުވަތަ އެ އާއިލާއެއްގެ މެންބަރުންނަށް ޚާއްސަކޮށްގެން ވަކި ކާނާއެއް ނުވަތަ އެމީހުންނަށް ގިނައިން ކާނާ ތައްޔާރުކުރާ ފަހަރުވެސް މަދެއްނޫނެވެ.

ކިތައް މީހުންނަށް ކިތައް ފަހަރު މިފަދަ ހިތްދަތި ކަންކަން ދިމާވާނެ ހެއްޔެވެ؟ ނަމަވެސް އެކަންކަމާއި ބުނާނެ އެއްޗެއްވެސް، ކުރެވޭނެ ކަމެއްވެސް ނޯންނާނެއެވެ. އެއީ އަމިއްލަ ގެއެއް ނުވަތަ ތިމާގެެ އާއިލާ ނޫން ވީމައި އަބަދުވެސް އެ ތަފާތުކުރުން ހުންނާނެއެވެ. މި ތަނުން އެއްވެސް ކަމެއް ރަށުގައި އިހްސާސް ކުރާކަށް ނުޖެހޭނެއެވެ. އާއިލާގެ ކައިރިން އާއިލާ މީހުންނާއެއްކޮށް ކައިބޮއި ހަދައިގެން ރޯދަމަސް ވޭތުކޮށްލުމަކީ އާދަޔާ ޚިލާފު ހިތްހަމަ ޖެހުމެއް ލިބޭނެ ކަމެއްކަން ޔަގީނެވެ. މިފަހަރުވެސް ރޯދަޔަށް ރަށަށް ނުވަތަ އާއިލާ މީހުންގެ ކައިރިއަށް ނުދެވޭ މީހުން ތިބޭނީ ފުން ހިތާމައެއްގެ ތެރޭގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *