އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ފޯމަށް ޓޯޔާޑުން ސޮއި ހޯދަން ނުޖެހޭ ގޮތައް ޓްރާންސްޕޯޓް މިނިސްޓްރީން ހަމަޖައްސައިފިއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ މީގެ ކުރިން ލައިސަންސް ފޯމު ހުށަހަޅާއިރު ޕޮލިސް ޓޯޔާޑުން ހޯދަން ޖެހޭ އެންޑޯސްމެންޓް ނުހޯދާ މިހާރު ލައިސަންސަށް އެދި ހުށަހެޅޭނެ ކަމަށެވެ.

ޓްރާންޕޯޓް މިނިސްޓްރީން މި ނިންމުން ނިންމާފައިވަނީ ލައިސަންސް ނަގަން ބޭނުންވާ ފަރާތްތަކަށް ލައިސަންސް ނަގަން ކުރަން ޖެހޭ އިދާރީ މަސައްކަތްތައް ފަސޭހަކަމާއި އެކު ކުރެވޭނެ ގޮތް ހަމަޖެއްސުމަށެވެ.

"ޕޮލިސް އެންޑޯސްމެންޓް މި ލިބެނީ ތިން ދުވަހަށް. ޓްރާންސްޕޯޓުން ދުވާލަކަށް 100 ނަންބަރު ދޫކުރާއިރު ތިން ދުވަސްތެރޭ ފޯމު ހުށަނޭޅޭ ފަހަރުތައް އެބަ އާދޭ. އަނެއްކާ މިޖެހެނީ ޓޯޔާޑުން ކްލިޔަރެންސް ހޯދަން. އެކަން ފަސޭހަކޮށްދިނުމަށް މިހާރު ބަދަލު މިގެނައީ ޓޯޔާޑުން ކްލިޔަރެންސް ނުހޯދާވެސް ލައިސަންސް ފޯމު ހުށަހެޅޭނެ ގޮތަށް،" ޓްރާންޕޯޓުގެ އޮފިޝަލަކު ވިދާޅުވި އެވެ.

މި ބަދަލު ގެނެސްފައިވަނީ މިދިޔަ ހަފްތާގެ އާދިއްތަ ދުވަހުން ފެށިގެންނެވެ. މި ބަދަލަކީ ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމަށް ފުލުހުންނާއެކު ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ކުރެއްވި މަޝްވަރާތަކަށްފަހު ގެނައި ބަދަލެކެވެ.

ޓްރާންސްޕޯ މިނިސްޓްރީން ބުނީ ޓްރެފިކް ޖޫރިމަނާ އޮންނަ މީހުންނަށް ލައިސަންސް ހެއްދުމަށް އޮންނަ ދަތި ފިލުވާލުމަށް ގާނޫނަށް ބަދަލު ގެނެވުމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *