ރިއާސީ އިންތިހާބާއި މި ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކަންތައްތައް ކުރިއަށް އަންނަނީ ދާދި އެއްގޮތަކަށް ނަމަވެސް ރައްޔިތުންގެ ފަރާތުން ރިއާސީ އިންތިހާބުގައި ފެނުނު "ޖޯޝު" ނުވަތަ "ފޯރި" ފެނިގެން ނުދާ ކަމަށް ބައެއް މީހުން ބުނެއެވެ. މި ކަމުގެ ހަގީގަތް މީސްމީޑިއާއަށް ބަލާލުމުން ފެނިގެން ދާނެއެވެ.

ރާއްޖޭގެ ގިނަ ރައްޔިތުންނަކީ އެމީހުން ކުރާ ކޮންމެ ކަމެއް މީސްމީޑިއާގައި ދައުރުކުރަން ބޭނުންވާ ވަރަށް "ހެޕެނިން" ބައެކެވެ. މިގޮތުން އިންތިހާބުތަކުގައި ވޯޓުލުމަކީ ކޮންމެ ފަރުދަކަށް ލިބިގެންވާ ހައްގެއް ކަމަށްވާއިރުވެސް، އެކަން ކުރުމަށްފަހު މީސްމީޑިއާތަކުގައި ހިއްސާކުރާ ދިވެހިންގެ އަދަދު ވަރަށް ގިނައެވެ. 

މިދިޔަ ރިއާސީ އިންތިހާބަކީ މިހާ ތަނަށް ދިވެހި ރާއްޖެ ދުއް އެންމެ ފޯރިގަދަ އެއް އިންތިހާބެވެ. ވޯޓުލާން މީހުން ހެދި ކިއުތައް ދިގު ދަންމާލާފައިވި ވަރުން ދޭހަވެގެން ދިޔައީ ރައްޔިތުން އެ އިންތިހާބަށް އޮތް ޝައުގާއި ފޯރިއެވެ. މިފަހަރު މަޖިލިސް އިންތިހާބު ފެށުން އިރުގައި ބައެއް ވޯޓުފޮށިތައް ދޮށުގައި ކިއުތައް ހެދިފައިވީ ނަމަވެސް އަނެއްބައި ވޯޓުފޮށިތައް ދޮށު މާ ދިގު ކިއުއެއް ނެތެވެ. މިކަމުގެ އެންމެ ބޮޑު ހެއްކަކީ ހެނދުނުކޮޅުގައި މަދު އިންސައްތައެއްގެ ދިވެހިން ވޯޓުލައިފައި ވުމެވެ. ނަމަވެސް ވޯޓުލި ގިނަ އަދަދެއްގެ ދިވެހިން ވަނީ ވޯޓުލާން ކިއުގައި ހުރެ، ވޯޓު ލުމަށްފަހު އެމީހުންގެ އިނގިލީގައި ޖަހާ ވޯޓުލިކަން ކަށަވަރުކޮށްދޭ ނިޝާންގެ ފޮޓޯ ޢާންމުކޮށްފައެވެ.

ވޯޓުލިކަމުގެ ނިޝާނާ އެއްކޮށް ގިނަ މީހުންވަނީ ވޯޓުލާން ދިޔުމަށް ބާރުއަޅައި އިލްތިމާސްގެ ބަސްތައް ހިއްސާކޮށްފައެވެ. މިގޮތުން ދިވެހި ރައްޔިތެއްގެ ފަރުދީ ޒިންމާ އަދާކުރުމަށް އިސްކަން ދިނުމާއި، ފަރުދީ ޒިންމާ އަދާކުރެވުނީތީ ފަޚުރުވެރިވާ ކަމަށް ދޭހަވާ ވާހަކަކޮޅުތައް ލިޔެއެވެ. މިއީ ދިވެހިންގެ ފަރާތުން ފެންނަ ޢާންމުކަމެކެވެ. މީގެ ނަތީޖާ ބައެއް ފަހަރު ފޮނި ގޮތަކަށްވެސް ނިކުމެގެން ދެއެވެ. މިފަދައިން މީސްމީޑިއާތަކުގައި ދައުރުވާ ފޮޓޯތަކާއި ވާހަކަތައް ފެނި ވޯޓުލުމަށް އޮންނަ ޝައުގު އިތުރުވެ ލިބޭ ހިތްވަރަކަށް ވެގެންދެއެވެ.

މިއީ ވަކިބައެއްގެ ފަރާތުން ފެންނަ އާދައެއް ނޫނެވެ. މަތީ މަޤާމުތަކުގައި ތިބޭ މުވައްޒަމުންނާއި، ފިލްމީ އުދަރޭހުގައި އުޅޭ ފަންނާނުންނެވެ. އަންހެނުންނާއި ފިރިހެނުންނެވެ. ދޮށީ އުމުރުފުރައިގެ މީހުންނާއި ޒުވާނުންނެވެ. ދިވެހިންގެ އެއްބައިވަންތަކަން ދައްކުވައިދިނުމުގެ ގޮތުން ބައެއް މީހުން ގްރޫޕްތައް ހަދައި ވޯޓުލިކަމުގެ ނިޝާން ދައްކައި ފޮޓޯތައް އާންމުކުރަމުނެ އެބަ ގެންދެއެވެ.

ދިވެހިންނަކީ ވަރަށް އެއްބައިވަންތަ، ފަރުދީ ޒިންމާތައް އަދާކުރާ ބައެކެވެ. މިކަން ވޯޓުލުމަށް ދިވެހިން އޮންނަ ފޯރިއާއި ޖޯޝުން ދޭހަވެގެން ދެއެވެ. ދިއްލާ އަވީގައި ގަދަ ހޫނުގައި އަޅާ ވޭނަކަށް ބެލުމެއް ނެތި ދިވެހިން ވޯޓުލުމުގެ ފަރުދީ ޒިންމާ އަދާކުރެއެވެ. ދިވެހިންގެ ތެރެއިން ގިނަ އިންސައްތައެއްގެ މީހުންނަކީ ވޯޓުލުމަށް ލޯބިކުރާ ބައެކެެވެ. މިކަން އެންމެންނަށްވެސް މީސްމީޑިއާ ބަލާލުމުން އެނގޭނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.