ދުނިޔެ މިއަދު ދެކެމުންމިދަނީ 21 ވަނަ ގަރުނުގެ ދުވަސްތަކެވެ. ތަޖްރިބާ ކުރަމުން މިދަނީ ތަރައްގީގެ ރޮނގުން ދުނިޔެ ދުވަހަކުވެސް ދެކިފައިނުވާ އުސްމިންތަކަކަށް ވާސިލްވަމުންދާ މަންޒަރެވެ. ކުރީގައި އަހަރެމެންގެ ތެރޭގައި އޮތް ގިނަ އުސޫލުތަކެއް ވެސް އަދި އުޅުނު ގޮތްތައް ވެސް މިއަދު މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ތެދުވެރިކަމާއި އިހްލާސްތެރިކަން ފަދަ ރިވެތި އާދަތައް އަޅުގަނޑުމެންގެ ތެރެއިން މިއަދު މިދަނީ ނެތެމުންނެވެ. އެއްޒަމާނެއްގައި ދިވެހިންނަށް ތައުލީމް އުނގެނުމަކީ ވަރަށް މުހިންމު ކަމެކެވެ. އެދުވަސްވަރު ކިޔަވާ ހަދާނީ އެދުރު ދައިތައިން އަދި އެދުރު ބެއިންގެ ކައިރިންނެވެ. ނަމަވެސް މަދަރުސާ ތަކާއި އަދި ކޮލެޖް ތަކާއި ތަފާތު އެހެނިހެން ކިޔަވައިދޭ ތަންތަން ވުޖޫދަށް އައުމާއި އެކު އެއްކަލަ އެދުރު ދައިތަމެން ކައިރިއަށް ގޮސްފައި ކިޔެވި ދުވަސް މާޒީއާއި އެކުވެގެން ދިޔައީ އެވެ.

މީގެ ދެތިން ހަތަރު ވަރަކަށް އަހަރު ކުރިން ދަރިވަރުންގެ ތެރޭގައި ވައިގަ ހިފި އެއްކަމަކީ އެކުވެރިންތައް އެއްވެގެން ކިޔެވުމެވެ. އެހެން ގޮތަކަަށް ބުނާ ނަމަ މިދުވަސްކޮޅު ކިޔަވާ ކުދިންގެ ތެރޭގައި އެންމެ ޓްރެންޑް އެއް ކަމަކީ "ގްރޫޕް ސްޓަޑީސް" ހެދުމެވެ. ގްރޫޕް ސްޓަޑީސް ހަދަން އެއްކުއްޖަކު ގެއަށް ދެތިން ހަތަރު ކުއްޖަކު ގޮސްގެން، އެކީ ކިޔަވައި ޓެސްޓަށް ތައްޔާރު ވުމަށެވެ. މިއީ ހަގީގަތުގައި ވަރަށް ފަސޭހައިން ފިލާވަޅުތައް ދަސްކުރެވޭނެ އުކުޅެކެވެ. ޓީޗަރުން ކިޔައިދިނުމުން ވިސްނޭ ވަރަށް ވުރެ ބޮޑަށް އަދި ފަސޭހައިން ބައެއް ކުދިންނަށް އެކުވެރިން ކިޔައިދީނަމައި ވިސްނޭނެއެވެ. ގްރޫޕް ސްޓަޑީސް ހެދުމަކީ، އެކަން ރަނގަޅު ގޮތުގައި ކޮށްފިނަމަ ހަމަގައިމުވެސް ރަނގަޅު ނަތީޖާތަކެއް ވެސް ލިބިގެންދާނެ ކަމެކެވެ.

ނަމަވެސް ހިތާމައަކީ ކޮންމެ ކަމެއްގެވެސް ބޭނުން ހެޔޮގޮތުގައި ހިފުމުގެ ބަދަލުގައި އެކަމަކުން ހިފެން އޮންނަ އެންމެ ގޯސް ބޭނުން ހިފާތީއެވެ. ހަމަގައިމުވެސް މިހާރު މިއުޅޭ ކުދިންގެ ވިސްނުން ހުންނަނީ ގްރޫޕް ސްޓަޑީސް ފަދަ އެއްޗެހި ހަދަން ގޮސްފައި ކިޔަވާކަށް ނޫނެވެ. އެކުވެރިންތަކެއް އެއްވެއްޖެ ނަމަ ގިނައިން ކުރާނެ ކަމަކީ ސަކަރާތް ޖެހުމެވެ. އަދި އެވެސް ބޮޑު މީހެއްގެ ބެލުމަކާއި ނުލައި އެކުދިން އަމިއްލަ އަށް އުޅެން ދޫކޮށްލާފިއްޔާ ކިޔަވާނެ ކަމާމެދު ޝައްކެވެ. ގިނަ ކުދިން ގްރޫޕް ސްޓަޑީސް ހަދަންށޭ ކިޔާފައި އެކުވެެރިންގެ ގޭގެއަށް ގޮސްފައި ކުރާނެ ކަމަކީ އެންމެ އެއްކޮށް ސަކަރާތް ޖަހައި ނުވަތަ ބޭކާރު ވާހަކަދެއްކުމުގައި ވަގުތުތައް ދުއްވާލާނީއެވެ. އޭގެ ސަބަބުން އާޚިރު ނަތީޖާއަކަށް ވަނީ ކުއްޖާގެ ނަތީޖާތައް ދަށްވުމެވެ.

ބައެއް ކުދިން ގްރޫޕް ސްޓަޑީސް ހެދުމަށޭ ބުނެ ބެލެނިވެރިންގެ ގާތުގައި ދޮގު ހަދާފައި އެހެން ތަންތަނަށް ވެސް އެބަދެއެވެ. ގިނަ ބެލެނިވެރިން ދަރިން ގްރޫޕް ސްޓަޑީސް  ހެދުމަށް އެކުވެރިއެއްގެ ގެއަށް ދާން ބުނުމުން ހިތުން ރުހުމުން އުފަލުން ފޮނުވަނީ ދަރިފުޅު ދަނީ ފިލާވަޅު ދަސްކުރަން ކަމަށް ހީކޮށެވެ. ނަމަވެސް ބައެއް ކުދިން އެގޮތަށް ބެލެނިވެރިންގެ ގާތުގައި ދޮގު ހަދާފައި ލޯބިވެރިޔާއާއި އެކު އެކި ތަންތަނަށް ގޮސް ގޮތްގޮތަށް އުޅެފައި ވެސް އެބަ އާދެއެވެ. މީގެ ސަބަބުން ކުދިންގެ ނަތީޖާތަކަށް ވަރަށް ބޮޑަށް އަސަރުކުރެއެވެ. މިކަމުގެ ސަބަބުން ރަނގަޅަށް ބިނާ ނުވަނީސް ބައެއް ކުދިންގެ ކުރިމަގު އެބަ އަނދިރިވެއެވެ. ގްރޫޕް ސްޓަޑީސް ހަދަން ދިއުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް މައްސަލައަކަށް ވާ ހިސާބަކީ އެހެން ކިޔާފައި ގޮސް، ކިޔެވުމުގެ ބަދަލުގައި އެހެން ކަންކަން ކުރެވޭތީއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *