ތިއުޅެނީ ކްރަޝް މަތިން ހަނދާން ނައްތާލަން އުނދަގޫވެގެންތަ؟ ނުވަތަ ކްރަޝް މަތިން ހަނދާން ވާތީ ރޭގަނޑު ނުނިދިގެންތަ؟ ނޫނީ ކްރަޝް ތިބޭފުޅާ ކުރާ މެސްޖްތައް ސީންޒޯން ކުރާތީ ދެރަވާތީތަ؟ މިއޮތީ ތިހުރިހާ ހިތާމަތަކާއި އުދާސްތަކުގެ ހައްލެވެ. ހާސްނުވާށެވެ. ކްރަޝް މަތިން ހަނދާން ނައްތާލެވޭނެ ނުވަތަ ކްރަޝް އާއި ދުރުވެވޭނެ ވަރަށް ފަސޭހަ ގޮތެއް މިއޮތީއެވެ. ދެން ހަމަގައިމުވެސް ކަރަޝް ސީންޒޯން ކުރާތީ މުޅި ދުވަހު މޫޑް އޮފް ވެގެންވެސް ހުންނާކަށް ނުޖެހޭނެއެވެ. 

ތިބޭފުޅުންނަށް ކްރަޝް އާއި ދޭތެރޭ ނުވިސްނާ އެންމެ މިނެޓެއްވެސް ނުހުރެވޭ ހެއްޔެވެ؟ އެކަމަކުވެސް ކްރަޝް ތިބޭފުޅާއާއި ދޭތެރޭ އެއްގޮތަކަށްވެސް ނުވިސްނާ ކަން އެނގެނީ ހެއްޔެވެ؟ އެގޮތަށް ކަންތައް ވަނީ ކަމުގައިވާ ނަމަ ކްރަޝް  އާއި ދޭތެރޭ ވިސްނާ ތިމާގެ ވަގުތުތައް ބޭކާރުކޮށް ބޯގޮއްވުމަކީ ހަމަ ބޭކާރު ކަމެކެވެ. އެގޮތަށް ކްރަޝްއާއި ދޭތެރޭ އަބަދު ވިސްނުމުން ދެރަޔާއި ހިތާމަ ލިބުން ނޫން އިތުރު އެއްވެސް ކަމެއް ނުވާނެއެވެ. އެހެންނަމަވެސް އަމިއްލައަށް ރަނގަޅަށް ވިސްނައިގެން، ތިމާދެކެ ލޯބިވާ މީހުންނާއި އެކީ ވަގުތު ހޭދަކުރަން ފެށުމުން ކްރަޝް އާއި ދޭތެރޭ ވިސްނުމުން ދުރުވެވޭނެއެވެ. ކްރަޝްގެ ހިޔާލުތަކާއި ދުރަށް ދެވޭނެ އަނެއް ގޮތަކީ، އަމިއްލަ މީހާ އެކި ކަންކަމުގައި ބިޒީ ވުމެވެ. 

ކްރަޝް މަތިން ހަނދާން ނައްތާލަން ދުވަސް ނަގާނެއެވެ. ނަމަވެސް އަމިއްލައަށް މަސައްކަތް ކޮށްގެން ވިސްނައިގެން އުޅެފި ނަމަ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކްރަޝްގެ ހިޔާލުތަކާއި ދުރަށް ދެވޭނެއެވެ. އަދި މިގޮތަށް ހިތަށް ސިކުނޑީގެ މައްޗަށް ބާރު ފޯރުވަން ނުދީ ކެތްތެރިކަމާއި އެކީ ހުރެއްޖެނަމަ ދުވަސްކޮޅެއްގެ ތެރޭގައި ކްރަޝް ހުންނަ ގޮތްވެސް ހަނދާން ނެތޭނެއެވެ.

ކްރަޝްގެ މަތިން ހަނދާން ނައްތާލުމަށް ނުވަތަ ދުރުވުމަށް ކުރަންޖެހޭ އެނެއް ކަމަކީ ތިމާގެ ހިތުގައި ކްރަޝްއަށް އިހްސާސްތަކެއް ވާކަން އަމިއްލައަށް ވެސް ގަބޫލުކުރުމެވެ. އެކަމާއި ގުޅިގެން ހިތުގައި އުފެދޭ އުދާސްތައް، އަމިއްލަ ހިތުގައި ފިއްތާފައި ބެހެއްޓުމުގެ ބަދަލުގައި އެކުވެރިއަކަށް ހިއްސާކޮށްލާ ހެދުން ނުވަތަ އެކަމާއި ދޭތެރޭ ވިސްނާ ހަދާފައި ހިތްފުރެންދެން ރޮއެލާ ހެދުމަކީވެސް މިކަމަށް އޮތް ހައްލެކެވެ. އަނެއް ކަމަކީ، ތިމާގެ ކްރަޝްގެ ގައިގައި ހުންނަ އުނި ސިފަތައް ނުވަތަ ނުރަނގަޅު ސިފަތައް ހަނދާންކޮށް ކްރަޝް މަތިން ފޫހިވާން މަސައްކަތް ކުރުމެވެ.

ކްރަޝް މަތިން ހަނދާން ނައްތާލަން ކުރަންޖެހޭ އެންމެ އުނދަގޫ ކަމަކީ ކްރަޝްއާއި ވާހަކަ ނުދައްކާ ހުރުމެވެ. ކިތަންމެ އުނދަގޫ ވިއަސް ކްރަޝް އާއި ދުރުވުމަށް މަސައްކަތް ކުރާނީއެވެ. ފުރަތަމަ ދުވަސްކޮޅު ވާހަކަ ނުދައްކާ ހުންނަ ކިތަންމެ އުނދަގޫ ވީ ކަމުގައިވިއަސް ފަހުން ދުވަސްވާ ވަރަކަށް ކްރަޝްއާއި ވާހަކަ ނުދައްކާ ހުންނަން ދަސްވާނެއެވެ. އަދި އެންމެ ފަހުން ހިތާއި ސިކުނޑިން ކްރަޝްގެ ހިޔާލުތައް ފިލައިގެން ދާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *