ގިނަ މީހުންނަކީ މުސާރަ ހަމަ ލިބޭއިރަށް ނުވަތަ ލާރިކޮޅެއް އަތަށް އަރާއިރަށް އެ ފައިސާތަކަށް، މުދަލާއި އަންނައުނު ފަދަތަކެތި ގަނެ ހަދާ މީހުންނެވެ. ހަގީގަތުގައި މިފަދަ ކަންކަމަކީ މުޅިންވެސް ވަގުތީ ހިތްހަމަޖެހުން ލިއްބައިދޭ ކަންތައްތަކެވެ. އަސްލު މީހާއަށް ދާއިމީ ހިތްހަމަޖެހުން ލިބޭނީ ލިބޭ އާމްދަނީއިން ޚަރަދުކުރާއިރުވެސް، ގިނަ ހަނދާންތަކާއި ގުޅޭގޮތަށް ޚަރަދުކުރުމެވެ. އޭގެ އެންމެ ރަނގަޅު އެއް މިސާލަކީ ދަތުރުފަތުރުކުރުން ނުވަތަ 'ޓްރެވަލް' ކުރުމެވެ.
އަގުބޮޑު އެއްޗެހި ނުވަތަ އާ އެއްޗެހި ކިތަންމެ ވަރަކަށްވެސް ގަނެވިދާނެއެވެ. ނަމަވެސް އޭގެ ސަބަބުން ލިބޭ ހިތްހަމަޖެހުން ނުވަތަ އުފާ ބީވެގެންދާލެއް ނިކަން އަވަސްވާނެއެވެ. މިކަން މިހެންވާން ދިމާވާ މައިގަނޑު އެއް ސަބަބަކީ އެއްޗެއް ގަތުމުން ތިމާގެ އަތައް އެ އެއްޗެއް ލިބުމުން އޭގެ އަގުހުރިނަމަވެސް އެއާ ދޭތެރޭ ގަތްއިރުގައި އޮތް ޝައުގުވެރިކަން ނެތި ދިޔުމެވެ. އަދި އަލުން އެ އެއްޗެއް ގަތުމުގައި އޮތް ޝައުގުވެރިކަމާއި އެ ހިތްހަމަޖެހުން ހޯދުމަށްޓަކައި އަލުން އާ އެއްޗެއް ގަތުމަށް މިސްރާބު ޖެހޭ ގޮތްވެއެވެ. މީގެ މައިގަނޑު އިބްރަތަކީ އާ އެއްޗެހި ގަތުމަކީ ހަމައެކަނި ވަގުތީީ އުފަލެއް ލިއްބައިދޭ ކަމެއް ކަމާއި އެފަދަ އުފާތަކާއި ހިތްހަމަޖެހުމަކީ ވަރަށް ކުޑަ މުއްދަތަކަށް ދެމިގެންދާނެ އެއްޗެކެވެ.
އެހެންކަމުން ދާއިމީ ނުވަތަ ދިގު ދެމިގެންދާ ގޮތަކަށް ހިތްހަމަޖެހުން ލިބުމަށް އެދޭނަމަ ތިމާއަށް ލިބޭ ފައިސާގެ ބައެއް ހޭދަކުރަންވީ ކޮންމެވެސް ވަރަކަށް ދަތުރުފަތުރުކުރުމުގެ ތެރޭގައެވެ. ސައިކޮލޮޖީއިން ކުރި ގިނަ އަދަދެއްގެ ދިރާސާތަކުން ދެއްކިގޮތުގައި އާ އެއްޗެއް ގަތުމުން ޖެހޭ ހިތްހަމައާއި ދަތުރުފަތުރުކުރުމުން ލިއްބައިދޭ ހިތްހަމަޖެހުމަކީ ދާދި އެއްވަރެއްގެ ހިތްހަމަޖެހުމެކެވެ. ނަަމަވެސް ތަފާތަކީ ދަތުރުފަތުރު ކުރުމުގެ ސަބަބުން ސިކުނޑީގައި ހަރުލާ ގިނަ އަދަދެއްގެ ހަނދާނާއި ތަޖުރިބާތަކަކީ ހިތްހަމަޖެހުމާއި އުފާވެރިކަން ގިނަ އަހަރުތަކަކަށް ދިގުދަންމައިދޭ ކަމެކެވެ. މި ގޮތުން ދަތުރެއްގައި ހިނގައިދިޔަ އުފާވެރި ނުވަތަ ރަނގަޅުކަންކަން ސިކުނޑީގައި އަލުން 'ޕްލޭ' ކޮށްލައި ބަލައިލުމުން ހަމަ އެ ވަގުތު އިހުސާސްކުރެވުނު އުފާވެރިކަމާއި ހިތްހަމަޖެހުން އިހުސާސްކުރުވުމަށް ހޯމޯންތައް ބާރުއަޅައެވެ.
އާ ކަންކަން ކުރުމުގައްޔާއި، އާ ތަންތަނަށް ދިޔުމަށް ޝައުގުވެރިކަން ހުރުމާއި އެފަދައިން ކަންތައް ހާސިލްކުރުމަށް މަސައްކަތްކުރާ މީހުންގެ ސްޓްރެސް ހުންނަ މިންވަރުވެސް މަދެވެ. އަދި އެ ފަދަ މީހުން އުޅެމުން ގެންދާ ހަޔާތްވެސް މާ އުފާވެރިއެވެ. ދަތުރުފަތުރު ކުރާއިރުގައިވެސް އެއްފަހަރު ދާ ތަނަކާއި މުޅިން ތަފާތު، ހުރިހާ ގޮތަކުންވެސް ޚާއްސަ މަންޒިލްތަކަށް ދިޔުމަށް ޚާއްސަ އިސްކަމެއް ދޭންވާނެއެވެ. އަދި ހަމައެހެންމެ ކުރިން އެފަދަ ތަނެއްގައި ނުތަނަވަސްވާ، ނުވަތަ ދެރަވާ ކަމެއް ހިނގައި އެކަމުގެ ހަނދާންތައް އާ ވާނަމަ އުފާވެރިކަމާއެކު 'ޕޮޒިޓިވް މައިންޑެއްގައި' ކަންކަން ނަގައިގަނެ، އާ ހަނދާންތައް ހަމަ އެތަނެއްގައި އުފެއްދުމަށް މަސައްކަތްކުރާށެވެ.