ސްރީލަންކާގައި މިމަހުގެ 21 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން، ފިތުނަ އަދި ދޮގު ހަބަރު ފަތުރަފާނެ ކަމުގެ ބިރު އޮތުމުން އެގައުމުން ބްލޮކް ކުރި މީސް މީޑިއާ، އާއްމުންނަށް ބޭނުން ކުރެވޭނެ ގޮތް ހަދައިފިއެވެ.
ލަންކާގެ ޑިޕާޓްމެންޓް އޮފް ގަވަމެންޓް އިންފޮމޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އީސްޓާ ސަންޑޭގެ ހަމަލާތަކާ ބެހޭ ގޮތުން ދޮގު ހަބަރު ފެތުރުން ހުއްޓުވުމަށްޓަކައި، އެގައުމުގައި ބޭނުން ނުކުރެވޭ ގޮތަށް ހަދައި ބްލޮކް ކުރި، ވަޓްސްއެޕާއި، ވައިބާ އާއި ފޭސްބުކް އަލުން ބޭނުން ކުރެވޭ ގޮތަށް ހަދަން ރައީސް އަމުރުކުރައްވާފައިވާ ކަމަށެވެ.
ސްރީލަންކާއަށް ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން އެގައުމުގެ ރައީސް ވަނީ އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެގައުމުގައި، އާންމު ތަންތަނުގައި މޫނު ފޮރުވައިގެން އުޅުން މަނާ ކޮށްފައެވެ.
ސްރީލަންކާއަށް ސިލްސިލާކޮށް ދިން ބޮމުގެ ހަމަލާތަކުގައި ވަނީ، 253 މީހުން މަރުވެ، 500 މީހުންނަށް އަނިޔާވެފައެވެ. އަދި އެހަމަލާތަކާ ގުޅިގެން އެގައުމުން ވަނީ މިހާތަނަށް 150އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފަ އެވެ.