ސްރީލަންކާގައި އާދިއްތަ ދުވަހު ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން، ސަލާމަތީ ފިޔަވަޅު ވަރުގަދަ ކުރުމުގެ ގޮތުން، ލަންކާގައި ކަންފަތް ފޮރުވޭ ގޮތަށް ބުރުގާ އެޅުންވެސް މަނާކޮށްފިއެވެ.
މިހަފްތާގެ ހޯމަ ދުވަހު ލަންކާގައި ކާކުކަން ނޭނގޭ ގޮތަށް ނުވަތަ މޫނު ބުރުގާ އަޅައިގެން އުޅުން މަނާ ކޮށްފައިވަނީ އެގައުމުގެ ރައީސް މައިތިރިޕާލާ ސިރިސޭނާއެވެ. އަދި އެ އުސޫލަށް މިހާރު އަމަލު ކުރަން ފަށާފައިވާއިރު، އެ އުސޫލުގެ ދަށުން ސްރީލަންކާގައި، ކަންފަތް ފޮރުވޭ ގޮތަށްވެސް ބުރުގާ އެޅުން ވަނީ މަނާކޮށްފައެވެ.
ލަންކާގައި ދިން ހަމަލާތަކަށްފަހު ރައީސްގެ ނިންމުމަށް މޫނު ބުރުގާ އެޅުމާއި ފުލް ފޭސް ހެލްމެޓު އެޅުން މަނާކޮށްފައިވާއިރު، އެގައުމުގައި މޫނު ބުރުގާއެޅުން މަނާ ކުރާ ގާނޫނެއް ޑްރާފްޓު ކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.
އެގައުމުގެ "ޕްރެޒިޑެންޓްސް މީޑިއާ ޑިވިޝަނު"އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މޫނު ނުފެންނަގޮތަށް ފޭރާން ނުލެވޭ ފިޔަވަޅަކީ އެގައުމުގެ އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނާފައި ރައީސް ނިންމެވި ނިންމެވުމެއްކަމަށެވެ.
އާދިއްތަ ދުވަހު ލަންކާގައި ދިން ހަމަލާތަކުގައި ވަނީ 250އަށް ވުރެ ގިނަ މީހުން މަރުވެ، އެތައް ސަތޭކަ މީހުން ޒަހަމު ވެފައިވެފައިވެއެވެ.