ތަރައްގީ އާއި ތަމައްދުނުގެ ރޮނގުން ދުނިޔެ ދުވަހަކުވެސް ދެކެފައިނުވާ ކުރިއެރުންތަކެއް މިއަދު މިވަނީ ހާސިލްކޮށްފައެވެ. އަހަރެމެން 21 ވަނަ ގަރުނުގެ ދުވަސްތައް ގުނަމުން ދާއިރު، ދުނިޔެ އިއްޔެ ދެއްކި ކުލަތަކާއި މިއަދު ދައްކަމުންގެންދާ ކުލަތަކާއި ވެސް ހާސްބައި ތަފާތެވެ. މިއަދު ދުނިޔެ މިވަނީ ކޮންމެ މީހެއްގެވެސް މުށު ތެރެއަށް ލެވޭހާވެސް ކުޑަ އެއްޗަކަށް ވެފައެވެ. އެހާ ވެސް ކުރިއަރައިގެން ގޮސްފައެވެ. ބަވަނަވެފައެވެ. ނަމަވެސް ހިތާމައަކީ އަހަރެމެންނަށް މިހުރިހާ ތަރައްގީތަކާއި މޮޅެތި މީހުން ހައިރާންކުރުވާ ފަދަ އައު އީޖާދުތައް ކުރުމުގެ ޤާބިލްކަން އަހަރުމެންނަށް މިންވަރުކުރެއްވި ގަދަކީރިވަންތަ ރަސްކަލާނގެއަށް ޝުކުރުވެރިވާން ނޭނގޭތީއެވެ. ގުނާ އަދަދުވެސް ނުކުރެވޭނެހާ އެތައް ނިއުމަތްތައް ދެއްވާފައި ވާއިރުވެސް އަހަރެމެން ގިނަ ވަގުތު ހޭދަކުރަނީ އެކަލަނގެ ނަހީ ކުރެއްވި ފާފަތައް އަރައިގަތުމުގައެވެ.
މިއަދު އިންސާނާއަށް ކުޑަ ވަގުތުކޮޅަކަށްވެސް ތަހައްމަލު ނުކުރެވޭނެ އެއް ކަމަކީ ހޫނުކަމެވެ. އިރުގެ ހޫނުން ސަލާމަތްކަން ހޯދަން އެތަކެއް މަސައްކަތްތަކެއް ކުރަމުންދާއިރު، ވަގުތުކޮޅަކަށްވެސް ކަރަންޓު ގޮސްފިނަމަ ތަހައްމަލު ނުކުރެވޭފަދައެވެ. ކިރިޔާ ވެސް ހޫނު ވާން ފަށައިފި ނަމަ ސަހަރޯއެވެ. ހޫނުވާތީ އޭ ކިޔާފައި ދެގަޑިން ދެގަޑިން ފެންވަރާނެއެވެ. ނުވަތަ އެ ނޫން ކަމެއް ވެސް ކުރާނެއެވެ. މިއަދު ގަދަ ހޫނުން ސަލާމަތްކަން ހޯދުމަށް ބޭނުންކުރަނީ ޒަމާނީ އެންމެ ފަހުގެ ހަތިޔާރެވެ. ޓެކްނޮލޮޖީގެ އެންމެ ފަހުގެ އީޖާދެވެ. ބޮޑު ޚަރަދުކޮށް އޭސީ ހަރުކޮށްނުލާ ގެއެއް މަދުވެއްޖެއެވެ. އޭސީ ހަރުކޮށް ކޮޓަރި ފިނިކޮށްލުމުން އެއްކަލަ ގަދަ އަވިން ސަލާމަތްވެ އޭސީގެ ފިނިކަމުގެ ތެރޭގައި ކަންނެތްކަމާއި ޣާފިލުކަމުގެ ތެރޭގައި ދުނިޔެ ނިމިދަނީއެވެ.
ހިތާމައަކީ ދުނިޔޭގައި އަހަރެމެންނަށް މިވާ ހޫނުކަމުން ސަލަމާތް ވުމަށް ހޭބޯނާރައި އެތައް މަސައްކަތްތަކެއް ކުރާއިރުވެސް، ގިނަ މުސްލިމުން ނަރަކައިގެ އަލިފާންގަނޑުގެ ހޫނުކަމާއި ބިރުވެރިކަމުގެ މަތިން ހަނދާން ނައްތާލާތީއެވެ. ދުނިޔޭގެ ހޫނުކަމުން ސަލާމަތް ވުމަށް މަސައްކަތް ކުރާ ބީދާއިން ނަރަކައިގެ ގަދަފަދަ އަޒާބާއި ހޫނުކަމުން ނަފްސު ސަލާމަތް ކުރަން މަސައްކަތް ކުރަނީ މަދު މީހުންނެވެ. ނަރަކައިގެ ހޫނު ކަމަކީ އަހަރެމެން އިންސާނުންނަށް އިހްސާސް ވެސް ނުކުރެވޭނެ ފަދަ ހޫނެކެވެ. ބިރުން ގޮސް މީހާ ރޫރޫ އަޅާ ވަރުގެ ބިރުވެރިތަނެެއްގެ ގޮތުގައި ގުރުއާނުގައި ވެސް ވަނީ ނަރަކަ ސިފަ ކުރައްވާފައެވެ.
ވިސްނާލާށެވެ. ވިއްސާރަ ވެހޭ ދުވަސްތަކުގައި ފެން ނެގުމަށްޓަކައި ފުރާޅު ސާފުކޮށް ހަދާ ފަދައިން، ނަރަކައަށް ތައްޔާރު ވުމަށް ނުވަތަ އާޚިރަތަށް ތައްުޔާރު ވުމަށްޓަކައި، އަހަރެމެންނަށް ދުނިޔެ މަތީގައި އުޅޭ އިރު ހެޔޮ އަމަލް ނުކުރެވޭނެ ހެއްޔެވެ؟ އާޚިރަތް ދުވަހަށް ތައްޔާރުވުމުގެ ގޮތުން އަހަރެމެންގެ ހެޔޮއަމަލްގެ ތިލަފަތް ބަރުނުކުރެވެނީ ތޯއެވެ؟ ރެއާއި ދުވާލު މާތްﷲ ނަހީކުރައްވާފައިވާ ބޮޑެތި ފާފަތަކަށް އެއްވެސް ބިރެއްނެތި އަރައިގަންނަ އިރު މިނޫން ދުވަހެއްވެސް ވާކަން ހަނދުމަ ކުރާށެވެ. ހޫނުވާތީ ނުވަތަ ދާހިތްލާތީ ދުވަހުގެ އެކި ވަގުތު ތަކުގައި ފެންވަރާ ބީދާއިން، ނަރަކައިގެ ހޫނުކަމުން ސަލަމާތް ވުމަށް އަހަރެމެންނަށް ފަސް އިރު ގަޑިއަށް ފަސް ނަމާދު ނުކުރެވޭނެ ތޯއެވެ؟ ދުވާލު ހަތަރުދަމު ބޭކާރު ކަންކަން ކުރުމުގައި ވަގުތުތައް ހުސްކޮށްލާއިރު، ހެޔޮ އަމަލް ކުރަން އެވަގުތުތައް ހޭދަކޮށްލާ ނަމައެއް ނޫން ހެއްޔެވެ.
ތިބާ ބިރުގަންނަނީ ދުނިޔޭގެ ހޫނުކަންދެކެ ތޯއެވެ؟ ނަރަކައިގެ ކެކިކެކި ހުންނަ އަލިފާން ގަނޑަށް ތިބާ އެއްލައިލުމުން ވާނެ އިހްސާސްތައް ވިސްނިން ހެއްޔެވެ. ވާނެ ހޫނު ހިތަށް އަރުވާލިން ތޯއެވެ؟ އަހަރެމެން މިދުނިޔެއަށް ފޮނުވާފައި ހުރި މައިގަނޑު ސަބަބަކީ ހެޔޮ އަމަލްތައް ކުރުމާއި، ނަރަކާއިގެ ގަދަފަދަ އަޒާބުން ސަލާމަތް ވުމަށް ގަދައަޅައި މަސައްކަތް ކުރުމެެވެ. އަދިވެސް ވަގުތު ފާއިތެއް ނުވެއެވެ. ދެން ވެސް މަސައްކަތް ކުރަންވީ ދުނިޔޭގެ ހޫނުކަމުން ސަލާމަތް ވާން މަސައްކުރާ ބީދާއިން ހެޔޮއަމަލްތައް އަދި ﷲ އެންގެވި މަގުން ހިނގައިގެން ނަރަކައިގެ ހޫނުކަމުން ސަލާމަތް ވުމަށެވެ. މިއަދު މިދުނިޔޭގައި ވާ ހޫނު ކިތަންމެ ވަރަކަށް ސަލާމަތް ވެވުނަސް، ނަރަކައިގެ ގަދަ ހޫނުން ސަލާމަތް ވެވޭނީ ހަމަ ހެޔޮ އަމަލް ކޮށް ﷲގެ ރުއްސެވުމާއި ލޯބި ހޯދުމުންނެވެ. މިއަދު އޭސީ ކުރެވިދާނެއެވެ! މަހުޝަރު ދުވަހު ކުރާނީ ކީއްހެއްޔެވެ؟