ސީރިޔާގައި ހާލުގައި ޖެހިފައި ތިބި ދިވެހި ކުޑަކުދިންގެ މައުލޫމާތު ހިމެނޭ ލިސްޓެއް މީސްމީޑިއާގައި އާންމު ވެއްޖެއެވެ.
މި މައުލޫމާތު މީސްމީޑިއާގައި އާންމުކޮށްފައި"އެލެކްސް އަހުމަދު" ނަމަކަށް ކިޔާ މީހެއްގެ ޓްވިޓަރ އެކައުންޓުންނެވެ. އެ އެކައުންޓުން، ސީރިޔާގައި ހާލުގައި ޖެހިފައި ތިބި ދިވެހި 33 ކުއްޖެއްގެ ނަމާއި އެހެނިހެން ބައެއް މައުލޫމާތު ހާމަކޮށްފައިވާއިރު، އޭގެތެރެއިން ގިނަ ކުދިންނަކީ ސީރިޔާގައި ވިހާފައިވާ ކުދިން ކަމަށް ބަޔާންކޮށްފައިވެއެވެ.
އެ ކުދިންގެ މައުލޫމާތު ހިމެނޭ ލިސްޓު އާންމުކުރި އެކައުންޓުން ކުރި ޓްވީޓުގައި ބުނެފައި ވަނީ އެ ލިސްޓުގައި ވަނީ ސީރިޔާގައި ތިބި ބައެއް ދިވެހިން ކަމަށް ބެލެވޭ މީހުން ކަމަށާއި އޭގެތެރެއިން ސީރިޔާގައި ވިހެއި ކުދިންގެ ބައްޕަ ކަށަވަރު ނުވާކަމަށް ބުނެފައި ވެއެވެ. އެ ލިސްޓުގައި އެއް މަހުގެ ކުދިންވެސް ހިމެނެއެވެ.
ނަމަވެސް މި ލިސްޓަކީ ސައްޚަ ލިސްޓެެއް ކަމަށް ރަސްމީ އެއެއްވެސް އިދާރާއަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.
އެލެކްސް އަހުމަދުގެ ޓްވިޓަރ އެކައުންޓުން އިތުރަށް ކުރި ޓްވީޓުގައި ބުނެފައިވަނީ ހައްދުފަހަނަ އަޅައިފައިވާ އިސްލާމިކް ސްޓޭޓްސް، އައިއެސް އާއި ގުޅުމަށް 350 އަށް ވުރެ ގިނަ ދިވެހީން ސީރިއާ އަށް ގޮސްފައިވާ ކަމަށެވެ.