ފިލްމީ ހަޔާތުން ބްރޭކެއް ނަގަން ބޭނުން ކަމަށާއި މިވަގުތު އެންމެ ބޭނުންވަނީ ދަރިންނާއި އެކުގައި ވަގުތު ހޭދަކުރުމަށް ކަމަށް ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ޝާހްރުކް ޚާން ބުނެފި އެވެ.
ޗައިނާ ރޭޑިއޯ އިންޓަނޭޝަނަލް (ސީއާރްއައި) ހިންދީއަށް ދިން އިންޓަވިއުއެއްގައި، ޝާހްރުކް ޚާން ބުނީ އަވަސް ތާރީހެއްގައި އޭނާ އާ ފިލްމަކަށް ސޮއިކުރުމުގެ ވިސްނުމެއް ވެސް ނެތް ކަމަށެވެ.
ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ 54 އަހަރުގެ އެކްޓަރު ބުނީ ކުރިން ނިންމައިގެން ހުރީ ޖޫން މަހުގެ ތެރޭގައި އާ ޕްރޮޖެކްޓެއްގެ މަސައްކަތް ފެށުމަށް ކަމަށާއި ނަމަވެސް މިހާރު އެ ވިސްނުންވެސް ދޫކޮށްލާފައިވާ ކަމަށެވެ. އަދި ފިލްމުތައް ކުޅެން ފުލުފުލުގައި ފުރުސަތު ލިބެމުން އައި ނަމަވެސް މިވަގުތު އިތުރު ފިލްމެއްގައި މަސައްކަތް ކުރަން ބޭނުން ނުވާ ކަމަށް ޝާހްރުކް ޚާން ވަނީ ބުނެފައެވެ.
ޝާހްރުކް ޚާން ބުނީ އޭނާގެ ދެ ދަރިންގެ ކޮލެޖު ދައުރު ނިމެމުން އަންނަ ކަމަށާއި އެހެންކަމުން އެކުދިންނާއި އެކުގައި ވީހާވެސް ގިނަ ވަގުތު ހޭދަކުރުމަށް ބޭނުންވާ ކަމަށެވެ.
ޝާހްރުކް ޚާންގެ ދޮށީ ފިރިހެން ދަރިފުޅު އާރިޔާން ހާން އެމެރިކާގައި ކިޔަވަމުން އަންނަ އިރު، އޭނާގެ އަންހެން ދަރިފުޅު ސުހާނާ ކިޔަވަނީ އިނގިރޭސިވިލާތުގައެވެ
މި ފަހުން ކުޅުނު ޝާހްރުކް ޚާންގެ ހުރިހާ ފިލްމެއް ފްލޮޕްވެފައިވާ އިރު ބޮޑު ބަޖެޓަކުން ހަދައި މިދިޔަ އަހަރު ޑިސެމްބަރު މަހު ރިލީޒް ކުރި "ޒީރޯ" ވެސް ވެގެން ދިޔައީ ޝާހްރުކް ޚާންގެ ފްލޮޕް ލިސްޓަށް އިތުރު ކުރެވުނު ބޮޅަކަށެވެ.
ޝާހްރުކް ޚާންގެ އިންޓަވިއު.