ފަޅޮލުގެ ތަފާތު ވައްތަރު ތަކަކީ ދިވެހިންގެ ތެރޭގައި އަބަދުވެސް މަގްބޫލުކަން ހޯދައިފައިވާ މޭވާ ބާވަތެކެވެ. އެއިން ދޭ ފޮނި ރަހައަކީ ދިވެހިންނާއި ބީރައްޓެހިކަމެއް ނެތް ރަހައެކެވެ. އޭގައި ވާ ކުލައަކީ ދިވެހިން މިސާލު ޖެހުމަށްވެސް ބޭނުންކުރާ ކުލައެކެވެ. "ރަންގު ފަޅޯ" ކުލައެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކުހެން ފަޅޯ ގަސް ހައްދާފައި ހުރެއެވެ. ގަހުން ބިނދެގެން ރޮލާ ކެއުމުގެ އިތުރުން ފަޅޯ ބޯ ކުރުމާއި ފަޅޯ މަޖާ ހެދުން ވެސް އެއީ ދިވެހިން ވަރަށް ފޯރިއާއެކު ކުރާ ކަންތައްތަކެވެ.

ރަމަޟާންމަހުގައި ދިވެހިންނަށް ބޭނުންވަނީ ވަރަށް ގިނަގުނަ ފައިދާތަކެއް އެކުލެވިގެންވާ، ފައިދާހުރި ހުރިހާ ގޮތަކުން ފުރިހަމަވެފައިވާ ކާނާކަން ޔަގީނެވެ. ރަމަޟާން މަހަކީ މާތް މައްސަރެއް ކަމުން ދިވެހިން ރޯދަމުގައި ރޯދަވީއްލުމާއި މި ނޫންވެސް ކަންކަން ކުރުމުގައި އެންމެ މޮޅުގޮތް އިޚްތިޔާރުކުރުމުގައި ޚާއްސަ އިސްކަމެއް ދިވެހިންދެއެވެ. މިގޮތުން ފަޅޯ ފަދަ ހިތުގެ ބަލިތަކަށް ރަނގަޅު، ހަޖަމްކުރުމުގެ ނިޒާމަށް ފަސޭހަކަމެއް ގެނެސްދޭ ކާނާއެއް ކަމަށްވާ ފަޅޯ ބޭނުންކުރުން މުހިންމެވެ.

ރާއްޖޭގައި ފަޅޯ ގިނައިން ހެދުމުގެ އެއް ސަބަބަކީ، ރާއްޖެއަކީ ހޫނު ގައުމަކަށް ވުމެވެ. އެހެންކަމުން ހޫނު މާހައުލުތަކުގައި ފުރިހަމަކަމާއެކު ހެދޭ ގަހެކެވެ. އަދި ފަޅޯގަަހަކީ އަހަރުގެ ކޮންމެ ހިސާބެއްގައިވެސް، ވަކި މޫސުމަކަށް ބަރޯސާނުވެ، މޭވާ އަޅައި، ދޮންވެ ފައްކާވާ ގަހެކެވެ. މީގެ އިތުރުން ދުނިޔެއިން އެންމެ ގިނަ އަދަދަކަށް ފަޅޯ ހައްދަނީ އިންޑިއާ އިންކަމަށް ފާހަގަ ކޮއްލެވެއެވެ.

ފަޅޮލުން ލިބޭ ބައެއް ފައިދާތައް

ނޭވާ ހިއްލުމުން ދުރުކޮށް ދިނުން: "ބީޓާ ކެރޮޓީން" އަކީ ފަޅޯގައި މަތީ މިންވަރަކަށް އެކުލެވިގެންވާ މާއްދާއެކެވެ. މިއީ ނޭވާ ހިއްލުމުން ދުރުކޮށްދޭ ގުދުރަތީ ބޭހެއް ފަދައިންވާ މާއްދާއެކެވެ.
ކެންސަރަށް މަގުފަހިވުމުން ދުރުކޮށްދިނުން: ފަޅޯގައި އެކުލެވިގެންވާ "އެންޓި އޮކްސިޑެންޓް" ތަކުގެ ސަބަބުން ކެންސަރު ބަލިން މީހާ ދުރުކުރާނެއެވެ.
ކަށިތަކުގެ ބާރު ދެމެހެއްޓުން: "ވިޓަމިން ކޭ" ގެ ހަށިގަނޑަށް އެތެރެ ކުރާ މިންވަރު މަދު ވުމަކީ ކަށިތައް އަވަހަށް ފީވެ ބަލިކަށިވުމުގެ ފުރުސަތު އިތުރުވެގެންދާ ކަމެކެވެ. ފަޅޯ ފަދަ "ވިޓަމިން ކޭ" ގެ މާއްދާ އެކުލެވޭ ކާނާ ކެއުން މުހިންމެވެ. އެހެނީ އޭގެ ސަބަބުން ހަށިގަނޑަށް "ކެލްޝިއަމް" ނަގައިގަތުމުގެ ކުޅަދާނަކަން އިތުރުވެގެން ދެއެވެ. މީގެ ސަބަބުން ކަށިގަނޑުގައި ބާރުޖެހި، ކަށިގަނޑު ވަރުގަދަވާނެއެވެ.
ހަކުރު ބައްޔަށް ރަނގަޅު: ދިރާސާތަކުން ދައްކާ ގޮތުން ހަކުރުބަލި ހުންނަ މީހުންގެ ތެރެއިން ގަވާއިދުން ފަޅޯ ކާ މީހުންގެ "ބްލަޑް ޝުގަރ" ހުންނަ މިންވަރާއި "ބްލަޑް ޕްރެޝަރ" ހުންނަ މިންވަރު މަދެވެ. އެންމެ ކުޑަ ފަޅޯއެއްގައިވެސް 3 ގްރާމް "ފައިބަރ" ހުންނަ ކަމަށް ވެއެވެ. އެއީ 17 ގުރާމު "ކާބޯހައިޑްރޭޓް" އާއި އެއް ދާދި އެެއް މިންވަރެކެވެ.
ހަޖަމް ކުރުމުގެ ނިޒާމު ރަނގަޅުވުން: ފަޅޮލުގައި އެކުލެވިގެންވާ "ޕަޕައިން" ނަމަކަށް ކިޔާ އެންޒައިމް އަކީ ހަޖަމް ކުރުމުގެ ނިޒާމު ފުރިހަމަ ކަމާއިއެކު ކުރިއަށް ގެންދިޔުމުގައި އިސް ދަައުރެއް އަދާ ކުރާ މާއްދާއެކެވެ.
ހިތުގެ ބަލިތަކަށް ފަރުވާއެއް: ހިތުގެ ބަލިތަކުން ރައްކާ ކޮށްދޭ މާއްދާތަކަށް ވާ "ފައިބަރ"، "ޕޮޓޭޝިއަމް" އަދި "ވިޓަމިން" ގެ އެކި ބާވަތްތަކަކީ ފަޅޯގައި ގިނަ އަދަދަކަށް އެކުލެވިގެންވާ މާއްދާތަކެކެވެ. ހިތުގެ ބަލި ޖެހުމުގެ ފުރުސަތު އޮތް މީހަކު ނަމަ. ހަށިގަނޑަށް " ޕޮޓޭޝިއަމް" އެތެރެ ކުރެވޭ މިންވަރު އިތުރުކޮށް، "ސޯޑިއަމް" އެތެރެ ކުރާ މިންވަރު މަދު ކުރުމަކީ އެމީހެެއްގެ ކެއުމުގެ ޑައެޓަށް ގެންނަން ޖެހޭ އެންމެ މުހިންމު އެއް ބަދަލެވެ.
މީގެ އިތުރުން ހަންގަނޑުގެ އޮމާން ކަމާއި ރީތިކަން ދެމެހެއްޓުމަށާއި، ފާރުތަކާއި ހަލާކުވެފައިވާ ތަންތަން ފަސޭހަވުން އަވަސް ކޮށް ދިނުމާއި، އިސްތަށިގަނޑުގެ ސިއްހަތު ސަލާމަތުން ބަހައްޓައިދިނުމާއި "އިންފްލެމޭޝަން" ތަކުން ދުރުކޮށް ދިނުން ފަދަ ފައިދާތައް ފަޅޮލުން ލިބެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *