ސްރީލަންކާގައި ހައްޔަރުކުރާ ހުރިހާ ދިވެހިންނަކީ ބޮމުގެ ހަމަލާތަކާއި ގުޅިގެން ހައްޔަރުކުރާ މީހުންނެއް ނޫން ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
"ޖާޒީރާ ނިއުސް" އަށް މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ސްރީލަންކާގައި ހައްޔަރުކުރާ ހުރިހާ ދިވެހިންނަކީ ބޮމުގެ ހަމަލާތަކާއި ގުޅިގެން ހައްޔަރުކުރާ ބައެއް ނޫން ކަމަށާއި، ގިނަ މީހުންގެ އެގައުމުގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ ވިސާގެ މައްސަލަތަކާއި ގުޅިގެން ކަމަށެވެ.
ފޮރިން މިނިސްޓްރީން އިތުރަަށް ވިދާޅުވީ، މިހާތަނަށް ސްރީލަންކާގެ ފުލުހުން ހައްޔަރުކޮށްފައިވަނީ ކިތައް ދިވެހިން ކަމެއް ނޭނގޭ ކަމަށާއި، އަދި އިސްލާމިކް ސްޓޭޓްގެ މައުލޫމާތު ހިމެނޭ ފޮތެއް ގެންގުޅެގެން ހައްޔަރު ކުރި ދެ ދިވެހިން މިފެށޭ މެއި މަހުގެ 10 ވަނަ ދުވަހާއި ހަމައަށް ލަންކާގެ ޖަލުގައި ހައްޔަރުކޮށްފައި ބައިތިއްބާނެކަމަށެވެ.
މިއަދުގެ ވަގުތެއްގައި ވަނީ، ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު ވެސް ޖަލުގައި ތިބި ދިވެހިންނާއި ބައްދަލުކުރައްވާފައެވެ. އެމްބަސީން ދަނީ ހައްޔަރުގައި ތިބި ދިވެހިންނަަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.