މިއަހަރުގެ ޖެނުއަރީ މަހު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު (ވީ.އައި.އޭ)އަށް ޖެއްސި ފްލައިޓްތަކުގެ އަދަދު އަށް ޕަސެންޓަށް އިތުރުވެއްޖެ އެވެ.
ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީ މަހާއި ޑިސެމްބަރު މަހަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތް ކުރާ ދުވަސްވަރެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ "މަންތްލީ އިކޮނޮމިކް އިންޑިކޭޓަރ" ރިޕޯޓުގައިވާ ގޮތުން މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާ އަދި ފުރާފައިވާ މަތިންދާ ބޯޓުތަކުގެ އަދަދު އުޅެނީ، 5،554 ގައެވެ. އަދި މިދިޔަ އަހަރުގެ ޖެނުއަރީމަހު މި އަދަދު ހުރީ، 5132 ގައެވެ.
މީގެ އިތުރުން ޖެނުއަރީމަހު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޖެއްސި އަދި ފުރި މަތިންދާ ބޯޓުތަކުގެ ތެރެއިން އެތެރޭގެ އުދުހުންތަކުގެ އަދަދު 2،834 އުޅޭއިރު ބައިނަލްއަގްވާމީ ފްލައިޓުތަކުގެ އަދަދު އުޅެނީ، 2،720 ގައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ވެލޭނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާ އަދި ފުރާ މަތިންދާބޯޓުތަކުގެ އަދަދު އަންނަނީ އިތުރުވަމުން ނެވެ. އެގޮތުން 2016ވަނަ އަހަރު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޖެއްސި އަދި ފުރި ފްލައިޓުގެ އަދަދު 50،338 ގައި އުޅޭއިރު، 2017ވަނަ އަހަރު ނިމުނުއިރު މިއަދަދު ވަނީ، 51،696 ފްލައިޓަށް އިތުރުވެފައެވެ.